ޖަލްސާ ކުރިއަށް ދަނިކޮށް ތަޅުމުން ކަރަންޓު ކެނޑި ޖަލްސާ މެދުކަނޑައިލައިފި

މަޖިލީހުގެ ތަޅުމުން ކަރަންޓު ގޮސްފައި: ބަހުސްގެ ވަގުތު ކަރަންޓު ކެނޑުމުން ޖަލްސާ ވަނީ މެދުކަނޑައިލައިފައި --

ޖަލްސާ ކުރިއަށް ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކަރަންޓު ކެނޑި، ޖަލްސާ މެދުކަނޑައިލައިފިއެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ، މަޖިލީހުގެ އިމާރާތުގެ ތެރެއިން ކަރަންޓު ކެނޑުނީ ތަޅުމުން އެކަނި ކަމަށެވެ.

ކަރަންޓު ލިބުނުހާ އަވަހަށް ޖަލްސާ ކުރިއަށް ދާނެ ކަމަށް، ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުން ކަރަންޓު ދިޔައީ މިއަދު 11:20 ހާއިރެވެ.

އެ ވަގުތު "މޯލްޑިވްސް ޕާލް ރެޒިޑެންސް"ގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރަން ސަރުކާރުން ޕްރޮގުރާމެއް ހިންގަން ފަށާފައިވާ ކަމަށް ބުނެ، އެ ޕްރޮގްރާމު ހުއްޓާލައި އެ ޕްރޮގުރާމާ ގުޅޭ އެންމެހައި އެއްބަސްވުންތައް ދެ ހަފުތާގެ ތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގޮވައިލި ގަރާރަށް ދިޔައީ ބަހުސްކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ހުރި ކަންކަމުގެ ތެރޭގައި ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ހުށަހެޅި އިސްލާހަށް ބަހުސްކުރުމާއި ކޮމިޓީތަކުން ނިންމައިފައިވާ ބައެއް މަސައްކަތްތައް ފާސްކުރުން ހިމެނެއެވެ.

އޭގެ ތެރޭގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑަށް މެންބަރުން އިތުރުކުރުމަށް ހުށަހެޅި އިސްލާހާއި ރާއްޖެއަށް ކުނި އެތެރެކުރުން މަނާ ކުރުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ހިމެނެއެވެ.

comment ކޮމެންޓް