އެޕަލްއިން އަމިއްލައަށް އުފައްދާފައިވާ ސީ2 މޮޑެމް އާއި ފެންވަރު ރަނގަޅު ކެމެރާގެ ބޮޑެތި ބަދަލުތަކާއެކު އައިފޯން 18 ޕްރޯ ފޯނު ތަޢާރަފުކުރުން އަންނަ މަހު އޮންނާނެ ކަމަށް ބެލެވޭއިރު، ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއަހަރުގެ އެޕަލް އިވެންޓް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވާ ބުދަ ދުވަހުއެވެ.
ދެހާސްއެގާރަ ވަނަ އަހަރުން ފެށިގެން ކޯވިޑްގެ ދުވަސްވަރު ފިޔަވައި އެޕަލްއިން އާންމުކޮށް އައިފޯން ތަޢާރަފުކުރަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ކަމަށްވާއިރު، މި އަހަރުގެ "ލޭބާ ޑޭ" އަށް ފަހު އަންނަ ބުދަ ދުވަހަކީ އިވެންޓް ބޭއްވުމަށް އެންމެ އެކަށީގެންވާ ތާރީޚު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާންމު ގޮތެއްގައި އިވެންޓުގެ ދެ ހަފުތާ ކުރިން އެޕަލްއިން ދަޢުވަތު ކާޑުތައް ފޮނުވާ އުޞޫލަށް ބަލާއިރު، މި އަހަރުގެ އިވެންޓަށް ދަޢުވަތު ދިނުން އޮގަސްޓް 26 ވާ ބުދަ ދުވަހު އޮންނާނެ ކަމަށް ބެލެވޭއިރު، އިވެންޓަށްފަހު ފޯނަށް އޯޑަރު ދިނުން (ޕްރީ-އޯޑަރު) ސެޕްޓެމްބަރު 11 ވާ ހުކުރު ދުވަހު ފެށޭނެ ކަމަށް ލަފާކުރެވެއެވެ.
ނަމަވެސް، ދުނިޔެއަށް ކުރިމަތިވެފައިވާ ސިމީކޮންޑަކްޓާ ޗިޕްތަކުގެ ދަތިކަމާ ހުރެ ފޯނުތައް އުފެއްދުމުގައި ލަސްތަކެއް އުޅޭތީ، އިވެންޓަށްފަހު ފޯނުތައް ޝިޕްކުރުމަށާއި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް އާންމުކޮށް ނަގާ މުއްދަތަށްވުރެ އިތުރު ވަގުތު ނަގާފާނެ ކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ.
މި ފަހަރުގެ އިވެންޓުގައި އެޕަލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައިފޯން ނެރުން ދެ ބަޔަކަށް ބަހާލާނެ ކަމަށް ޚަބަރުތައް ބުނާއިރު، ސެޕްޓެމްބަރު މަހު ނެރޭނީ އެންމެ އަގުބޮޑު މޮޑެލްތައް ކަމަށްވާ އައިފޯން 18 ޕްރޯ، ޕްރޯ މެކްސް އަދި އަލަށް ތަޢާރަފުކުރާ ފޯލްޑަބަލް މޮޑެލް "އައިފޯން ފޯލްޑް" ކަމަށާއި، އާދައިގެ އައިފޯން 18 ނެރުން އަންނަ އަހަރުގެ ބަހާރު މޫސުމަށް ލަސްކޮށްލާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން އިތުބާރުހުރި ޚަބަރުތަކުން އެނގޭ ގޮތުގައި އައިފޯން 18 ޕްރޯ ސީރީޒްގައި ބޭނުންކުރާނީ އެންމެ ފަހުގެ 2 ނެނޯމީޓަރުގެ އޭ20 ޗިޕާއި، އެޕަލްއިން އަމިއްލައަށް އުފެއްދާ ސީ2 މޮޑެމްގެ އިތުރުން ކެމެރާއަށް އަންނާނެ ބޮޑެތި ބަދަލުތަކުގެ ސަބަބުން، މި ފަހަރުގެ ފޯނުތަކުގެ އަގު ކުރީގެ މޮޑެލްތަކަށްވުރެ ބޮޑުތަނުން އުފުލިގެން ދާނެއެވެ.