އިދާރީ އިސްވެރިޔާއާ މެދު ހިތްހަމަނުޖެހި ހުޅުދޫ ކައުންސިލް މެމްބަރުން މުޒާހަރާކޮށްފި

ސ.ހުޅުދޫ ކައުންސިލް މެމްބަރުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން..

ސިވިލް ސާވިސް ކޮމިޝަނުން ސ. ހުޅުދޫ ކައުންސިލަށް ކަނޑައަޅުއްވާފައި ހުންނަވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ނުވަތަ ވަގުތީ އިދާރީ އިސްވެރިޔާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ ރަށު ކައުންސިލް އިދާރާގައި މަސައްކަތްކުރައްވާ ކައުންސިލް މެންބަރުންތަކެއް މިއަދު މުޒާހަރާ ކޮށްފިއެވެ.

ކައުންސިލް އިދާރާގެ ދޮރުމަތީގައި ކުރިއަށްދިޔަ މި މުޒާހަރާގައި މެމްބަރުން ވަނީ އިދާރީ އިސްވެރިޔާ ވަގުތުން މަގާމުން ވަކިކުރުމަށް ގޮވާލައި އަޑުއުފުލާފައެވެ.

ހުޅުދޫ ކައުންސިލްގެ ނައިބު ރައީސް އާމިނަތު މިލްހާ އަލީ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކައުންސިލަށް ތިން މަސް ފުރިގެން ދިޔައިރު މަސައްކަތް ކުރަމުންދަނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށެވެ. އެގޮތުން ކައުންސިލްގެ ރައީސާއި އެސްޖީ ރިސެޕްޝަން އޭރިއާގެ ވަކި ދެ ކެބިންގައި ތިއްބަވާއިރު، އެހެން ކައުންސިލަރުން ތިއްބަވަން ޖެހިފައިވަނީ އިދާރާގެ އެތެރޭގައި ހުރި ވަރަށް ކުޑަ ކޮޓަރިއެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެސްޖީއާ ގުޅޭގޮތުން މިލްހާ ވިދާޅުވީ، ކައުންސިލް މެމްބަރުންނަށް ދިމާވަމުން އައި މައްސަލަތަކުން ކައުންސިލްގެ މެޖޯރިޓީއަށް އޮތީ އެސްޖީގެ އިތުބާރު ގެއްލިފައިކަމަށެވެ. ސަބަބަކަށް ވެފައިވަނީ ގަވާއިދާ ޚިލާފު ކަންތައްތައް ކުރެއްވުމާއި އިދާރާގެ މުވައްޒަފުންނާމެދު ތަފާތުކުރުމާއި ސިވިލް ސާވިސް ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް މަސައްކަތްތައް ކުރިއަށްގެންދިއުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ދިމާވަމުންއައި މައްސަލަތަކުން ދެން މި ކައުންސިލްގެ މެޖޯރިޓީއަށް އޮތީ މި އެސްޖީގެ އިތުބާރު ގެއްލިފައި. ވަރަށް ބޮޑަށް އިތުބާރު ގެއްލިފައި އޮތީ. ދެން ވަރަށް ބައިވަރު ގަވާއިދާ ޚިލާފު ކަންތައް ކުރުމާއި މި މުވައްޒަފުންނާމެދު ތަފާތުކުރުމާއި ސިވިލް ސާވިސް ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް މި މަސައްކަތްތައް ކުރިއަށްގެންދިއުން ހިމެނޭ،" އެސްޖީއާ ގުޅޭގޮތުން މިލްހާ ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ކައުންސިލްގެ ރައީސް އަރިހުން އެދުނު ނަމަވެސް، ފުރަތަމަ ޖަލްސާގައި މި މައްސަލަ އެޖެންޑާ ކޮށްދީފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިދާރީ އިސްވެރިޔާގެ ޒިންމާދާރުކަން ކުޑަކަމުން އެކަށީގެންވާ ވަގުތު ލިބިގެން ވެސް ނެޓްވޯކާއި އިންޓަނެޓް ފަދަ އަސާސީ ވަސީލަތްތައް ގާއިމުކޮށްފައި ނުވާތީ، މިއަދު ހެނދުނު 8:00 އިން ފެށިގެން ނެޓުގެ ޚިދުމަތް ކެނޑި، އިދާރީ ހުރިހާ މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށް މިލްހާ ވިދާޅުވިއެވެ.

އަދި އެލްޖީއޭ އާއި ސިވިލް ސާވިސްއަށް ހުށަހެޅިފައިވާ ޝަކުވާތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭއިރު، މުވައްޒަފުން ތައްޔާރުކުރި ރިޕޯޓުގައި ކައުންސިލް ރައީސް ސޮއިކުރައްވަން ދެކޮޅުހައްދަވައި، އެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރަން ބޭނުންފުޅުނުވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ހުޅުދޫ ކައުންސިލްގެ ރައީސް ޖާދުﷲ ޖަމީލްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބުދެއްވާފައި ނުވާތީ، އޭނާގެ ބަހެއް މިކަމުގައި ލިބޭގޮތް ވަނީ ނުވެފައެވެ.

މީގެ އިތުރުން ކައުންސިލް އެސްޖީ މޫސާ ސިއްދީގު ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް