ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ލީޑް ރޯލް ކުޅެން ކުރިން އެއްބަސްވި ފިލްމު "ސްޕިރިޓް"ގެ ފައިދާގެ 10 އިންސައްތައަށް ބަތަލާ އެދުނު ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ކޮއްކޮ ބުނެފިއެވެ.
ސަންދީޕްގެ ކޮއްކޮ، ޕްރަނޭ ރެޑީ ވަންގާ ބުނި ގޮތުގައި ދީޕިކާ ވަނީ އެކަމަށް އިންކާރު ކުރުމުން، ފިލްމާ ބެހޭ ސިއްރު މައުލޫމާތުތަކެއް އާންމުކޮށްފައެވެ.
މި ފިލްމުން ދީޕިކާ ވަކިވުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ވާހަކަ އަލުން ފެންމަތިވެފައިވާއިރު، ޕްރަނޭ ބުނީ ކުރިން ދެކެވުނު ވާހަކަތަކުގައި އަށް ގަޑިއިރު މަސައްކަތް ކުރުމުގެ ޝަރުތުގެ ވާހަކަ ބޮޑުވި ނަމަވެސް، މައިގަނޑު މައްސަލައަކީ އުޖޫރައާއި ފައިދާ ބެހުމުގެ ކަންތައްތައް ކަމަށެވެ.
އެންޓީވީއަށް ދިން އިންޓަވިއުއެއްގައި ޕްރަނޭ ބުނީ، ޕްރަބާސް ބަތަލުގެ ބައި ކުޅޭ މި ފިލްމުން ދީޕިކާ ވަކިކުރަން ނިންމީ އޭނާގެ އުޖޫރައާއި، މަސައްކަތު ގަޑިތަކުގެ އިތުރުން އެހެނިހެން ކަންކަމާ މެދު އެއްބަސްވުމަކަށް ނާދެވުމުން ކަމަށެވެ.
ޕްރަނޭ އިތުރަށް ބުނި ގޮތުގައި މި ނިންމުމަކީ ސަންދީޕްގެ ނިންމުމެކެވެ. ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ސަންދީޕް ދިޔައީ ފިލްމާ ގުޅޭގޮތުން ދީޕިކާއާ ވާހަކަދައްކަމުންނެވެ. ނަމަވެސް ދީޕިކާގެ ފަހުގެ ފިލްމުތައް ކާމިޔާބުވުމުން، މާ ބޮޑު ޝަރުތުތަކެއް ބަތަލާ ހުށަހެޅި ކަމަށް ޕްރަނޭ ބުނެފައިވެއެވެ.

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އަދި ތުރިޕްތީ ދިމްރީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
"ދީޕިކާ ފައިދާގެ 10 އިންސައްތައަށް އެދުމުން ކަންތައްތައް އަތުންދޫވީ. ކޮންމެ މީހަކަށްވެސް ކޮންމެ އެއްޗަކަށްވެސް އެދެވިދާނެ، އެކަމަކު އެއީ ފިލްމުގެ ބަޖެޓަށް ބަލާއިރު އަހަރެމެންނަށް ދެވޭނެ މިންވަރަކަށް ވާންޖެހޭނެ. އެކަން ހަމަނުޖެހޭނެކަން އެނގުމުން އެހެން ފުރުސަތުތަކެއް ހޯދަން ފެށީ. އެއާއެކު އެމީހުން ވަނީ ފިލްމުގެ މައުލޫމާތުތައް ލީކުކުރަން ފަށާފައި،" ޕްރަނޭ ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސަންދީޕް އެކްސްގައި ނުރުހުން ފާޅުކުރަމުން ބުނީ، އެކްޓަރަކަށް ވާހަކަ ކިޔައިދެނީ ވަރަށް ބޮޑު އިތުބާރަކާ އެކުގައި ކަމަށެވެ. ނަމަވެސް އެ ސިއްރުތައް ހާމަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ 'ޑާޓީ ޕީ.އާރް' ކުޅިވަރެއް ކަމަށް ސަންދީޕް ވަނީ ސިފަކޮށްފައެވެ.
ފިލްމު "ސްޕްރިޓް"އިން ވަކިވި މައްސަލައާ ގުޅިގެން ސީއެންބީސީއަށް ތަންކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ، އޭނާއަކީ އަބަދުވެސް ހިމޭންކަމާ އެކު ކަންކަމާ ކުރިމަތިލާ މީހެއް ކަމަށެވެ.
މަސައްކަތުގެ ޝެޑިއުލް އަށް ގަޑިއިރަށް ބަދަލުކުރަން އެދުނު އެދުމަކީ ބޭއިންސާފު ކަމެއް ނޫން ކަމަށާއި، ފިލްމީ ދާއިރާގެ މަސައްކަތުގެ މާހައުލު އޮންނަ ގޮތުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ދީޕިކާ ފާހަގަކުރި ގޮތުގައި ފިރިހެން އެކްޓަރުން ވެސް މިފަދަ ގަޑިތަކުގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާއިރު، އެއީ މީގެ ކުރިން މައްސަލައަކަށް ވެފައެއް ނުވެއެވެ.
ފިލްމު "ސްޕިރިޓް"ގެ ރޯލްއިން ދީޕިކާ ވަކިވުމާ ގުޅިގެން މިހާރު އެ ރޯލަށް ހަމަޖައްސާފައިވަނީ ޒުވާން ބަތަލާ ތްރިޕްތީ ދިމްރީއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް މަހަށެވެ.