މާލެ ސަރަހައްދުގައި ކުނި އުފުލުން ހަރުދަނާ ކުރަން ގަވާއިދެއް ހަދަނީ

ހުޅުމާލޭ ދެ ފިޔަވަހި ގުޅައިލާ ސަރަހައްދުގެ ފަޅުތެރެއަށް އެޅިފައި ހުރި ކުނި: މޭޔަރު ވިދާޅުވީ ކުނި އުފުލައި ގެންދަންވާ ގޮތުގެ ގަވައިދެއް ހެދުމަށް ސިޓީ ކައުންސިލުން އެބަ މަސައްކަތްކުރަމުން އަންނަ ކަމަށް --- ސަން ފޮޓޯ / އަޙްމަދު އިޔާދު

މާލެ ސަރަހައްދުގައި އެއް ތަނުން އަނެއް ތަނަށް ކުނި އުފުލައި ގެންދަންވާ ގޮތުގެ ގަވައިދެއް ހެދުމަށް ސިޓީ ކައުންސިލުން އެބަ މަސައްކަތްކުރަމުން އަންނަ ކަމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް އިއްޔެ ވިދާޅުވެެއްޖެއެވެ.

ހުޅުމާލޭން ކުނި އުކައިލުމުގެ މަސައްކަތް ކުރާއިރު، ފަޅުތެރެއަށް ކުނި އެޅޭ މައްސަލަ ބޮޑެވެ. ހުޅުމާލޭގެ ދެ ފިޔަވަހި ގުޅައިލާ ސަރަހައްދަކީ އާންމުން ދޭތެރެއަކުން މޫދަށް އެރި، ހިތްފަސޭހަކޮށްލުމަށްޓަކައި ގޮސް އުޅޭ ސަރަހައްދެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދާ މަގުމަތީގައި ވެމްކޯގެ ކުންޏާ ބެހޭ މަރުކަޒެއް އެންމެ ހުޅަނގަށް ހުރެއެވެ.

'ސަން'އިން ސުވާލުކުރުމުން ޢާޒިމް ވިދާޅުވީ، އެ ސަރަހައްދުގައި ކުނި އުފުލާއިރު މޫދަށް ކުނި ނޭޅޭ ގޮތަށް ކުނި އުފުލުމަށް ވެމްކޯއަށް ކައުންސިލުން ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.

ހުޅުމާލޭ ދެ ފިޔަވަހި ގުޅައިލާ ސަރަހައްދުގެ ފަޅުތެރެއަށް އެޅިފައި ހުރި ކުނި --- ސަން ފޮޓޯ / އަޙްމަދު އިޔާދު

"މިހާރު މާލޭގައި ވެސް ކުނި އެއް ތަނުން އަނެއް ތަނަށް ގެންދާއިރުގަ ގެންދަންވާ ގޮތުގެ ގަވައިދެއް ހަދަންވެގެން މި އުޅެނީ،" ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ މާލޭ ސަރަހައްދުގެ މަގުތައްމައްޗާއި ކަނޑުމަތީގައި ކުނި އުފުލައިގެން ގެންދަންވާ ގޮތުގެ ގަވައިދެއް އެކުލަވައިލައި އެއަށް އަމަލުކުރަން ފެށުމުން، ކުނިތައް އެޅޭ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުގެ ކުންޏާ ބެހޭ ކޮމިޓީން އެ ގަވައިދު އެކުލަވައިލުމަށްޓަކައި މަސައްކަތްކުރަމުން ވެސް އަންނަ ކަމަށެވެ.

ނަމަވެސް ގަވައިދު އެކުލަވައިލައި ސީދާ ނިމޭނެ ތާރީޚެއް ޢާޒިމް އަދި ހިއްސާނުކުރައްވައެވެ.

ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ސިޓީއެއް ފޮނުއްވައިފައެވެ. ކުޑޫގެ ސިޓީގައިވަނީ ހުޅުމާލޭގައި ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު ބައެއް ކުނި ފަޅުތެރެއަށް އެޅިގެން ތިމާވެށި ތަޣައްޔަރުވަމުންދާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

https://sun.mv/225510

އެ ކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަކީ ވެމްކޯގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ކުޑޫ ވިދާޅުވިއެވެ.

އެ ކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަކީ ވެމްކޯގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ކުޑޫގެ ސިޓީގައިވެއެވެ.

ހުޅުމާލޭ ފަޅަށް ކުނި އެޅޭ މައްސަލައިގެ އިތުރުން މާލޭ ސަރަހައްދުގައި ގަވައިދާ ޚިލާފަށް ކުނި ބަހައްޓާ މައްސަލަ ވެސް ވަރަށް ބޮޑެވެ. ޚާއްސަކޮށް، ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް މިދިޔަ މަހު 19 ވަނަ ދުވަހު ހިނގައި، ޚިދުމަތްތަކަށް ބުރޫއެރުމުން އެ މައްސަލަ ބޮޑުވިއެވެ.

comment ކޮމެންޓް