ތެހެރާން (10 އޮގަސްޓް 2026): އީރާނާއެކު އެމެރިކާ ސޮއިކޮށްފައިވާ އެމްއޯޔޫގައިވާ ޝަރުތުތައް އެމެރިކާ ފުރިހަމަ ކުރަންދެން ހުރުމުޒު ކަނޑުއޮޅި ނުހުޅުވާނެ ކަމަށާއި ނިއުކްލިޔާ މައްސަލައާއި އެ ނޫން މައްސަލަތަކުގައި އެމެރިކާއާއެކު ވާހަކަ ވެސް ނުދައްކާނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އީރާނުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ސައްޔިދު އަރަގްޗީ ވިދާޅުވީ ބޮން އަޅައިގެންނާއި ގަދަބާރު ބޭނުންކޮށްގެންނާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާނުގެ ކިބައިން އެއްވެސްކަމެއް އެމެރިކާއަށް ހާސިލް ނުވާނެކަމުގައެވެ.
"އެމެރިކާއަށް އޮތީ އެމެރިކާގެ ރައީސް ސޮއިކޮށް އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެފައިވާ އެމްއޯޔޫއަށް އެނބުރި ރުޖޫއަވުން، އެ ނޫންގޮތެއް އެމެރިކާއަށް ނޯންނާނެ" އަރަގްޗީ ވިދާޅުވިއެވެ.
އީރާންވަނީ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމާ ބެހޭގޮތުން އުމާންއާއެކު ކުރާ މަޝްވަރާތަކުގައި އެމެރިކާ ބައިވެރި ކުރުމަށް ދެކޮޅު ހަދާފައެވެ. ސަބަބަކީ އެމެރިކާއަކީ ހުރުމަޒު ކަނޑުއޮޅިއާ އެއްވެސް ވަރަކަށް ގުޅުންނެތް ބޭރު ބާރަކަށްވާތީއާއި އެ ސަރަހައްދަށް އަސްކަރީ ގޮތުން އަތްގަދަކުރަން އެމެރިކާ މަސައްކަތްކުރާތީއެވެ. އަދި މިއީ އީރާނުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށްވާތީއެވެ.
އީރާނުގެ މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި ހުރުމުޒު ކަނޑުއޮޅިއަކީ އެ ގައުމުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ތަނެކެވެ. އެ ތަނަކީ ސަރަހައްދީ ގޮތުންނާއި ޖޯގްރަފިކަލް ގޮތުން އެމެރިކާއާ އެއްވެސް ގުޅުމެއް ހުރިތަނެއް ނޫނެވެ.
އީރާން ބުނާގޮތުން އުމާންއާއެކު މަޝްވަރާކުރަނީ ހުރުމުޒު ކަނޑު އޮޅި އަލުން ހުޅުވަން ޖެހިއްޖެ ހާލަތެއްގައި އެކަން މެނޭޖްކުރާނެ އިންތިޒާމްތަކެއް ހަމަޖެއްސުމާބެހޭގޮތުންނެވެ. ހުރުމުޒު ކަނޑުއޮޅި މޭނޭޖް ކުރުމާބެހޭގޮތުން އުމާންއާއި އީރާން ކުރަމުންގެންދާ މަޝްވަރާތައް ކާމިޔާބުކަމަށާއި އެކަން މިހާރުވަނީ އޭގެ އެންމެ ފަހުގެ މަރުހަލާގައި ކަމަށް އުމާންއާއި އީރާންގެ ކަމާބެހޭ މަޝްއޫލުވެރިންވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާތައް ބިނާކޮށްފައިވަނީ އީރާނުގެ ސަރަހައްދުން ހުރުމުޒު ކަނޑުއޮޅިއަށް ވަންނަ ގޮތަށާއި އުމާންގެ ސަރަހައްދުން އެކަނޑުއޮޅިން ނުކުންނަ ގޮތަށެވެ. އެނޫންގޮތަކަށް ހުރަސްކުރާ އުޅަނދުތަކަށް އެއްވެސް ރައްކާތެރިކަމެއް ނޯންނާނެކަމުގެ އިންޒާރު އީރާނުގެ ރވޮލިއިޝަރަނީ ގާޑުންވަނީ ދީފައެވެ. ނަމަވެސް ހުރުމުޒު ހުރަސްކުރާ އުޅަނދުތަކުން ފީނެގުމުގެ މައްސަލާގައި އުމާންއާއި އީރާންއާދެމެދުވަނީ ޚިޔާލު ތަފާތުވެފައެވެ. ޚިޔާލު ތަފާތުވެފައިވަނީ ފީގެ މިންވަރާ މެދުގައެވެ.

އެމެރިކާ ސިފައިންގެ ވެރިޔާ ޖެނެރަލް ޑޭން ކެއިން
އީރާންއާ ކޯޑިނޭޓްކޮށްގެން މިހާރުވެސް ހުރުމުޒު ކަނޑުއޮޅި އުޅަނދުތަކަށް ހުރަސްކުރެވެއެވެ. ނަމަވެސް އީރާން އާ ކޯޑިނޭޓްނުކޮށް، ހުއްދަ ނުހޯދައި އެކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް އީރާން ގެންދަނީ ހަމަލާދެމުންނެވެ. އީރާންއާ ކޮޑިނޭޓް ނުކޮށް ހުރުމުޒުން ނުކުންނަން އުޅުނު ޔޫއޭއީގެ ތެޔޮ ޓޭންކަރަކަށް އީރާނުގެ ޑްރޯނަކުން އިއްޔެ ދިން ހަމަލާއެއްގައި އެޓޭންކަރުގެ ދަތުރުވަނީ ހުއްޓުމަކަށް އައިސްފައެވެ.
ކުރިން މިފަދަ ހަމަލާއެއް އީރާނުން ދީފިނަމަ ރައްދުގައި އެމެރިކާ އީރާނަށް ހަމަލާދޭނެއެވެ. ނަމަވެސް އިއްޔެ ޔޫއޭއީގެ ޓޭންކަރަށް އީރާން ދިން ހަމަލާއަށް އެމެރިކާ އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.
އެމެރިކާގެ ސިފައިންގެ ވެރިޔާ އަދި ޗެއާމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޑާންކެއިން ވަނީ އީރާނަށް އިތުރަށް ވައިގެ ހަމަލާތައް ދީގެން އެމެރިކާއަށް ހާސިލް ކުރެވޭނެ ކަމެއްނެތްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުސްތަޝާރުންނަށް ދަންނަވާފައެވެ. އީރާނަށް އެއްގަމު މަގުން ސިފައިން ފޮނުވައިގެން ހަނގުރާމަ ކުރުމަކީވެސް އެމެރިކާގެ އެތައް ހާސް ސިފައިން މަރުވެގެންދާނެކަމަށް ބެލެވޭ ނުރައްކާތެރި ކަމެއްކަމަށް ސިފަކުރައްވައި އެކަން ނުކޮށް ހަނގުރާމައިން ނުކުމެވޭނެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް އެބޭފުޅުންނަށް ލަފާއަރުވާފައެވެ.
ޖެނެރަލް ޑާންކެއިން ޓްރަމްޕްގެ މުސްތަޝާރުންނަށް ދެންނެވި ގޮތުގައި އެމެރިކާއަށް މި ވަގުތު ކުރެވެން އޮތްކަމަކީ ހަމައެކަނި އީރާނަށް ބޮންއެޅުމެވެ. ނަމަވެސް ހަމައެކަނި ބޮންއަޅައިގެން ހަނގުރާމައެއް ނިންމައިނުލެވޭނެ ކަމާއި ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަން އޭނާ ވަނީ ހާމަކުރައްވާފައެވެ. މިއާއެކު ރައީސް ޓްރަމްޕް ވަނީ ކުރިޔަށް އޮތްތަނުގައި އީރާނަށް އިސްވެ ހަމަލާދިނުމުގެ ބަދަލުގައި އީރާންއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އިސްކަންދޭނެކަން ދޭހަވާ ފަދަ ގޮތަށް ވާހަކަ ދައްކަވާފައެވެ.