އެމެރިކާ ސިފައިން މަރައި އަދި ހައްޔަރުކުރާ މީހުންނަށް އީރާނުން ފައިސާގެ ބޮޑު އިނާމެއް ދެނީ

އީރާން ސިފައިންގެ ވެރިޔާ އަމީރު ހާތަމީ

ތެހެރާން (17 އޮގަސްޓް 2026) : އީރާނަށް އެއްގަމު މަގުން އަރައިގަންނަ ނޫނީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގައި ޝާމިލްވާ އެމެރިކާ ސިފައިން މަރާ މީހަކަށް ނުވަތަ ހައްޔަރުކުރާ އީރާނުގެ ކޮންމެ މީހަކަށް އެގައުމުގެ ސިފައިން ފައިސާ އިނާމެއް ދޭން ނިންމައިފިއެވެ.

މިކަން އިއުލާން ކުރައްވާފައިވަނީ އީރާން ސިފައިންގެ ކޮމާންޑަރު އަމީރު ހާތަމީ އެވެ. ހާތަމީ މިކަން އިއުލާން ކުރެއްވީ އެމެރިކާ ސިފައިން ގަލްފުގައިވާ އީރާނުގެ ބައެއް ޖަޒީރާތަކަށް ވައިގެ މަގުން ފޭބުމަށް ނުވަތަ ކަނޑުގެ މަގުން އެރުމަށް އެމެރިކާ ރާވައިފާނެކަމުގެ އަޑުތަކެއް އަރާފައިވާ ވަގުތެއްގައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއި އިސްރާއީލުން އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމަ ފެށުމާއެކު އީރާންވަނީ އެ ގައުމުގެ ބިމަށް ވައިގެ މަގުން ނޫނީ ކަނޑުގެ މަގުން އެމެރިކާ ސިފައިން އަރައިގެންފާނެކަމަށް ލަފާކޮށް އެމެރިކާ ސިފައިންނާ ހަނގުރާމަކޮށް ގައުމު ދިފާއުކުރުމަށް ބޭނުންވާ ރައްޔިތުން ނަންނޯޓް ކުރުމަށް އޮންލައިންކޮށް ހުޅުވާލާފައެވެ.

މިގޮތަށް ހުޅުވާލުމުން އީރާނުގެ ދެޖިންސުގެ 23 މިލިޔަން މީހުންވަނީ ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރުމަށް ނަންނޯޓްކޮށްފައެވެ. އެއްގަމު މަގުން އީރާނަށް އަރައިގަންނަން އެމެރިކާ ރޭވިނަމަވެސް އެކަން ކުރަން މިހާތަނަށްވެސް އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

އީރާން ސިފައިންގެ ކޮމާންޑަރު އަމީރު ހާތަމީ ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައިވާގޮތުން އީރާނަށް ހަމަލާދޭ އެމެރިކާ ސިފައިންގެ މީހަކު މެރި މީހަކަށް ނުވަތަ ހައްޔަރުކޮށްދިން ކޮންމެ މީހަކަށް 30 ހާސް ޑޮލަރުގެ އިނާމެއް ދޭނެއެވެ.

މުރާސިލުން ބުނާގޮތުގައި މި އިނާމު ހުށަހެޅުމުގެ ބޭނުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަދުގަންނަވާލުމާއި އެމެރިކާ ސިފައިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމެވެ. އަދި ކުރިން އެމެރިކާ އީރާނަށް އިންޒާރުތައް ދިނަސް މިހާރު ހާލަތު ބަދަލު އެމެރިކާއަށް އިންޒާރު ދޭ ހާލަތުގައި އޮތީ އީރާންކަން ޓްރަމްޕަށް ހަނދާންކޮށްދިނުމެވެ.

އެމެރިކާ އެތަށް މަހެއްވަންދެން އީރާނަށް ވައިގެ މަގުން ހަމަލާތައް ދިނުމުގެ ސަބަބުން އީރާނަށް މާއްދީ ގެއްލުންތަކެއް ލިބުނުނަމަވެސް އެ ހަމަލާތަކާ ގުޅިގެން އީރާނުގެ ކިބައިން ހާސިލްކުރަން އެމެރިކާ ބޭނުންވި އެއްވެސް މަގްސަދެއް ހާސިލް ވެފައިނުވާއިރު އެއްގަމު މަގުން އީރާނަށް އަރައިގެން އެމެރިކާގެ ސިފައިންތަކެއް މަރުވެ ނުވަތަ ހައްޔަރުވުން ފިޔަވައި އެހެންކަމެއް ނުވާނެކަމަށް އަސްކަރީ ތަޖުރިބާކާރުންނާއި އެމެރިކާގެ ކުރީގެ ރިޓަޔަޑް ޖެނެރަލުންވެސްވަނީ ވިދާޅުވެފައެވެ.

އީރާން އާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމައިގެ އެއްވެސް މަގްސަދެއް މިހާތަނަށް ހާސިލް ވެފައިނުވާއިރު އީރާންވަނީ އެގައުމުގެ ދިފާއުގައި ހުރުމުޒުކަނޑުއޮޅި ބަންދުކޮށްފައެވެ. މިއީ ހަނގުރާމައިގެ ކުރިން އެއްވެސް ވަރަކަށް ބަންދުކޮށްފައިވާ ތަނެއް ނޫނެވެ. އެމެރިކާގެ މިހާރުގެ މައިގަނޑު މަގްސަދަކަށް ވެފައިވަނީ މިކަނޑުއޮޅި ހުޅުވުމެވެ. އެހެންކަމުން މިއީ އީރާނުގެ ކުރިމަތީގައި ސްޓްރެޓީޖިކް ގޮތުން އެމެރިކާ ބަލިވުންކަމަށް އަސްކަރީ ތަޖުރިބާކާުރުން ސިފަކުރައްވައެވެ.

އީރާނުގެ މިޑީއާ ބުނާގޮތުން އެމެރިކާ އެކަންކަމަށްޓަކައި ހަނގުރާމަ ކުރި ކަންކަން މިހާރުވަނީ އެކަންކަމާ އެމެރިކާއެކު ދެން މަޝްވަރާ ނުކުރާނެކަމަށް އީރާން ބުނެ އެކަން ޕާކިސްތާން މެދުވެރިކޮށް އެމެރިކާއަށް އަންގާފައެވެ.

އެއީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް އާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމް އާއި ހިޒްބުﷲ އާއި ހަމާސް އަދި ހޫޘީންނާއި އިރާގުގެ ޖަމާއަތްތައް ފަދަ ޖަމާއަތްތަކާ އީރާން ބައްވާ ގުޅުންތަކުގެ މައްސަލަ ފަދަ މައްސަލަތަކެވެ. މިހުރިހާ މައްސަލައެއް މިހާރުވަނީ އެމެރިކާ އަތްނުފޯރާހާ ދުރަށްގޮސް އެކަންކަމަށް އެމެރިކާގެ ކޮންޓްރޯލް ގެއްލިފައެވެ.

އުދުވާންގެ ކުރިން ހުޅުވާފައިވާ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާއިރު އީރާން މިހާރު އެމެރިކާއަށް އިންޒާރުކޮށްފައިވަނީ ހުރުމުޒު ހުޅުވާނީ އެމެރިކާ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމާއި އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ ހުރިހާ އެސެޓްތަކާއި ފައިސާތައް އަނބުރައި އީރާން ދިނުމުންނާ އަދި އީރާން އާ ދެކޮޅަށް އެއްވެސް ހަމަލާއެއް ދުވަހަކުވެސް ނުދޭނެކަމުގެ ޔަގީންކަން ދީ އެކަމަށް އެއްބަސްވުމުން ކަމުގައެވެ.

އީރާން ބުނާގޮތުން މިހާލަތުގައިވެސް ހުރުމުޒު ހުޅުވާނީ އެތަނުން ހުރަސްކުރާ އުޅަނދުތަކުން ފީ ނަގާގޮތަށެވެ. އެ ފީ އަކީ އެމެރިކާއާއި އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ އީރާނުގެ ތަންތަން އަލުން ބިނާކޮށް އާރާސްތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި އީރާނަށް ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ނަގާ ފީއެކެވެ.

މި ފީ ގެ ބަދަލުގައި ހުރުމުޒު ހުރަސްކުރުމަށް ހުއްދަދޭ އުޅަނދުތަކަށް އަމާންކަމާއި ރައްކާތެރިކަން އީރާނުންް ދޭނެއެވެ. އަދި އެއުޅަނދުތަކަށް ބޭނުންވާ ލޮޖިސްޓިކް ޚިދުމަތްތައްވެސް ފޯރުކޮށްދޭނެކަން އީރާނުންވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް