މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ދިވެހި ކިއުކަމްބާއާއި ފެޝަން ފުރުޓުގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެއެވެ.
ރާއްޖޭގައި ހައްދާ ކިއުކަމްބާ ކިލޯއެއް މިހާރު ލިބެން ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ ކުރިން ކިއުކަމްބާ ކިލޯއެއް އާއްމުކޮށް ވިއްކާފައިވަނީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ހަމައެހެންމެ، ކުރިން ކިލޯއެއް 80 ރުފިޔާއަށް ވުރެ މަތީގައި ހުރި ދިވެހި ފެޝަން ފުރުޓުގެ އަގު ވަނީ ކިލޯއެއް 50 ރުފިޔާއަށް ދަށްވެފައެވެ.

ބާޒާރުގައި މިއަދު ތަރުކާރީގެ ބާވަތްތަކެއް ވިއްކަން ބަހައްޓާފައި: ދިވެހި ކަމްބާ އާއި ފެޝަން ފުރުޓުގެ އަގު ވަނީ ހެޔޮ ވެފައި --- ސަން ފޮޓޯ
މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން ބުނި ގޮތުގައި، މި ދެ ބާވަތުގެ އަގު ހެޔޮވެފައިވަނީ ބާޒާރަށް މި ތަކެތި ނެރެފައިވާ މިންވަރު ގިނަވުމުންނެވެ.
މީގެ އިތުރުން، ކަނޑޫދޫ މިރުހުގެ އަގުވެސް ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. މިދިޔަ ހަފުތާގައި 400 ރުފިޔާއާއި 430 ރުފިޔާއާ ދެމެދުގައި ވިއްކި ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު ލިބެން ހުރީ 330 ރުފިޔާއާއި 380 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ދިވެހި ބަނބުކެޔޮ ކިލޯއެއް 70 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގައި ހުރިއިރު، މީގެ ކުރިން ބަނބުކެޔޮ ކިލޯއެއް 100 ރުފިޔާއަށްވެސް ވިއްކާފައިވެއެވެ. އަދި ކުރިން 50 ރުފިޔާއަށް ވިއްކި މޮޅު ދިވެހި ފަޅޯ ކިލޯއެއް މިހާރު ލިބެން ހުރީ 35 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.

ކަނޑޫދޫ ވިޔަފާރިވެރިއަކު މިރުސް ވިއްކަން ގޮޅީގައި: މަޝްހޫރު ކަނޑޫދޫ މިރުހުގެ އަގު ވެސް ވަނީ ހެޔޮ ވެފައި-- ސަން ފޮޓޯ: މުޙައްމަދު މާވީ
ބައެއް ބާވަތްތަކުގެ އަގު ދަށްވި ނަމަވެސް، ބައެއް ތަރުކާރީއާއި މޭވާގެ އަގު ވަނީ އުފުލިފައެވެ. މައިގަނޑު ގޮތެއްގައި އަގު ބޮޑުވެފައި ވަނީ ރާއްޖޭން ބޭރުން އެތެރެ ކުރާ ތަކެތީގެއެވެ. އެގޮތުން، ކުރިން 25 ރުފިޔާއާއި 30 ރުފިޔާއަށް ލިބުނު ކެރެޓު ކިލޯއެއްގެ އަގު ވަނީ 50 ރުފިޔާއަށް ވަނީ އުފުލިފައެވެ. އަދި 30 ރުފިޔާއާއި 35 ރުފިޔާއަށް ވިއްކި ކެބެޖު ކިލޯއެއްގެ އަގު 60 ރުފިޔާއަށް ބޮޑުވެފައިވާއިރު، އިންޑިއާ ކަރާ ކިލޯއެއްގެ އަގު ވަނީ 18 ރުފިޔާއާއި 20 ރުފިޔާއިން 35 ރުފިޔާއަށް އުފުލިފައެވެ.
ލުނބޯ ކިލޯއެއް 30 ރުފިޔާއަށް ހުރިއިރު، ޓޮމާޓޯ ކިލޯއެއް ވިއްކަނީ އާންމުކޮށްވެސް ވިއްކާ ރޭޓު ކަމަށްވާ 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގައެވެ. މީގެ އިތުރުން، ޗިޗަންޑާއާއި ތޮރާ ކިލޯއެއްވެސް ހުރީ އާންމު އަގު ކަމަށްވާ 35 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގައެވެ.
"ސަން" އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ އެހެން އަހަރުތަކާ އަޅާބަލާއިރު މިހާރު އާއްމުކޮށް ވެސް ބާޒާރުގެ ވިޔަފާރި ދަށް ކަމަށެވެ. އެގޮތުން އާއްމު ރައްޔިތުން ތަކެތި ގަންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.