ކޮމިއުނިޓީ ޝީލްޑުގެ ކާމިޔާބީއާއެކު އާސެނަލުން ސީޒަންގެ ފެށުން ވަރުގަދަކޮށްފި

އިިނގިރޭސި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި އާސެނަލް ޓްރޮފީ އުފުލާލަނީ--

އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓަރ ސިޓީގެ މައްޗަށް 3-0 އިން ކުރިހޯދައި، އާސެނަލުން އައު ސީޒަނުގެ ފެށުން ވަރުގަދަކޮށްފިއެވެ.

ކާޑިފްގެ ޕްރިންސިޕަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. މި މެޗުގައި އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ، ކައި ހާވާޓްޒް އަދި މާޓިން އޮޑެގާޑް ޖެހި ލަނޑުތަކާއެކު، އާސެނަލުން ވަނީ ކޮމިއުނިޓީ ޝީލްޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރިކޯޑެއް ދަމަހައްޓާފައެވެ.

ޕްރީސީޒަންގައި އާސެނަލްގެ ފަރާތުން ފެނުނު ކުޅުމާމެދު ސުވާލުތަކެއް އޮތް ނަމަވެސް، މެޗު ފެށިގެން އެންމެ 23 ސިކުންތުގެ ތެރޭގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ.

މައިލްސް ލެވިސް ސްކެލީ ތަނަވަސްކޮށްދިން ފުރުސަތަކުން ކަލަފިއޯރީ ކާމިޔާބުކުރި މި ލަނޑަކީ ވޭތުވެދިޔަ 58 އަހަރު ތެރޭގައި މި މުބާރާތުގެ މެޗެއް ފަށައިގެން ފުރަތަމަ މިނެޓުގައި ޖެހި ފުރަތަމަ ލަނޑެވެ.

ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް އަދި ސިޓީ--

މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުންދިޔަ އާސެނަލުން ދެވަނަ ލަނޑު ޖެހީ އޮޑެގާޑް ނަގައިދިން ހުރަހަކުން، އައު ކުޅުންތެރިޔާ ކްރިސްޓޯސް ޒޮލިސް ބޮލުން ޖައްސާލި ބޯޅަ ހާވާޓްޒް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ޒޮލިސްގެ އެސިސްޓަކުން، ޖޮސްކޯ ގްވާޑިއޯލް ކައިރިން ނައްޓާލުމަށްފަހު އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އޮޑެގާޑެވެ.

މަރެސްކާގެ އިރުޝާދުގެ ދަށުން ކުޅުނު ސިޓީއަށް އާސެނަލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ސިޓީގެ ފިލް ފޯޑެން އާއި އާލިން ހާލަންޑް ފޮނުވާލި ނުރައްކާތެރި ހަމަލާތައް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއީ ޗެރިޓީ ޝީލްޑް އާސެނަލުން ހޯދި 18 ވަނަ ފަހަރެވެ. މި ޝީލްޑް އެންމެ ގިނައިން ހޯދާފައިވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމު ވަނީ 21 ފަހަރު މި ޝީލްޑް ހޯދާފައެވެ.

އެއާއެކު ދެން ކުރިއަށްއޮތީ އިނގިރޭސި ޕްރިމިއާ ލީގެވެ. އަންނަ ހުކުރުދުވަހުގެ ރޭ ކުޅޭ ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އާސެނަލާއި ކޮވެންޓްރީ ސިޓީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު