ސީއެޗްއެސްއީގެ ހަތް ބުރީގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެ އިމާރާތް އެޅުމަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ، މިދިޔަ ފެބްރުއަރީ ހަތަރެއްގައެވެ.
ހަތް ބުރީގެ ސީއެޗްއެސްއީ އާ އިމާރާތް ބިނާކުރުމަށް ހަމަޖެހިފައި ވަނީ، މާލޭގައި މިހާރު ސީއެޗްއެސްއީ ހިންގާ ބިމުގެ ބިށްދޮށުގައި އޮތް ހުސް ޖާގައިގައެވެ. އެ ތަން އިމާރާތް ކުރަން ހަވާލުކުރީ، 51.6 މިލިއަން ރުފިޔާއަށެވެ.
މިނިސްޓަރު ޝަފީއު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިހާރު ކުރިއަށް ދަނީ އެ ސުކޫލުގެ ކުރެހުންތައް އެޕްރޫވް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އުންމީދަކީ މި އަހަރުގެ ފަހުކޮޅު އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ސީއެޗްއެސްއީގެ އާ އިމާރާތް ތަރައްގީ ކުރަނީ، 15 ކުލާސްރޫމާއި ހަތަރު ސައިންސް ލެބާއި ސްޓާފްރޫމެއް ހިމަނައިގެންނެވެ. އަދި، ލީޑިން ޓީޗާ ރޫމާއި އެޑްމިން އޮފީހުގެ އިތުރަށް ތިން ލިފްޓާއި ޕާކިން ސަރަހައްދެއް ވެސް އެ ސުކޫލުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.