ޗައިނާގައި މިހާރު ކުރިއަށްދާ 14 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ބަލިވެއްޖެއެވެ.
ހޮންގް ކޮންގްގެ ކައި ޓަކް ސްޕޯޓްސް ޕާކުގައި ކުޅުނު މި މެޗު ސިންގަޕޫރުން ކާމިޔާބުކޮށްފައިވަނީ 19-81 އިންނެވެ.
މެޗުގެ ހަތަރު ކުއާޓަރއަށް ބަލާއިރުވެސް ފެނިގެންދިޔައީ ސިންގަޕޫރުން މެޗު ޑޮމިނޭޓުކުރިތަނެވެ. އެގޮތުން، ސިންގަޕޫރުން މެޗުގެ ފުރަތަމަ ކުއާޓަރު، 4-23 އިން ކާމިޔާބުކުރިއިރު، ދެވަނަ ކުއާޓަރު ގެންގޮސްފައިވަނީ 3-21 އިންނެވެ. 3-23 އިން ސިންގަޕޫރު، މެޗުގެ ތިންވަނަ ކުއާޓަރު ކާމިޔާބުކުރިއިރު، އެޓީމުން މެޗުގެ ފަހު ކުއާޓަރު ކާމިޔާބުކޮށްފައިވަނީ 9-14 އިންނެވެ.
މިއަހަރުގެ ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ރާއްޖެ ބަލިވި ނަމަވެސް، މިއީ އެންމެފަހުން ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ. 2022 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި 12 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ސިންގަޕޫރު އަތުން ރާއްޖެ ބަލިވީ 10-96 އިންނެވެ.
ސިންގަޕޫރަކީ ސަރަހައްދީ ނެޓްބޯޅައިގެ ގަދަބާރެކެވެ. އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެޗަކުން އެންމެ ބޮޑު ތަފާތަކުން މޮޅުވެފައި ވަނީ ވެސް ސިންގަޕޫރެވެ. އެއީ، 2024 ވަނަ އަހަރު 119 ޕޮއިންޓުގެ ތަފާތަކުން ޢިރާޤު ބަލިކުރި މެޗެވެ. ސިންގަޕޫރުން މި މެޗު ކާމިޔާބުކޮށްފައިވަނީ 03-122 އިންނެވެ. މީގެ އިތުރަށް، އެޓީމުން ވަނީ 2022 ވަނަ އަހަރު، 100 ޕޮއިންޓުގެ ތަފާތަކުން ޖަޕާނުވެސް ބަލިކޮށްފައެވެ.
މިހާރު ކުރިއަށްދާ 14 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު ދެވަނަ މެޗުގައި މިއަދު މެލޭޝިއާ އާއި ދެކޮޅަށެވެ. އެ މެޗު ކުޅޭނީ 16:00 ގައެވެ.
ތިންވަނަ މެޗު ރާއްޖެއިން ކުޅޭނީ އިންޑިއާ އާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ 10 ވަނަ ދުވަހު 12:00 ގައެވެ.
އަދި ހަތަރުވަނަ މެޗުގައި ހޮންގް ކޮންގާ ދެކޮޅަށް 11 ވަނަ ދުވަހުގެ 16:00 ގައި ނުކުންނައިރު ފަސްވަނަ މެޗުގައި 12 ވަނަ ދުވަހުގެ 15:00 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމަށް، ބައިނަލްއަޤްވާމީ ތަޖުރިބާއާއި ކާމިޔާބީ އަދި ކުރިއެރުން ހޯދުމަށް ރަނގަޅު ފުރުސަތަކަށެވެ.
މި މުބާރާތުގައި ޖެހިޖެހިގެން ފަސް ދުވަހު، ފަސް މެޗު ކުޅެންޖެހޭއިރު، ރާއްޖެއިން މުބާރާތުގައި ވާދަކުރާނީ ނެޓްބޯޅައިގައި އޭޝިއާ ސަރަހައްދުން އެންމެ ފާހަގަކޮށްލެވޭ، ސަރަހައްދީ ގަދަބާރުތަކާއެވެ.
ރައުންޑް ރޮބިން އުސޫލުން ލީގު ފޯމެޓަށް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމެއް ސެމީ ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެއާއި މި ފަސް ޓީމު ހިމެނެނީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ "ކަޕް ޑިވިޝަން" ގައެވެ.