ހުވަދޫ ކަނޑަށް ތިން މީހުން ގެއްލުނުތާ ދެ ހަފުތާވީއިރު، ހުއްޓުމެއްނެތި ހޯދަނީ

ގެއްލުނު ތިން މީހުން: އެ މީހުން ހޯދުމުގެ މަސައްކަތް އަދި ވެސް އަންނަނީ ކުރަމުން

ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" އަޑިއަށް ދިޔަ ހާދިސާގައި ހުވަދޫ ކަނޑަށް ތިން މީހުން ގެއްލުނުތާ ދެ ހަފުތާވީއިރު، އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

މި މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ ސަލާމަތީ އޮޕަރޭޝަނެއް ހިންގާފައެވެ.

އެ އޮޕަރޭޝަންގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ.

ދޯނި އަޑިއަށް ދިޔައީ، 1،600 މީޓަރަށް ވުރެ ފުނަށް ކަމަށްވާއިރު، މިއީ ޑައިވަރުންނަށް އަދި އަސްކަރީ ސަބްމެރިންތަކަށް ވެސް ޑައިވް ކުރެވޭ ފުންމިނެއް ނޫނެވެ. އެހެންވެ، އެ މީހުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފައެވެ. އިއްޔެއަށް އެ މީހުން ގެއްލުނުތާ ދެ ހަފުތާ މި ވަނީ ފުރިފައެވެ.

https://sun.mv/226123

'ސަން'އިން މިއަދު ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ، އެ ތިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ވަޔާއި ކަނޑުގެ މަގުން އެ މީހުން ހޯދާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، މިހާތަނަށް ބެލުނު ސަރަހައްދުގެ ތަފުސީލެއް ނުދެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ގެއްލުނު ނާފިޢުގެ މައިންބަފައިންނާ، ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ.

މި މަހުގެ 12 ވަނަ ދުވަހު، މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަންހެނުންނާއި، ދަރިފުޅާ ވެސް ބައްދަލުކުރައްވާފައެވެ.

comment ކޮމެންޓް