އަލީބާބާއިން "ލިންގްޝީ ގޭމްސް" ދެ ބިލިއަން ޑޮލަރަށް ވިއްކާލަނީ

މި އެއްބަސްވުމުގެ ދަށުން އަލީބާބާއިން ލިންގްޝީގައި އޮތް އެ ކުންފުނީގެ ހުރިހާ ހިއްސާއެއް ޓްރަސްޓާ އަށް ބަދަލުކުރާނެ ----

ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި އަލީބާބާ ގްރޫޕް އިން އެ ކުންފުނީގެ ގޭމް ޑިވެލޮޕްކުރާ ޔުނިޓް ކަމަށްވާ "ލިންގްޝީ ގޭމްސް" ޕްރައިވެޓް އިކުއިޓީ ފާމެއް ކަމަށްވާ "ޓްރަސްޓާ ކެޕިޓަލް"އަށް ދެ ބިލިއަން ޑޮލަރަށްވުރެ ބޮޑު އަގަކަށް ވިއްކާލުމަށް ތައްޔާރުވެއްޖެކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހު ދެ ކުންފުނީގެ ދެމެދުގައި ރަސްމީ އެއްބަސްވުމަކަށް އާދެވިފައިވާކަން އަންގައި ލިންގްޝީގެ ސީއީއޯ ޖޯ ބިންގްޝޫ އެ ކުންފުނީގެ މުވައްޒަފުންނަށް ހޯމަ ދުވަހު ފޮނުއްވި އެތެރޭގެ މެމޯއަކާ ގުޅިގެންނެވެ.

https://sun.mv/225536

މި އެއްބަސްވުމުގެ ދަށުން އަލީބާބާއިން ލިންގްޝީގައި އޮތް އެ ކުންފުނީގެ ހުރިހާ ހިއްސާއެއް ޓްރަސްޓާ އަށް ބަދަލުކުރާނެއެވެ.

ސީއީއޯ ފޮނުއްވި މެމޯގައި މި މުއާމަލާތުގެ ސީދާ އަގާއި، މުއާމަލާތް ނިމޭނެ ތާރީޚެއްގެ އިތުރުން ރެގިއުލޭޓަރީ ހުއްދަތަކާ ގުޅޭ އެއްވެސް ތަފްސީލެއް ހިމަނާފައެއް ނުވެއެވެ. ނަމަވެސް ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މުއާމަލާތުގެ އަގު މަދުވެގެން 1.5 ބިލިއަން ޑޮލަރަށް އަރާނެއެވެ.

މި ބަދަލާއެކުވެސް ލިންގްޝީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ނާންނާނެކަމުގެ ޔަގީންކަން ސީއީއޯ ޖޯ ބިންގްޝޫ ވަނީ ދެއްވާފައެވެ. އެގޮތުން، ކުންފުނީގެ މިލްކުވެރިކަން ބަދަލުވި ނަމަވެސް، އޭނާއާއި ކުންފުނީގެ މެނޭޖްމަންޓް ޓީމު މަގާމުގައި ދެމިތިބޭނެކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ.

ކުރިން 'ސިޓިކް ކެޕިޓަލް'ގެ ނަމުން ނަންދެވިފައިވާ ޓްރަސްޓާ ކެޕިޓަލް އަކީ އޭޝިއާއަށް އަމާޒުކޮށްގެން ހިންގާ ޕްރައިވެޓް އިކުއިޓީ ފާމެކެވެ.

ސީއީއޯ ފާހަގަކުރެއްވި ގޮތުގައި އެ ފާމަކީ ލިންގްޝީގެ ކުރިމަގުގެ ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ތަޖުރިބާ ހުރި ކުންފުންޏެކެވެ.

އީ-ކޮމާސް، ކްލައުޑް ކޮމްޕިއުޓިން އަދި ޑިޖިޓަލް އެހެނިހެން ވިޔަފާރިތައް ހިންގާ ޗައިނާގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ އަލީބާބާއިން ލިންގްޝީ ވިއްކާލަން ނިންމާފައިވަނީ އެ ކުންފުނީގެ އަމާޒު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކްލައުޑް ޚިދުމަތްތަކަށް ބޮޑުކުރުމުގެ ގޮތުންނެވެ.

އެހެންކަމުން މައިގަނޑު ވިޔަފާރީގެ ތެރޭގައި ނުހިމެނޭ އެސެޓްތައް އެ ކުންފުނިން ދަނީ މުރާޖައާކުރަމުންނެވެ. މިގޮތުން ލިންގްޝީ ގަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އަލީބާބާއިން ކުރަމުންދާތާ ދުވަސްކޮޅެއް ވެފައިވާކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.

މި ވިއްކާލުމަށްފަހު އަލީބާބާއިން ލިންގްޝީއާއެކު ވިޔަފާރީގެ ގުޅުމެއް (ޕަބްލިޝިން، ކްލައުޑް ނުވަތަ ޓެކްނޮލޮޖީ ޕާޓްނާޝިޕް) ބާއްވާނެކަން އަދި ސާފެއް ނުވެއެވެ.

ގުއަންގްޒޯގައި ގާއިމުވެފައިވާ ލިންގްޝީ ގޭމްސް އަކީ ޗައިނާގެ ތާރީޚީ 'ތްރީ ކިންގްޑަމްސް' ޒަމާނުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މަޝްހޫރު މަލްޓިޕްލޭޔާ ސްޓްރެޓެޖީ ގޭމް 'ތްރީ ކިންގްޑަމްސް: ސްޓްރެޓެޖީ އެޑިޝަން' އުފެއްދި ކުންފުންޏެވެ. މި ގޭމް އުފައްދާފައިވަނީ ޖަޕާނުގެ ކޯއީ ޓެކްމޯ ހޯލްޑިންގްސް (ރޮމޭންސް އޮފް ދަ ތްރީ ކިންގްޑަމްސް ފަދަ ގޭމްތައް އުފައްދާފައިވާ ކުންފުނި) އާ ގުޅިގެންނެވެ.

އަލީބާބާއިން ލިންގްޝީ ވިއްކާލުމުގެ ކުރިން، 2023 ވަނަ އަހަރުގެ ފަހުކޮޅު އެ ކުންފުންޏަށް ބޭރުން ފަންޑު ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ޗައިނާގެ އޮންލައިން ގޭމިން ދާއިރާގެ ގަވާއިދުތައް ހަރުކަށިކުރުމާ ގުޅިގެން އެ މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި 2024 ވަނަ އަހަރު ކުންފުނީގެ މެނޭޖްމަންޓަށް ބަދަލުތަކެއް ގެނެސް، ކުންފުނީގެ ފައުންޑާ ޒަން ޖޮންގްހުއި ވަކިވެވަޑައިގަތުމުން، ގޭމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޖޯ ވަނީ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.

comment ކޮމެންޓް