ރާއްޖެއަށް ބޭނުންވާ ތެޔޮ ގަންނަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން 50 މިލިއަން ޑޮލަރު ނުވަތަ 772.5 މިލިއަން ރުފިޔާ ދޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި، ރާއްޖެއަށް ތެޔޮ އެތެރެކުރާ އެސްޓީއޯގެ ފަރާތުން ޕްރޮޖެކްޓު އެގްރީމަންޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.
މި އެއްބަސްވުންތަކުގައި އޭޑީބީން ސޮއިކުރެއްވީ، އެ ބެންކުގެ ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގެވެ.

ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ދެމެދު ސޮއިކުރުން --- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގައި މަގުސަދަކީ، މެދުއިރުމަތީގެ މަޝްރަހަށް އަންނަ ބަދަލާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭތީ، ރާއްޖޭން ތެލަށް ކުރަން ޖެހޭ ޚަރަދަށް ލުޔެއް ހޯދުން ކަމަށެވެ.
'އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް'ގެ ނަމުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އޭޑީބީން ވަނީ، ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައެވެ.
އޭޑީބީން ބުނީ، މި ފަހަރު މި ދިން ލޯނުގެ ފައިސާ ބޭނުންކުރާނީ ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށް ބޭނުންވާ ތެޔޮ ގަތުމަށް ކަމަށެވެ. އަދި، އަތޮޅުތެރޭގެ ދަތުރުފަތުރުގެ ނިޒާމަށާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ހޯދުމަށް ވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް އޭޑީބީން ބުނެފައިވެއެވެ.
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 94 ޕަސެންޓަކީ ޑީސަލް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން މެއި މަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ހަމަނުޖެހުންތައް ފެށުމުގެ ކުރިން މަހެއްގެ މައްޗަށް ތެޔޮ އެތެރެކުރުމަށް 50 މިލިއަން ޑޮލަރު ހޭދަކުރިއިރު، އެ އަދަދު މިހާރު ވަނީ 116 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް 110 ޕަސެންޓުގެ އިތުރުވުމެކެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ދުވާލެއްގެ މައްޗަށް 8،000 ފީފާގެ ޑީސަލް ބޭނުންވާއިރު، މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2.9 މިލިއަން ފީފާއެވެ. މިދިޔަ އަހަރު އެކަނި ވެސް ރާއްޖެއިން ތެޔޮ ގަތުމަށް 10 ބިލިއަނާ ގާތްކުރާ އަދަދަކަށް ރުފިޔާ ހޭދަކޮށްފައިވެއެވެ.
އޭޑީބީގެ މި އެހީގެ ކުރިން، ވޯލްޑް ބޭންކުން ވެސް ވަނީ މެއި މަހު ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ. އެއީ ހިނގަމުންދާ އެހެން މަޝްރޫއުތަކުން ތެޔޮ އެތެރެކުރުމަށް ބަދަލުކުރި ފައިސާއެވެ. މި ދެ އެހީއާއެކު، ތެޔޮ ގަތުމަށާއި ގުޅުންހުރި ޚިދުމަތްތަކަށް އޭޑީބީއާއި ވޯލްޑް ބޭންކުން ހަމަޖައްސައިދިން ފައިސާގެ ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރަށް އަރާފައެވެ.