މޯލްޑިވްސް ޕްރިމިއާ ބޭންކު (އެމްޕީބީ) ރަސްމީކޮށް މިރޭ އިފުތިތާހުކޮށްފިއެވެ.
ނަސަންދުރައިގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ބެންކު އިފުތިތާހުކޮށްދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ބެންކުގެ އިތުރަށް، އެ ބެންކުގެ މޮބައިލް އެޕާއި އިންޓަނެޓް ބޭންކިން ޕޯޓަލް އެ މަނިކުފާނު ވަނީ އިފުތިތާހުކޮށްދެއްވާފައެވެ.
އެމްޕީބީއަކީ، ރާއްޖޭގައި ލައިސަންސް ލިބިގެން ރަސްމީކޮށް ހިންގަން ފެށި، ނުވަ ވަނަ ބޭންކެވެ. މި ބޭންކުގެ ފުރަތަމަ ބްރާންޗު ހ. ސަންލީތުގައި ގާއިމުކޮށް، މިއަދު ވަނީ ހުޅުވާފައެވެ.
މި ރަސްމިއްޔާތުގައި އެ ބެންކުގެ ޗެއާޕާސަން އައިޝާ ނޫރުއައިން ޖަނާހު ސިފަކުރެއްވި ގޮތުގައި، މިއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އުފައްދާފައިވާ ބެންކެކެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކު އިފުތިތާހުކުރި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ނޫރައިން --- ފޮޓޯ/ ރައީސް އޮފީސް
މި މަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައި، ނޫރުއައިން ވިދާޅުވީ، މި ބެންކާއެކު އިގުތިޞާދަށް ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި، މިއީ ފެށުމެއްގެ ގޮތުގައި ސިފަކުރައްވައި، އިތުރު ކުރިއެރުންތައް ގެނައުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެ ބެންކުގެ ފަރާތުން ވަނީ، ބެންކުގެ ޓެކްނިކަލް ޕާޓްނަރުންނަށް ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.
މި ބޭންކަށް މިދިޔަ އަހަރުގެ މެއި 19ގައި އެމްއެމްއޭއިން ވަނީ 'ޓިއާ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކޮށްފައެވެ.
އެ ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުން، ރާއްޖޭގައި ކޮމާޝަލް ބޭންކިންގް ވިޔަފާރިކުރުމުގެ ދާއިމީ ލައިސަންސާއި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިނީ، އޭގެ އަހަރެއް ފަހުން މިދިޔަ މެއި މަހުގެ 19ގައެވެ.