ޕޯސްޓު މެދުވެރިކޮށް އެތެރެކުރި 3 ކިލޯއަށްވުރެ ގިނަ ޑުރަގު އަތުލައިގެންފި

ފުލުހުން މަސްތުވާތަކެތި ނައްތާލުން: ޕޯސްޓު މެދުވެރިކޮށް އެތެރެކުރި 3 ކިލޯއަށްވުރެ ގިނަ ޑުރަގު ވަނީ އަތުލައިގެންފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ ޕޯސްޓުން ގެނެސްފައިވާ ޕެކޭޖެއް މިދިޔަ ހޮނިހިރު ދުވަހު ބަލައިފާސް ކުރަމުންދިޔައިރު އޭގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވުނު ކަމަށެވެ. އެހެންވެ، އިތުރަށް ބެލިބެލުމުން އެ ޕެކޭޖުން 3،252 ގްރާމްގެ ކެނަބިސް ފެނުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް މިހާތަނަށް ފުލުހުންގެ ފަރާތުން ކަށަވަރުވެފައިނުވެއެވެ.

ޕޯސްޓް މެދުވެރިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އެފަދަ މައްސަލަތަކުގައި، ޕެކޭޖާ ހަވާލުވާން ދާން މީހުން ހައްޔަރުކޮށް، މީގެ ކުރިން ޖަލު ހުކުމް ވެސް ކޮށްފައިވެއެވެ.

ކަސްޓަމްސްއިން މީގެ ކުރިން ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެންނަ ޕެކޭޖުތައް ސްކޭން ކުރާ ކަމަށާއި، ޝައްކު ކުރެވޭ ޕެކޭޖުތައް ވަކިން ބަހައްޓައި އިތުރަށް ބަލާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް