ރަސްމާލެ ހިއްކަން ނޫޅެ، ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ނުވަތަ ގޯސްކޮށް ދޫކޮށްފައި ހުރި ބިންތައް އަނބުރާ އަތުލުމަށްފަހު އެ ތަންތަނުގައި ރައްޔިތުންނަށް ފްލެޓް ޓަވަރުތައް އަޅައިދިނުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތް ގޮތުންނާއި ދައުލަތުގެ ބޮޑު ދަރަންޏާ ހުރެ، ރަސްމާލެ ފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.
އަދި ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރަންޖެހޭ ޚަރަދުތައް ދެކޮޅުނުޖެހި، ސަރުކާރުން ޓީ-ބިލް ވިއްކައިގެން ދަރަނި ނަގަމުންދަނީ ވެސް މުވައްޒަފުންގެ މުސާރައާއި ރިކަރަންޓް ޚަރަދުތައް ހަމަޖައްސަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔާމީން ވިދާޅުވީ ކޮންޓްރެކްޓަރުންނަށް ނުދެއްކި ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާ އޮތުމުން، ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މިހާރު މަޝްރޫއުތައް ކުރިއަށް ގެންދާނެ ބަޔަކު ނުވާނެ ކަމަށެވެ. އަދި މަޝްރޫއުތައް ހިންގަން ފައިސާ ނެތްއިރު ދެން އޮތް ހަމައެކަނި ގޮތަކީ ފައިސާ ޗާޕުކުރުން ކަމަށާއި، އެކަން ކޮށްފިނަމަ ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމަ ދެން މި ސަރުކާރުގައި މިއޮތް ދުވަސްކޮޅު، މި ސަރުކާރުން ކޮން ގޮތަކުން ހޭ އެ ލާރި ހޯދާނީ؟ މުވައްޒަފުންގެ މުސާރައާއި، ރިކަރަންޓް ޚަރަދުތައް ދައްކާފައި ދެން ސަރުކާރުން މަޝްރޫޢު ހިންގަން ކޮންތާކުން ހޭ އެ ލާރި ހޯދާނީ؟ ހަމަ އޮތީ އެންމެ ގޮތެއް. ޗާޕު ކުރުން. ޗާޕު ކޮށްފިއްޔާ އަނެއްކާ އަޅުގަނޑުމެންގެ ހާލު ދެރަވީ،" ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން: --- ފޮޓޯ: އެމްއޭސީއެލް
ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ބޯހިޔާވަހިކަން ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އަގުބޮޑު ޓަނަލްތައް އަޅައިގެން ރަސްމާލެ ހިއްކުމުގެ ބަދަލުގައި، ހުރިހާ ޚިދުމަތްތަކަކާއި އިންފްރާސްޓްރަކްޗާ ފުރިހަމަވެފައިވާ ހުޅުމާލޭގައި ހައުސިން ޓަވަރުތައް އެޅުން މާ ފަސޭހަވެފައި ޚަރަދު ކުޑަވާނެ ކަމަށެވެ.
އަދި އަލަށް ފަޅެއް ހިއްކައިގެން އަސާސީ ޚިދުމަތްތައް ގާއިމުކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްމާލެ ހިއްކުމުގެ މަޝްރޫޢަކީ ބިމުން އަޑިއަޑިން ނާޖާއިޒު ފައިދާތަކެއް ހޯދުމަށް ހިންގާ މަޝްރޫޢެއްގެ ގޮތުގައި ތުހުމަތުކުރައްވަމުން، މިހާރު ހިކިފައި އޮތް ބިންތައް އޮއްވާ މިފަދަ މަޝްރޫޢެއް ހިންގުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެ މަޝްރޫއަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޔާމީންގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ރަސްމާލެ ހިއްކުމާ ވަރަށް ދެކޮޅެވެ. އެ ޕާޓީން ވެސް ގޮވައިލަމުން އަންނަނީ އެ މަޝްރޫއަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުކުރުމުގެ ބަދަލުގައި ރަށްރަށް ތަރައްގީކޮށް، ހިއްކައިފައި ހުރި ބިންތަކުގައި ރައްޔިތުންނަށް ގެދޮރު ބިނާކޮށްގެން އުޅެވޭނެ މަގުފަހިކުރުމަށެވެ.