މި އަހަރުގެ އޮކްޓޫބަރު މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ދެކުނު އިންޑިއާގެ ސުޕަސްޓާ ރަޖްނީކާންތުގެ ފިލްމު "ޖެއިލާ 2"ގެ ޑިޖިޓަލް ރައިޓްސް 16.72 މިލިއަން ޑޮލަރު (160 ކްރޯޑު ރުޕީސް)އަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާނެކަން އިއުލާންކޮށްފައިވާ މި ފިލްމުގެ ސްޓްރީމިންގް ރައިޓްސް މިހާ ބޮޑު އަގުގައި ވިއްކާލެވުމާ އެކު، މިއީ މިހާތަނަށް ތަމަޅަ ފިލްމެއްގެ ސްޓްރީމިން ރައިޓްސް އަށް މިހާ ބޮޑު އަގެއް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ނަމަވެސް ފިލްމުގެ ސްޓްރީމިންގް ރައިޓްސް ވިއްކާލީ ކޮން ޕްލެޓްފޯމަކަށް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

"ޖެއިލާ 2"ގެ މަންޒަރެއްގައި ރަޖްނީކާންތު--ފޮޓޯ/މިޑްޑޭ
ރަޖްނީކާންތު ލީޑް ރޯލް ކުޅެފައިވާ "ޖެއިލާ 2"ގެ ޑައިރެކްޓަރަކީ ނެލްސަން ދިލިޕްކުމާރެވެ. މި ފިލްމަކީ، "ޖެއިލާ"ގެ ނަމުގައި 2023 ވަނަ އަހަރު ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ. ސަން ޕިކްޗާސްއިން އެ އަހަރު ގެނެސްދިން ފިލްމަށް ވެސް ބޮކްސް އޮފީހުގައި ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނުއިރު ދެ ވަނަ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
ފިލްމު "ޖެއިލާ 2"ގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭ، ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީ، ރާމްޔާ ކްރިޝްނަން އަދި ވިދްޔާ ބާލަން ހިމެނެއެވެ.
މީގެއިތުރުން މި ފިލްމުގެ ހާއްސަ ފެނިލުންތަކުން މަޅަޔާލަމް އެކްޓަރު މޯހަންލާލް، ވިޖޭ ސެތުޕަތީ، ޖެކީ ޝްރޮފް އަދި ރިތިކް ރޯޝަން ފަދަ ތަރިން ފެންނާނެއެވެ.