ސިދާތު އާއި ކިއާރާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދަނީ

ސިދާތު މަލްހޯތުރާ އަދި ކިއާރާ އަދުވާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދްވާނީ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފެއްދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިން، ފިލްމު އުފައްދާ ޕްރޮޑިއުސަރުންނަށް ބަދަލުވެ އަމިއްލަ ފިލްމު ކުންފުނިތައް އުފެއްދުން މިފަހަކަށް އައިސް އާންމުވަމުން އަންނައިރު، ދާދި ފަހުން އެކްޓަރު ކާތިކް އާރްޔަން ވެސް ވަނީ "ޑޯޕަމިން ސްޓޫޑިއޯސް"ގެ ނަމުގައި އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ތައާރަފްކޮށްފައެވެ.

ސިދާތު އާއި ކިއާރާ ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތް ފަށަން ނިންމީ އެކްޓަރުންގެ ގޮތުގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދުމަށްފަހު، އަމިއްލަ ފަންނީ މިނިވަންކަން ނުވަތަ 'ކްރިއޭޓިވް ކޮންޓްރޯލް' އަތުގައި އޮތުމަކީ މުހިންމުކަމެއް ކަމަށް ދެކޭތީއެވެ.

ސިދާތު މަލްހޯތުރާ އަދި އެކްޓަރުގެ ކުރިއަށްއޮތް ފިލްމު "ވީވަން"ގެ ޕޯސްޓަރެއް--ފޮޓޯ/މިޑްޑޭ

މީގެއިތުރުން ސިދާތު އާއި ކިއާރާގެ ފިލްމީ ކެރިއަރު ދެން އޮތް މަރުހަލާއަށް ގެންގޮސްދޭނެ ފަދަ ފިލްމުތަކެއް މިހާރުގެ ޕްރޮޑިއުސަރުންގެ ފަރާތްތަކުން ހުށަނޭޅުމަކީ ވެސް ދެމަފިރިން ފިލްމު އުފެއްދުމަށް ޝައުގުވެރިވި ސަބަބެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ މަޝްރޫއުގައި ސިދާތު ފެންނާނީ ލީޑް އެކްޓަރުގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައެވެ. ކިއާރާ މިކަމުގައި ބައިވެރިވުމުން، ފިލްމު އުފެއްދުމުގެ ހުރިހާ މަރުހަލާއެއްގައި އެ ދެމަފިރިންގެ ފުރިހަމަ ބާރު އޮންނާނެއެވެ. މިއީ އެމީހުންގެ ޝައުގުވެރިކަން ހުރި ދާއިރާތަކުން ފެންވަރު ރަނގަޅު ފިލްމުތަކެއް އުފެއްދުމަށް ލިބޭނެ ފުރުސަތެއް ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، ސިދާތު އާއި ކިއާރާ ބޭނުންވަނީ އަވަސް އަރުވާލައިގެން ބޮޑެތި މަޝްރޫއުތަކެއް ފެށުމުގެ ބަދަލުގައި، "ބުޓީކް" ފިލްމު އުފައްދާ ކުންފުންޏެއްގެ ގޮތުގައި މި މަސައްކަތް ފަށާށެވެ. އެމީހުންގެ އަމާޒަކީ މާލީ ގޮތުން ބޮޑު އިސްރާފެއް ނުވާނެ ފަދަ ބަޖެޓެއްގައި، ވަރުގަދަ މާނަވީ ވާހަކަތަކެއް ފިލްމީ އުފެއްދުންތަކުގެ ގޮތުގައި ގެނެސްދިނުމެވެ.

ސިދާތުގެ ހުނަރު އެންމެ ފުރިހަމައަށް ބޭނުންކޮށްގެން، ބެލުންތެރިން ބަލައިގަންނަ ފަދަ ފިލްމުތަކެއް އުފެއްދުމަށް އެމީހުން ގެންގުޅޭނީ މަޑުމަޑުން ފިޔަވަޅު އެޅުމުގެ ސިޔާސަތެކެވެ.

ސިދާތު އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ، މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޕަރަމް ސުންދަރީ"އިންނެވެ. ސިދާތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ މި އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރާ އެޑްވެންޗަ މިސްޓްރީ ފިލްމު "ވީވަން - ފޯސް އޮފް ދަ ފޮރެސްޓް"އިންނެވެ.

comment ކޮމެންޓް