ވިއްސާރަވެ ވައި ގަދަވުމުގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫ މަގުމައްޗަށް ރުކެއް ވެއްޓި، އެ ވަގުތު ސައިކަލެއްގައި ދިޔަ ދެ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ.
މިއަދު އިރުއޮއްސި 6:00 ޖެހިއިރު ހިނގި މި ހާދިސާގައި، ރުއް ވެއްޓުނު މަގުން ދިޔަ ސައިކަލެއްގައި ފިރިހެނަކާއި ކުޑަކުއްޖަކު ތިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި "މައިލޯ ނަހުމް" އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން ސައިކަލެއް މަގަށް ވަދެގެން ދިޔަ ވަގުތު، އެ މަގުގައި ހުރި ފިހާރައެއްގެ ކުރިމައްޗަށް ވަނީ އިމާރާތުގެ ކައިރީގައި ހުރި ރުއް އެއްކޮށް ވެއްޓިފައެވެ.
ރުއް ވެއްޓުމާއެކު އެއިން ވެއްޓުނު ކިހާތައް ސައިކަލުގައި ޖެހި، ސައިކަލު އަރިއަޅާލައިގެން ދިޔަ ނަމަވެސް، ސައިކަލު ދުއްވަން ހުރި މީހާ ވަނީ ސައިކަލު ކޮންޓްރޯލްކޮށް، ނުރައްކާތެރި އެ ދިސާއިން ސަލާމަތްވެފައެވެ. އަދި އެ ވަގުތު އޭނާ އަރިއަޅައިލީ ވެއްޓުނު ރުކުގެ ފަންގަނޑު މައްޗަށް ސައިކަލު އެއްކޮށް އެރުމުންނެވެ.