ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ހުށަހެޅި އިސްލާހާ ދެކޮޅު ނުހެދުމަށް ގޮވައިލައްވައި، އެއީ ދިވެހި ކުންފުނިތަކަށް ލިބެން ހުރި މަސައްކަތްތަކާ ދެކޮޅުވުން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ސިފަކުރައްވައިފިއެވެ.
ސަރުކާރު ފަރާތުން މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރު އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ފައިދާވާނެ ކަމަށެވެ.
މި އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ޓެކުހުގެ ނިޒާމުގެ ތެރެއަށް ނުވަދެ، ރާއްޖޭން ބޭރުވާ ފައިސާ ވަންނާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.
"މިސާލަކަށް ބުރިޖުތައް އެޅުން، އެއީ ވަރަށް ބޮޑެތި މަޝްރޫއުތައް މި ހުންނަނީ،" އޭނާ ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ ބޭރު ގައުމުތަކުގެ ކުންފުނިތަކުން ކޮންޓްރެކްޓަށް އައިސް ތަންތަން ތަރައްގީކުރާއިރު، ގާނޫނުގައި މިހާރު އޮންނަ ގޮތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ޓެކްސް އިދާރާ މީރާއަށް އެ ކުންފުނިތަކުން ފަސް އިންސައްތަ ދައްކަން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް ފަލާޙް ވިދާޅުވި ގޮތުގައި، ގާނޫނުގައި ހުންނަ ލޫޕްހޯލުތައް ބޭނުންކޮށްގެން ގެއްލުންވާ ކަމަށް ބުނެ އެ ފަސް އިންސައްތަ ވެސް ބައެއް ކުންފުނިތަކުން އަނބުރާ ނަގައެވެ.
މިއީ އެކަން ހައްލުކުރަން ވެގެން ހުށަހެޅި އިސްލާހެއް ކަމަށް ފަލާޙް ވިދާޅުވިއެވެ.
"ފަތިސް ނަމާދުކޮށްގެން މި ބިލުތައް ކިޔުއްވާ، މިއަކާ ދެކޮޅަށް ވާހަކަ ދެއްކޭ ކަހަލަ ބިލެއްނޫނޭ މިއީ، ހުރެދާނެ ސިޔާސީ ގޮތުން ދެކޮޅަށް ވާހަކަ ދެއްކޭ ކަހަލަ އިސްލާހު ވެސް، އެހެން ނަމަވެސް ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ވެސް ރާއްޖޭގެ ދައުލަތުގެ މާލިއްޔަތަށް ވެސް މިލްކިއްޔާތަށް ވެސް ވަރަށް ބޮޑު ލާބައާއި މަންފާހުރި އިސްލާހެއް ޕްލީޒް ހުށަހަޅައިގެން މި އުޅެނީ، މިއާ ދެކޮޅަށް ނުތެދުވިއްޔާ މިއަދު ރަނގަޅު ވާނީ ތި ބޭފުޅުން،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުންނަށް ރައްދުދެއްވައި ފަލާޙް ވިދާޅުވީ، އެ މެންބަރުން ދެކޮޅު ހައްދަވަނީ ދައުލަތަށް ވަންނަން ހުރި ފައިސާއާއި ދިވެހި ކުންފުނިތަކަށް ލިބެން ހުރި މަސައްކަތްތަކަށް ކަމަށެވެ.
ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ. މީގެ ބޭނުމަކީ ބޭރު ފަރާތްތަކުން ރާއްޖޭގައި ހޯދާ އާމްދަނީން ދައުލަތަށް ލިބެން ޖެހޭ ޓެކްސް ކަށަވަރުކުރުމެވެ. އާންމު ގޮތެއްގައި މި ޓެކްސް ނަގަނީ ރޯޔަލްޓީ، ޓެކްނިކަލް ފީ، ޑިވިޑެންޑް އަދި ކޮންޓްރެކްޓް މަސައްކަތްތަކަށް ދައްކާ ފައިސާއިންނެވެ. މި ނިޒާމުގެ ސަބަބުން ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވައި، ދައުލަތުގެ އާމްދަނީ ރައްކާތެރިކޮށްދެއެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޭރު ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި މިހާރު އުނިކުރަނީ ފަސް އިންސައްތައެވެ. އިސްލާހު ގެންނަނީ 10 ޕަސެންޓް ނަގާ ގޮތް ހެދުމަށެވެ.