ހިންދީ ސިނަމާގެ އޭ ލިސްޓު އެކްޓަރުންގެތެރޭ ހިމެނޭ ރަންބީރު ކަޕޫރަކީ ފިލްމީ ތަރިންގެތެރެއިން އެންމެ ކަމުދާ ފަންނާނު ކަމަށް ބަތަލާ އަދިތީ ރާއޯ ހައިދަރީ ބުނެފިއެވެ.
'ހިއުމަންސް އޮފް ބޮމްބޭ'އަށް ދިން އިންޓަވިއުއެއްގައި އަދިތީ ބުނީ ރަންބީރާ އެކު މަސައްކަތް ކުރުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، އޭނާއަކީ ހުނަރުވެރި، މަސައްކަތަށް ވަރަށް ބޮޑަށް ސަމާލުކަންދޭ އެކްޓަރެއް ކަމަށެވެ. އަދި ރަންބީރު ކުޅޭ ކޮންމެ ކެރެކްޓައެއްވެސް ބެލުންތެރިން ގަބޫލުކުރާ ފަދަ މޮޅު ގޮތަކަށް ކުޅުމުގެ ގާބިލުކަން ރަންބީރުގެ ކިބައިގައި ހުންނަކަން އަދިތީ ފާހަގަކުރިއެވެ.
އަދިތީ އާއި ރަންބީރު އެކުގައި މަސައްކަތްކޮށްފައި ވަނީ 2011 ވަނަ އަހަރު ނެރުނު އިމްތިއާޒް އަލީގެ ފިލްމު "ރޮކްސްޓާ"ގައެވެ. އެ ފިލްމަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

އަދިތީ ލީޑް ރޯލް ކުޅުނު ފިލްމު "ބޫމީ"ގެ ޕްރީމިއާގައި ރަންބީރު އަދި ސަންޖޭ ދަތު ބަތަލާއާ އެކު--ފޮޓޯ/އެންޑީޓީވީ
ރަންބީރު މުހިއްމު ރޯލެއް ކުޅޭ ނިތޭޝް ތިވާރީގެ "ރާމާޔަން"ގެ ޓްރެއިލާ އާއްމުކުރުމާ އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް އަންނަނީ ލިބެމުންނެވެ.
މި ފިލްމުގެ އިތުރުން ރަންބީރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ ފިލްމު "ލަވް އެންޑް ވޯ"ގެ މަސައްކަތްވެސް ކުރަމުންނެވެ.
އަދިތީ ދެން އެންމެ އަވަހަށް ފެންނާނީ ބަތަލާ ކޮންކޮނާ ސެންޝަރްމާ އާއި ޖަޔަދީޕް ސަރުކާރު އުފައްދާ ޕްރައިމް ވީޑިއޯގެ ސީރީޒް 'ވެލްކަމް ޓު ކޯޔާ މަހަލް'އިންނެވެ. މި ސީރީޒްގައި ބަރުން ސޮބްތީ އާއި ރަޗިތު ސިންގް ވެސް ހަރަކާތްތެރިވެއެވެ.