ކަންގަނާގެ ފިލްމު 'ބާރަތު ބާގްޔާ ވިދާތާ' ސްޓްރީމިންގްއަށް ދޫކޮށްލަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ލީޑް ރޯލް ކުޅެފައިވާ ފިލްމު "ބާރަތު ބާގްޔާ ވިދާތާ" ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފިއެވެ.

މަޝްހޫރު ބަތަލާ އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކަންގަނާގެ ތުރިލާ ޑްރާމާ "ބާރަތު ބާގްޔާ ވިދާތާ" މި އަންނަ ހުކުރު ދުވަހު 'ޒީ5' މެދުވެރިކޮށް ދައްކަން ފަށާނެކަން އެ ޕްލެޓްފޯމުން ވަނީ ރަސްމީ ޓްރެއިލާއާއެކު އިޢުލާންކޮށްފައެވެ.

މަނޯޖް ތަޕާޑިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2008 ވަނަ އަހަރު މުމްބާއީއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގައި ހިނގައިދިޔަ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ހަމަލާތަކުގެ ބިރުވެރިކަން މުޅި ސަރަހައްދަށް ފެތުރިފައިވީ ނަމަވެސް، ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ނަރުހުންނާއި، ވޯޑް ބޯއީންނާއި، ސާފުކުރާ މީހުންނާއި، ލިފްޓް އޮޕަރޭޓަރުންނާއި، ސެކިއުރިޓީން އަދި އިދާރީ މުވައްޒަފުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެއްކި ސާބިތުކަން މި ފިލްމުން ދައްކުވައިދީފައިވެއެވެ.

މި ފިލްމުގައި ކަންގަނާ ކުޅެފައިވަނީ ހިތްވަރުގަދަ ނަރުހެއްގެ ރޯލެވެ.

ފިލްމު "ބާރަތު ބާގްޔާ ވިދާތާ"ގެ ޕްރީމިއާގައި ކަންގަނާ އިންޑިއާގެ ނިއު ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާއާ އެކު--ފޮޓޯ/އެންޑީޓީވީ

"މިއީ 26/11ގެ އެންމެ އަނދިރި ރޭ، އާދައިގެ ނަރުހުންތަކެއް ދެއްކި އާދަޔާ ހިލާފު ހިތްވަރުގެ ފޮރުވިފައިވާ ވާހަކައެއް. ބައެއް ބަތަލުންނަކީ ދުވަހަކުވެސް ފެނިފައިވާ ބައެއް ނޫން. އެމީހުންގެ ވާހަކަތަކީ މީގެ ކުރިން ކިޔައިދެވިފައިވާ ވާހަކަތަކެއް ނޫން" ޒީ5އިން އިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި ފިލްމާ ގުޅޭގޮތުން ޑައިރެކްޓަރު މަނޯޖް ތަޕާޑިއާ ބުނީ، މި ފިލްމުގެ މަސައްކަތް ފެށީއްސުރެ ބޭނުންވީ 26/11ގެ ހާދިސާ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ތަފާތު ނަޒަރިއްޔާތަކުން ބެލުންތެރިންނަށް ގެނެސްދިނުމަށެވެ.

ގައުމުގެ ސަލާމަތީ ބާރުތަކުން ދެއްކި ހިތްވަރު މުޅި ގައުމު ހަނދާންކުރާއިރު، އެ ރޭ ކާމާ ހޮސްޕިޓަލުގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ނުރައްކަލުގެ ތެރޭގައި ތިބެ ބަލިމީހުންނަށްޓަކައި ދެއްކި ހިތްވަރަކީވެސް އެއާ އެއްވަރުގެ ނަމޫނާއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ކަންގަނާގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައިވާ ތަރިންގެތެރޭ ގިރިޖާ އޯކް، ސްމިތާ ތަމްބޭ، އަމްރުތާ ނާމްދޭވް، އީޝާ ދޭ، ޕްރިޔާ ބަރްޑޭ، އާޝާ ޝެލާރް، ސުހީތާ ތައްޓޭ، ރަސިކާ އަގާޝޭ، އަދިތްޔާ މިޝްރާ އަދި ޒާހިދު ޚާން ހިމެނެއެވެ.

comment ކޮމެންޓް