މިއީ އަހަރެން ފުޓުބޯޅަ ކުޅޭ ފަހު ސީޒަނަށްވުން ގާތް: ރޮނާލްޑޯ

އަލް ނަސްރުގެ ފަރިތަކުރުންތަކުގައި ކްރިސްޓިއާނޯ ރޮނާލްޑޯ--

ކުރިއަށް އޮތް ސީޒަނަކީ ފުޓުބޯޅަ ކުޅޭނެ އެންމެ ފަހު އަހަރަށްވުން ކަމަށާއި ބޭނުންވަނީ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭފަދަ ހަނދާންތަކަކާއެކު ކުޅުން ހުއްޓާލަން ކަމަށް .ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ފުޓުބޯޅަ ކެރިއަރު ނިންމާލަން އުޅޭކަމުގެ އިޝާރާތެއް އުމުރުން 41 އަހަރުގެ ރޮނާލްޑޯ ދީފައިވަނީ ދާދިފަހުން ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައެވެ.

2002 ވަނަ އަހަރު ސްޕޯޓިންގ ސީޕީއިން ކެރިއަރު ފެށި ފަހުން މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި ސައުދީ އަރަބިއްޔާގެ އަލް-ނަސްރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯއަކީ ފަސް ފަހަރު ބެލޮންޑޯ އެވޯޑް ހާސިލުކޮށްފައިވާ ކުޅުންތެރިއެކެވެ.

ވިިހި އަހަރަށްވުރެ ދިގު މުއްދަތެއްގެ ކެރިއަރުގައި ކުލަބަށާއި ޤައުމީ ޓީމަށް ޖުމްލަ 976 ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ މިހާރުވެސް މަސައްކަތް ކުރަމުންދަނީ ކެރިއަރުގައި 1,000 ލަނޑު ހަމަކުރުމުގެ ތާރީޚީ އަމާޒަށް ވާސިލުވުމަށެވެ. މިއަހަރުގެ ފީފާ ވޯލްޑް ކަޕުގައި ޕޯޗުގަލް ކެޓުމާ ގުޅިގެން ވޯލްޑް ކަޕުގެ ތަށި ނުލިބުނު ނަމަވެސް، އޭނާ ބެލެވެނީ ފުޓުބޯޅައިގެ ތާރީޚު ދެކުނު އެންމެ ނުފޫޒުގަދަ އެއް ތަރީގެ ގޮތުގައެވެ.

ފުޓުބޯޅައަށްފަހު އުޅޭނެ ދިރިއުޅުން މިހާރުވެސް ރާވާފައިވާކަން ހާމަކުރަމުން ރޮނާލްޑޯ ބުނީ، ކުޅިވަރާ ދުރަށް ދިއުމުން އުފެދޭ ހުސްކަން ފޫބެއްދުމަށްޓަކައި އެކި ގޮތްގޮތުން ވަގުތު ހޭދަކުރަން ވިސްނާ ކަމަށެވެ.

"އަހަރެން މަސްއޫލުވާނެ ވަރަށް ގިނަ ކަންކަން އެބަހުރި. މުސްތަގުބަލުގައި އާއިލާއާއެކު އުފާވެރިކަން ހޯދުމާއި، ދަތުރުކުރުމާއި، އަހަރެން ވަރަށް ގަޔާވާ ޕެޑެލް ކުޅުމާއި ބެލުމުގައި ވަގުތު ހޭދަކުރާނަން. އަދި މިވީ 25 އަހަރުގެ ބުރަ މަސައްކަތުންނާއި ގުރުބާނީން ހޯދި ކާމިޔާބީގެ އުފާ ލިބިގަންނަން ބޭނުން،" ރޮނާލްޑޯ ބުންޏެވެ.

މި އިންޓަވިއު ދީފައިވަނީ ޕޯޗުގަލްގެ ކަސްކާއިސްގައި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރީގޭޒްއާއެކު ކައިވެނިކުރުމުގެ ފަސް ދުވަސް ކުރިންނެވެ. އޭނާގެ ކެރިއަރުގެ މި ފަހު ދުވަސްކޮޅުވެސް ރޮނާލްޑޯ ފެންނާނީ އަލް ނަސްރުގެ ޖާޒީގައި ސައުދީ ޕްރޯ ލީގުންނެވެ.

ސައުދީ ލީގު ނިންމަން ތާވަލުކޮށްފައިވަނީ އަންނަ 2027 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު