ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ މިއަހަރުގެ ފަހު މުބާރާތް ކަމަށްވާ "ސެކްޓަރ ލީގު 2026" ގެ ޗެމްޕިއަންކަން ކުލަބު ހޯކްސްއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯކްސްއިން ހޯދީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 11-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުލަބު އާރުސީސީ ބަލިކުރުމަށްފަހު އެވެ.
މުޅި މުބާރާތުގައިވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފުރިހަމަ ރިކޯޑަކާއެކު ތަށި އުފުލާލި ހޯކްސްއަށް މިއީ މި މުބާރާތުގެ ފައިނަލުގައި ވާދަކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުން އެރީނާ ހޮޓެލްސް އަތުން 1-0 އިން ބަލިވި ނަމަވެސް، މިއަހަރުގެ ސެކްޓަރ ލީގުގައި ހޯކްސް ފެނުނީ ތަފާތުކޮށެވެ.
ޖުމްލަ 20 ޓީމާއެކު ކުރިއަށްދިޔަ މިއަހަރުގެ ސެކްޓަރ ލީގުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ފެނުނީ ވާދަވެރިކޮށެވެ. މެޗުގެ ތެރެއިން ތިން ކުޅުންތެރިއަކަށް ރަތް ކާޑު ވަނީ ދައްކާފައެވެ. އެއީ އާރުސީސީގެ އިބްރާހީމް ސިނާހު އާއި ގޯލްކީޕަރު ހުސައިން ސާއިލްގެ އިތުރުން ހޯކްސްގެ ކެޕްޓަން މުޙައްމަދު ނާއިމެވެ.
މެޗުގައި ހޯކްސްގެ އަޙްމަދު އައިހަމް ހަތަރު ލަނޑު ޖެހިއިރު، އުލާން ވަނީ ދެ ލަނޑު ޖަހާފައެވެ. އިތުރު ލަނޑުތައް ހޯކްސްއަށް ޖަހައިދިނީ މުޙައްމަދު ތޯހިރު، ހުސައިން މައިޝާން، އިބްރާހީމް ނަދާދު، ލޫތު އަޙްމަދު ފަތުހީ އަދި ހަސަން ރަޝީދެވެ. އާރުސީސީގެ ތިން ލަނޑު ޖެހީ މުޙައްމަދު އާހިލް ނަޒީރު، އަހުސަން ރާޝިދު އަދި ޢަބްދުالله ޒިޔާނެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ހޯކްސްގެ ނާއިމް، އައިހަމް، އުލާން، ކީޕަރު މުޙައްމަދު ސަލީލް ގެ އިތުރުން އާރުސީސީގެ ޒިޔާނެވެ. މުބާރާތުގައި ޖުމްލަ 15 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ސެކްޓަރ ކިންގަކަށް ހޮވުނީ ހޯކްސްގެ އައިހަމެވެ.
އެންމެ މޮޅު ކޯޗަކަށް ހޯކްސްގެ ޢަބްދުالله ނަސީރު ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ހޯކްސްގެ އިބްރާހީމް ނަދާދެވެ. ފެއާޕްލޭ ޓީމަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) ހޮވުނުއިރު ބެސްޓް ސަޕޯޓިންގ ޓީމަކަށް ހޮވުނީ އާރުސީސީ އެވެ.
ސެކްޓަރ ލީގާއެކު މިއަހަރުގެ ކުލަބު މޯލްޑިވްސް ސީޒަން ވަނީ ނިމިފައެވެ. ޖުމްލަ ހަތް މުބާރާތެއް ކުރިއަށްދިޔަ މިއަހަރުގެ ކުލަބު މޯލްޑިވްސްގެ ހުރިހާ މުބާރާތެއްގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަނީ ވަގުތުން ގެނެސްދީފައެވެ. އަދި އެސްއެސްޓީވީން ވަނީ މުބާރާތުގެ ބައެއް މެޗުތައް ވަގުތުން ގެނެސްދީފައެވެ.