ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފަހައްޓައި، ގުރުއާނާއި ސުންނަތަށް އަމަލުކުރާ ބަޔަކަށް މަގެއް ނޯޅޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ޚުތުބާ އިއްވާފައި ވަނީ، ކީރިތި މާތް ނަބިއްޔާގެ މައްޗަށް ލޯބިވުމުގެ މައްޗަށެވެ.
ޚުތުބާގައި ފެށީ، މާތް ނަބިއްޔާ ރަސޫލު ކަމައިގެން ފޮނުވުމުގެ ކުރިން މީހުންގެ އަމަލުތައް ހުރި ގޮތް ކިޔައިދެމުންނެވެ. މިގޮތުން، މަދު ބަޔަކު ފިޔަވައި، ގިނަ މީހުން ދިޔައީ ގަސްގަހާގެއްސާއި ފެނާއި ހިލައާއި އިންސާނުންނަށް ވެސް އަޅުކަން ކުރި ކަމަށް ޚުތުބާގައި ބުންޏެވެ. އަޅުކަން ކުރުން ހައްގުވެގެންވާ އިލާހަކީ ކޮބައިކަން ދަންނަ މީހުން މަދު ކަމަށް ޚުތުބާގައި ކިޔައިދީފައިވެއެވެ.

ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ: އާއިޝް އަޝްރަފް
އެއަށް ފަހު، ޚުތުބާގައި އަލިއަޅުވާލީ ރަސޫލާގެ މާތް ކަމުގެ ވާހަކަތަކަށެވެ. "މުސްލިމް އަޚުންނޭވެ. މާތް ސާހިބާ مُحَمَّدٌ އަކީ ތަޤުވާވެރީންގެ އިމާމެވެ. ރަސޫލުކަމާއި ނަބީކަން ޚަތިމުކުރެއްވި މާތް ސާހިބާއެވެ. ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަޤާމާއި ޙައުޟޭ ކިޔުނު ފެންއާރުގެ ވެރި ސާހިބާއެވެ. އެބޭކަލަކަށް ޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވޭނޭ ސާހިބާ" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، އެ މީހެއްގެ ނަފުސާއި މުދަލާއި އަނބިދަރިންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، ސުންނަތަށް ނަސްރު ދީގެން ނޫނީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ.
މިގޮތުން، އެކަލޭގެފާނު ދެކެ ލޯބިވާ މީހާ، ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤިއްޔާތުގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލަން ޖެހޭ ކަމަށް ޚުތުބާގައި ބުނެދީފައިވެއެވެ.

މީހުން ނަމާދަށް މިސްކިތަށް އަރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން، އެކަލޭގެފާނަށް ނަފުރަތުކުރުމާއި ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަން ކަމަށާއި އެ ފަދަ މީހުންނަކީ މާތް ﷲ ލަޢުނަތްލައްވައި ވޭންދެނިވި ޢަޒާބުދެއްވާނޭ ބައެއްކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
މިއަދުގެ ޚުތުބާގައި ވަނީ، ﷲއަށް ތަގުވާވެރިވެ، އެ ކަލާނގެއަށް ބިރުވެތިވުމަށް ގޮވާލާފައެވެ. ޚުތުބާގައި ވަނީ އިސްލާމްދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ، އިސްލާމީ އުންމަތަށް ޓަކައި ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފަހެއްޓުމަށް ގޮވާލާފައެވެ. އެ ތަރިކައަކީ، ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތް ކަމަށްވާއިރު، އެ ތަކެތީގައި ދެމިތިބި ބަޔަކު މަގު އޮޅިގެން ނުދާނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
މިއަދުގެ ޚުތުބާ ނިންމާލީ، މުސްލިމުންނަކީ ﷲގެ ކަލިމަފުޅު އުފުލުމަށްޓަކައި މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ދުއާކުރަމުންނެވެ.