ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ދެނެގަނެ މުވައްޒަފުންގެ އައު އޮނިގަނޑެއް އެކުލަވައިލައި ރައްޔިތުންގެ މަޖިލީހަށް އޭގެ ތަފުސީލު ހުށަހަޅަން އެ ކޯޕަރޭޝަނަށް އަންގަން މަޖިލީހުން މިއަދު ލަފާ ދީފިއެވެ.
އައްޑޫގައި ފެނަކައިން ހިންގާ ބްރާންޗުތަކާއި މަޝްރޫއުތަކުގެ 2021-2023ގެ ޚާއްސަ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އައްޑޫގައި އެ ކުންފުނިން އިން-ހައުސްކޮށް ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއެއްގެ މަސައްކަތް ކުރުމަށް ގިނަ މުވައްޒަފުން ނަގައިފައިވީ ނަމަވެސް، މަޝްރޫއުތަކަށް ބޭނުންވާނެ އިންސާނީ ވަސީލަތްތައް ބަލައިފައި ނުވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފެނަކައިން މުވައްޒަފުން ނެގުމުގައި 2022ވަނަ އަހަރުގެ މުވައްޒަފުންގެ ގަވައިދާއި އިންސާނީ ވަސީލަތްތަކުގެ އެސްއޯޕީއާ ޚިލާފަށް ވަނީ އަމަލުކޮށްފައެވެ.
މީގެ އިތުރުން، މަޝްރޫއުތަކަށް ނެގި މުވައްޒަފުން މަހުން މަހަށް އިތުރުވަމުން ދިޔައިރު އެ މުވައްޒަފުން ނެގީ އެއްވެސް އޮނިގަނޑެއް އެކުލަވައިނުލާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފެނަކަގެ މުވައްޒަފުންތަކެއް -- ފޮޓޯ/ ފެނަކަ
ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، އައްޑޫގައި ހިންގި ހަތަރު މަޝްރޫއަކަށް ނަގައިފައި ވަނީ އެސިސްޓަންޓް މެނޭޖަރަކާއި އަށް ސުޕަވައިޒަރަކާއި ހަތް އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމުލަ 85 މުވައްޒަފުންނެވެ. އެ ހަތަރު މަޝްރޫއުގެ މަސައްކަތްތަކުގައި 2023ވަނަ އަހަރުގެ ނިޔަލަށް 158 މުވައްޒަފަކު ވަކިވެފައިވާއިރު 273 މުވައްޒަފުން އިތުރަށް ނެގި ކަމަށް ރިޕޯޓުގައި ވެއެވެ.
އިތުރަށް ނެގި މުވައްޒަފުންތަކަކީ މަޝްރޫއުތަކަށް އިތުރުވެފައިވާ މުވައްޒަފުންތަކެއްކަން ކޮމިޓީ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ހަމަ އެހެންމެ އައްޑޫ ފެނަކައަށް މަހުން މަހަށް ނެގި މުވައްޒަފުން އިތުރުވިއިރު، އެ މުވައްޒަފުން ނެގުމަށް އޭރުގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދުގެ ހުއްދަ ހޯދައިފައިވާ ކަމަށް ލިޔެކިއުންތަކުން ފެންނަން ނެތް ކަމާއި، އެހެންވެ، އިތުރު މުވައްޒަފުން ނަގައިފައި ވަނީ ސަޢީދުގެ ހުއްދަ ލިބިގެންކަން ކަށަވަރުކުރެވެން ނެތްކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފެނަކައިގެ ހުރިހާ ބްރާންޗުތަކަށާއި އެ ކުންފުނިން ކުރާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ ކުންފުނީގެ އޮނިގަނޑެއް ކަނޑައަޅައި 30 ދުވަހުގެ ތެރޭ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އަންގައިފައެވެ.
މާލިއްޔަތު ކޮމިޓީގެ މި ރިޕޯޓު މަޖިލީހުން ފާސްކުރީ ވޯޓުގައި 53 މެންބަރުންގެ އިއްތިފާގުންނެވެ.

ފެނަކަ މުވައްޒަފުންތަކެއް -- ފޮޓޯ/ ފެނަކަ
ފާހަގަކުރެވޭ ގޮތުގައި 8،000އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން ވަނީ އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ މަހުގެ 14ވަނަ ދުވަހަށް ހުޅުވައިލައިފައެވެ. އެ މުއްދަތުގައި ވަކިވާން އެދުނީ 108 މުވައްޒަފުންނެވެ.
ފެނަކައިން މީގެ ކުރިން ބުނީ، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ، ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ކުންފުނިން ފާހަގަކުރެއެވެ.
ފެނަކައިން އިތުރަށް ހާމަކުރި ގޮތުގައި، ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިއްބެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ފެނަކައިން އުންމީދު ކުރެއެވެ.
އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުންފުނި އިސްލާހުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކުންފުންޏެވެ. ޚާއްސަކޮށް، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން އެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރާ ކަމުގެ ކަންބޮޑުވުން އޮވެއެވެ.