ފައިސާގެ ގިނަ އިނާމުތަކެއް ހުށަހަޅާފައިވާ އެމްވީ ރަން އަންނަ މަހު 11ގައި ބާއްވަން ނިންމައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި ދުވުމަކީ، ފަސް ކިލޯ މީޓަރުގެ ދުވުމެއް ކަމަށްވާއިރު، މި ދުވުން ފަށާނީ އަންނަ މަހު 11ގެ ހެނދުނު 06:30ގައެވެ.
މި ދުވުން އެއް ގަޑިއިރުގެ ތެރޭގައި ބައިވެރިން ނިންމަން ޖެހެއެވެ.
ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ)އިން އިންތިޒާމުކުރާ މި ދުވުމުގައި ދެ ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. އެއީ ކޮމްޕެޓެޓިވް ކެޓެގަރީ ނުވަތަ އޯޕަން ކެޓެގަރީއެވެ.
މީގެތެރެއިން، ކޮމްޕެޓެޓިވް ކެޓަގަރީއަކީ ވަނަވަނައަށް ހޮވޭ ފަރާތްތަކުގެ މެދުގައި ވާދަކުރަން ބޭނުންވާ ދުވުންތެރިންނަށް ޚާއްސަ ކެޓަގަރީއެކެވެ. މި ކެޓެގަރީން އަންހެން އަދި ފިރިހެން ދުވުންތެރިން ހަ އުމުރުފުރާއަކުން ވާދަކުރާނެއެވެ. އެއީ:
- ނަވާރަ އަހަރުން ދަށް
- 20 އަހަރާއި 29 އަހަރާ ދެމެދު
- 30 އަހަރާއި 39 އަހަރާ ދެމެދު
- 40 އަހަރާއި 49 އަހަރާ ދެމެދު
- 50 އަހަރާއި 59 އަހަރާ ދެމެދު
- 60 އަހަރުން މަތީގެ މީހުން
ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް ނަގުދު ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މި ކެޓެގަރީގެ ރެޖިސްޓްރޭޝަން ފީއަކީ 450 ރުފިޔާއެވެ.
ދެން ބައިވެރިވެވޭ އޯޕަން ކެޓަގަރީގެ ރެޖިސްޓްރޭޝަން ފީއަކީ 400 ރުފިޔާއެވެ. މިއީ ހަމައެކަނި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެކެވެ.
މި ދެ ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއެއްގައި ބައިވެރިވި ނަމަވެސް، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ދުވުން ނިންމާ ހުރިހާ ދުވުންތެރިންނަށް "އެމްވީ ރަން" ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
މި ލަކީޑްރޯގެ ތެރެއިން ނަސީބުވެރި 12 ދުވުންތެރިއަކަށް، ކޮންމެ މީހަކަށް 6,000 ރުފިޔާގެ މަގުން ޖުމްލަ 100,000 ރުފިޔާގެ ނަގުދު ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އިތުރު ދިހަ ދުވުންތެރިންނަށް އެ ނޫން އިނާމުތައް ދިނުމަށް ވަނީ ނިންމާފައެވެ.
މި އަހަރުގެ ދުވުމުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓެލްކޯއެވެ.