މިރޭ, ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އާ ދިމާ ބޭރުން ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ވިޔަފާރި އުސޫލުން ދޭ މި ހިދުމަތުގެ ދަށުން ހަވާ އެރުވުން ކުރިއަށް ދާނީ މިރޭ 20:30 ގައެވެ. އަދި މި ހަރަކާތް ގާތްގަނޑަކަށް ތިން މިނެޓަށް ދެމިގެންދާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ސިފައިން ވިޔަފާރި އުސޫލުން ފޯރުކޮށްދޭ މި ހިދުމަތުގެ ދަށުން، އެކިއެކި މުނާސަބަތުތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން މާލެ ސަރަހައްދުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަވާ އަރުވައެވެ. މިއީ އާންމުކޮށް ރިސޯޓުތަކާއި ކުންފުނިތަކުން ފާހަގަކުރާ ހާއްސަ އިވެންޓުތަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތެކެވެ. މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކުރުމަށްފަހު، ސިފައިންގެ ބެލުމުގެ ދަށުންނެވެ.
މިރޭ ހުޅުލޭ ބޭރުގައި ހަވާ އަރުވަން ހަމަޖެހިފައިވާއިރު، މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރެއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް މާލެ ސަރަހައްދުގައި ވަނީ ހަވާ އަރުވައިފައެވެ. އެގޮތުން، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތައް ނިންމާލުމުގެ ގޮތުން ގިނަ އަދަދެއްގެ އާންމުންނަށް ފެންނަ ގޮތަށް އެރޭ ހަވާ އަރުވާފައިވެއެވެ.
އެމްއެންޑީއެފުން އާންމުކޮށް ހަވާ އެރުވުމުގެ ކުރިން، ކަނޑުދަތުރުކުރާ ފަރާތްތަކާއި އެ ސަރަހައްދެއްގައި ދިރިއުޅޭ އާންމުންގެ ސަމާލުކަމަށް އެކަން ގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައެވެ.