ދިވެހި ދައުލަތަކީ އާންމުން ހީކުރާހާ މުއްސަނދި ދައުލަތެއް ނޫން: ފަލާޙް

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ ދިވެހި ދައުލަތަކީ ހަގީގަތުގައި އެހާ މުއްސަނދި ދައުލަތެއްނޫން ކަމަށް -- ފޮޓޯ/ މަޖިލިސް

ދިވެހި ދައުލަތަކީ ހަގީގަތުގައި އާންމުން ހީކުރާ ވަރަށް ވުރެ މުއްސަނދި ތަނަވަސް ދައުލަތެއް ނޫން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ގޮތުން އެތައް މުވައްޒަފުންތަކެއް ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓަކީ އެވަރެޖުކޮށް ފަސް ބިލިއަން ރުފިޔާ ނުވަތަ ހަ ބިލިއަން ރުފިޔާ ކަމަށެވެ.

މިހާރު ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓު 50 ބިލިއަން ރުފިޔާއަށް ވުރެ އިތުރުކަން ފަލާޙް ފާހަގަކުރެއްވިއެވެ. އެ ބަޖެޓުތަކަށް އާމްދަނީގެ ގޮތުގައި ލިބެނީ 34 ބިލިއަން ރުފިޔާ، ނުވަތަ 35 ބިލިއަން ރުފިޔާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

"އެހެންވީމާ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓު ޑެފިސިޓް އެބަ ވޭ އިއްޒަތްތެރި ރައީސް 15 ނޫނީ 12 ބިލިއަން ރުފިޔާ ދަރަނިވެރިވޭ އެބަ، އެހެން ވަމުން ވަމުން ގޮސް ދަރަނި މިއަދު މި ހުރީ 160، 180 ބިލިއަން ރުފިޔާއަށް އަރައިފައި މި ދައުލަތުގެ،" އޭނާ ވިދާޅުވިއެވެ.

ރައީސާއި ފަލާހް ސަލާމްކުރައްވާއިރު، ފަހަތުން އަބްދުއްރަހީމް:-- ފޮޓޯ/ ޕީއެންސީ

ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރުގެ ޓީ-ބިލަށް 2.4 ބިލިއަން ރުފިޔާ އިންވެސްޓުކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ސިފަކޮށް އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ވެސް ފަލާޙް ވަނީ ރައްދު ދެއްވައިފައެވެ.

"އެހެންވެއްޖިއްޔާ އިއްޒަތްތެރި ރައީސް، ބޭންކުތަކުގައި މީހުން ސޭވިންގައި ބަހައްޓައިފައި ހުންނަ ފައިސާ، އެ ފައިސާ ނަގައިގެން ބޭނުންކުރަން ފެށީމަ ވެސް އެ ފައިސާ ޗާޕުކުރީ،" އެމްޑީޕީގެ އިސް ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވި ގޮތުގައި އެއްވެސް ބޭންކެއްގައި ސޭވިންގައި ހުންނަ ފައިސާ އެ ބޭންކުތަކުން ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުމެއް ނޫނެވެ. ބޭންކުތަކުން މީހުންނަށް ލޯނު ދޫކުރުން ފަދަ ކަންކަމަށް، ވިޔަފާރިތަކުން ދިގު މުއްދަތަކަށް ބަހައްޓައިފައި ހުންނަ ފައިސާ ދޫކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފާސްކުރި ބަޖެޓުތަކަށް އިޝާރާތްކުރައްވައި ފަލާޙް ވިދާޅުވީ، އެ ސަރުކާރުގައި އަހަރު ދެބައިވާއިރު ބަޖެޓު ހުސްވެ ސަޕްލެމެންޓުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަދި ސަޕްލެމެންޓަރީ ބަޖެޓެއް ފާސްނުކުރާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

މާލީ ތަޖުރިބާކާރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެންޝަން އޮފީހުން ރާވައިފައިވާ މުއާމަލާތަކީ ކުރިން ގަނެފައިވާ ބޮންޑުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރުމަށް ރާވާފައިވާ މުއާމަލާތެކެވެ.

ނަމަވެސް، މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ފަންޑުގެ ޕޯޓްފޯލިއޯއަށް ފައިދާވާނެ ކަމެއް ކަމަށެވެ. އެ އޮފީހުން ބުނި ގޮތުގައި މިކަމުގެ ސަބަބުން ބާޒާރުން ގަންނަން ނުޖެހި، ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދި، ދިގު މުއްދަތުގެ ޓްރެޝަރީ ބޮންޑަށް ބަދަލުކުރެވި ރިޓާން އިތުރުވެގެންދާނެއެވެ.

މި 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ އިސް މުވައްޒަފުންތަކެއް ދަނީ މަގާމުން އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން، އެ އޮފީހުގެ ޗީފް ލީގަލް އޮފިސަރު ޢަބްދުﷲ ފިކުރީއާއި، އިންވެސްޓްމަންޓް އެންޑް ރިސާޗު ޑިރެކްޓަރު އައިމިނަތު އިރުތިޔާޝާގެ އިތުރުން ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސް ހައިފާ އަޙްމަދު މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 'ސަން' އިން ޕެންޝަން އޮފީހަށް ގުޅުމުން، އެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އިން ބުނެފައިވަނީ އެ ބޭފުޅުންނަކީ މެނޭޖްމަންޓް ފެންވަރުގެ ބޭފުޅުން ކަމަށްވުމުން، އެ ބޭފުޅުންނާ ގުޅޭ އެފަދަ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ.

މީގެ ކުރިން އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ޙަލީމާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޙައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ޕެންޝަން އޮފީހުގެ ތެރޭ މިފަދަ މައްސަލަތަކެއް އުފެދިފައިވާއިރު، އެ އޮފީހުގެ ބޯޑުގެ ކުރީގެ ޗެއާޕާސަން ޑރ. އަޙްމަދު އިނާޒް ވެސް ވަނީ އެ ދުވަސްވަރު މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ޔާމީން ތުހުމަތުކުރެއްވި ގޮތުގައި، އިނާޒް މަގާމުން އިސްތިއުފާ ދެއްވީ މި ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް މަނީ ލޯންޑާކުރަން އުޅޭތީއެވެ. އިނާޒްގެ އިސްތިއުފާއަށްފަހު ވެސް ޕެންޝަން ބޯޑުގެ ގިނަ މެމްބަރުންތަކެއް ވަނީ މަގާމުން ދުރަށް ވަޑައިގެންފައެވެ.

އޭގެ ތެރޭ ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރެއްވި މެމްބަރު އަޙްމަދު ސަރުވަޝް އާދަމާއި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ އަޝްރަފް ރަޝީދު ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިނާޒްގެ އިސްތިއުފާގެ މެސެޖުގައި، ރާއްޖޭގައި ދިގު މުއްދަތަކަށް ދެމެހެއްޓެނިވި މާލީ އިސްތިރާތީޖީތަކެއް ނެތުމާއި، ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާ ސަރުކާރުގެ ބޮންޑުތަކަށް އިންވެސްޓުކުރުމާ މެދު ހުރި ބޮޑެތި ކަންބޮޑުވުންތައް ފާހަގަކުރައްވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް