ފްލައިޓެއް ވެއްޓި ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރަކަށް އަނިޔާވެއްޖެ: ސްޕެއިން މީޑިއާ

ސްޕެއިން ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ދުއްވި އެއާކްރާފްޓެއް ވެއްޓިފައި.....-- ފޮޓޯ: ލަ ރިއޯޖާ

ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުންދާ އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރަކު ދަތުރުކުރަމުން ދިޔަ ފްލައިޓެއް ވެއްޓި، އޭނާއަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ސްޕެއިންގެ ނޫހެއްގައިވާ ގޮތުން މި ހާދިސާގައި ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވުމުގެ އިތުރުން އޭނާގެ ތަނބިކައްޓާއި ފައިގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އޭނާއާއެކު ފްލައިޓުގައި ހުރި އުމުރުން 26 އަހަރުގެ ފްލައިޓް އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާގެ ކަށިތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ސްޕެއިންގެ ނޫހެއް ކަމަށްވާ "ލަ ރިއޯޖާ" އިން ވަނީ ރިޕޯޓުކޮށްފައެވެ.

އެ މަތިންދާބޯޓު ވެއްޓުނީ ވިއާނާގެ "އުލާގޯސާ" ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް، ގާތްގަނޑަކަށް 300 ފޫޓު މަތިންނެވެ. ވެއްޓިފައިވަނީ އަގޮންސިއޯ އެއާޕޯޓުގައި "ޓަޗް އެންޑް ގޯ" ތަމްރީނުތަކެއް ހަދަމުންދިޔަ "ފްލައިބައި" ޕައިލެޓް ސްކޫލްގެ "ޓެކްނަމް 2006" މޮޑެލްގެ ދެ އިންޖީނު އެޅި މަތިންދާބޯޓެކެވެ.

ސްޕެއިންގެ ފްލައިބައި އެއާކްރާފްޓެއް ވެއްޓިފައި.....-- ފޮޓޯ: ލަ ރިއޯޖާ

އެ ބޯޓުގައި ތިބީ އުދުހުމުގެ 700 އަށް ވުރެ ގިނަ ގަޑިއިރު ހަމަކޮށްފައިވާ އިންސްޓްރަކްޓަރާއި، ތަމްރީނުގެ ފަހު މަރުހަލާގައި އުޅޭ ދިވެހި ދަރިވަރެއް ކަމަށް ނޫހުގައިވެއެވެ. ނަމަވެސް އެ ދިވެހި ދަރިވަރާ ގުޅޭ އިތުރު ތަފުސީލެއް އަދި ސާފެއް ނުވެއެވެ.

"ލަ ރިއޯޖާ" ނޫހުގައި، އެ ހާދިސާގައި އަނިޔާވީ ދިވެހި ދަރިވަރަކަށް ކަމަށް ބުނެފައިވީ ނަމަވެސް، އެހެން ދެ ނޫހެއްގައި ވަނީ، ހާދިސާގައި އަނިޔާވީ ޕާކިސްތާނުގެ ދަރިވަރެއް ކަމަށް ރިޕޯޓުކޮށްފައެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ދިވެހި ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ލިބިފައިނުވެއެވެ.

ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން ވަނީ އެ ހާދިސާ ތަހުގީގުކުރަން ފަށައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް