މިއީ ވިއްސާރަ މޫސުމެކެވެ. ރައްކާތެރިވާން ވާނެއެވެ!

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކިވަރުގެ ގެއްލުންތައް ލިބެމުންދާތީ، މިކަމުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުމާއެކު الله އަށް ދުޢާކުރުން މުހިންމެވެ. ކީރިތި ރަސޫލާ ﷺ ގެ ސީރަތުން ފެންނަން އޮތް ގޮތުގައި، ގަދަ ވަޔާއި ކަޅު ވިލާގަނޑު ފެނިވަޑައިގަތުމުން އެކަލޭގެފާނު ނުތަނަވަސްކަން ފާޅުކުރައްވައެވެ. މިއީ ކުރީގެ އުންމަތްތަކަށް، ޚާއްޞަކޮށް ޢާދުބާގައިގެ މީހުންނަށް އައި ފަދަ ޢަޛާބަކަށް ވެދާނެކަމުގެ ބިރުފުޅަށެވެ. އެހެންކަމުން، މޫސުމީ ކާރިޘާތަކާ މެދު ސަމާލުވެ، ރައްކާތެރިކަން ކަށަވަރުކުރުމަކީ އަމަލީގޮތުން ކުރަންޖެހޭނެ ކަމެކެވެ.

  • ވިއްސާރަ މޫސުމުގައި ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް މާއްދީ އަދި ރޫޙާނީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
  • މޫސުމީ ބަދަލުތަކާއި ގަދަ ވަޔަކީ ހަމައެކަނި އުފާކުރަންޖެހޭ ކަމެއްގެ ގޮތުގައި ނުދެކި، އެކަންކަމާމެދު ބިރުވެތިވެ ސަމާލުވުން.
  • ޢާދުބާގައިގެ މީހުންނަށް ކުރިމަތިވި ހަނަފަސްކަމަށްފަހު އައި ބާރުގަދަ ތޫފާނުގެ ޙާދިޘާއިން ފިލާވަޅު ލިބިގަތުން.
  • ކޮންމެ ޙާލަތެއްގައިވެސް މާތް الله ގެ ރައްކާތެރިކަމާއި ރަޙުމަތަށް އެދި ގިނަގިނައިން ދުޢާކުރުން.

މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ފެނިފައި ދެރަވެއެވެ. މިއީ "ހުޅަނގު މޫސުމުގެ ހަޅަ ޖެހުމޭ" އިހުގެ މީހުން ބުނެއެވެ. މި ކުރަމުންދާ ވިއްސާރައިން ރައްކާތެރިކަން ދެއްވުން އެދި ﷲއަށް ދުޢާކުރާށެވެ!

މި ވިއްސާރައިގައި ލިބޭ ގެއްލުންތައް ފެނިފައި ކުއްލިއަކަށް ހިތަށް އައީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ޙަދީޘެކެވެ. އެއީ އިމާމް ބުޚާރީ ޢާއިޝަތުގެފާނު އަރިހުން ރިވާކުރައްވައިފައި އޮތް ހަދީޘެކެވެ. كَانَ رَسُولُ اللَّهِ صَلَّىٰ اللهُ عَلَيْهِ وَسَلَّم إِذَا رَأَى غَيْمًا أَوْ رِيحًا عُرِفَ فِي وَجْهِهِ‏.‏ قَالَتْ يَا رَسُولَ اللَّهِ إِنَّ النَّاسَ إِذَا رَأَوُا الْغَيْمَ فَرِحُوا، رَجَاءَ أَنْ يَكُونَ فِيهِ الْمَطَرُ، وَأَرَاكَ إِذَا رَأَيْتَهُ عُرِفَ فِي وَجْهِكَ الْكَرَاهِيَةُ‏.‏ فَقَالَ ‏«يَا عَائِشَةُ مَا يُؤْمِنِّي أَنْ يَكُونَ فِيهِ عَذَابٌ عُذِّبَ قَوْمٌ بِالرِّيحِ، وَقَدْ رَأَى قَوْمٌ الْعَذَابَ فَقَالُوا ﴿هَـٰذَا عَارِضٌ مُّمْطِرُنَا﴾‏‏»‏ (صحيح البخاري، كتاب التفسير، باب قوله فلما رأوه عارضا مستقبل أوديتهم) މާނައީ: "(ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمއަށް ވިއްސާރަ ވިލާގަނޑެއް ނުވަތަ ގަދަ ވަޔެއް ފެނިވަޑައިގެންފިއްޔާ އެކަލޭގެފާނުގެ މޫނުފުޅުން އެ ކަން އެނގެއެވެ. ތިމަންކަމަނާ ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ. މީސްތަކުންނަށް ވިއްސާރަ ވިލާގަނޑެއް ފެނިއްޖެއްޔާ އެބައިމީހުން ވަނީ އުފަލެވެ. އެއިން ވާރޭ ވެހިދާނެ ކަމުގެ އުންމީދުގައެވެ. އެހެނަސް ތިމަންކަމަނާއަށް ފެނިވަޑައިގަންނަވަނީ، ކަލޭގެފާނަށް އެފަދަ ވިލާގަނޑެއް ފެނިވަޑައިގެންފިއްޔާ، ކަލޭގެފާނުގެ މޫނުފުޅުން ނުތަނަވަސްކަން ފާޅުވާތަނެވެ. އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ޢާއިޝާ އެވެ. އޭގައި ޢަޛާބެއް ނުވާނެ ކަމުގެ އަމާންކަން ތިމަންކަލޭގެފާނަށް ލިބެނީ ކިހިނެއްހެއްޔެވެ؟ ޤައުމެއްގެ ބަޔަކަށް ގަދަ ވައިން އަޒާބު ދެއްވައިފައި ވެއެވެ. އަދި ޤައުމެއްގެ ބަޔަކު ﴿هَـٰذَا عَارِضٌ مُّمْطِرُنَا ۚ﴾ (މިއީ އަހަރުމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ.)އެވެ ބުންޏެވެ."

އިމާމް ބުޚާރީ މި ޙަދީޘްގެންނަވައިފައި ވަނީ އަޙްޤާފު ސޫރަތުގެ ފަންސަވީސްވަނަ އާޔަތުގެ ތަފްސީރުގެ ގޮތުގައެވެ. އެއީ ޢާދުބާގައިގެ މީހުންނަށް އަޒާބުގެ ވައެއް ފޮނުއްވެވި ވާހަކަ ބަޔާންކުރެއްވި އާޔަތެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَىٰ إِلَّا مَسَاكِنُهُمْ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ﴾ ‎(الأحقاف: ٢٥)‏ މާނައީ: "އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެ އެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަންމެނުވީ، ފެންނާންނެތް ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. ކުށްވެރިވި މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ."

އިމާމް އިބްނު ކަސީރު ލިޔުއްވައިފައި ވަނީ އެބައިމީހުންގެ އަސަރަކަށް ފެންނާން ހުރީ ފަޅުވެފައިވާ ގެތައް އެކަނި ކަމަށެވެ. އެވައި އައިސް ޖެހުނު ކޮންމެ އެއްޗެއް، މީސްތަކުންނާއި، ދަނޑުގޮވާމާއި، މޭވާއާއި، ބިނާތަކާއި، ގެރިބަކަރިތައް ވެސް، މާތް ﷲގެ އަމުރުފުޅާ ތަދުބީރުކުރެއްވުމާ އެއްގޮތަށް ހަލާކުވެ ދިޔައީއެވެ. ދެން ނެތިކޮށްލެވުނު ބަޔަކު ކަމުގައި އެބައިމީހުން ވިއެވެ.

ތަފްސިރު ޢިލްމުގެ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ކަން ހިނގީ އަންނަނިވި ގޮތަށެވެ. ޢާދުބާގައިގެ މީހުންނަށް ހޫނު ގަދަ ދުވަސްތަކެއް ކުރިމަތިވިއެވެ. އަދި ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ހަނަފަސްކަން ވެރިވިއެވެ. އަދި ގަދަ ހޫނުގެ ސަބަބުން އެބައިމީހުން ނެތިދާން ކައިރިވިއެވެ. ދެން އެބައިމީހުންނަށް އުޑުމަތިން ވިލާގަނޑެއް ފެނުމުން ނުހަނު ބޮޑަށް އުފާވިއެވެ. އަދި އެވިލާގަނޑު އަންނަންވާއިރަށް ވާދީތަކަށް ނުކުތެވެ. އެއިން ފެނާއި ހިޔާ ލިބޭނެ ކަމަށް ހީކޮށެވެ. ދެން އެބައިމީހުން އެންމެން ވިލާގަނޑުގެ ދަށަށް އައުމުން، އެވިލާގަނޑުން އައި ޠޫފާނަކުން އެބައިމީހުން ނެތިކޮށްލިއެވެ. އަދި އެބައިމީހުން އުޅުނު ތަންތަނުގެ އަސަރު ފިޔަވައި އެހެން އެއްޗެއް ބާކީ ނެތެވެ. އެ ޠޫފާނުގެ ވައި، އެއިން ކޮންމެ މީހަކު ޖައްވުގެ ތެރެއަށް އުފުލާފައި ބިންމައްޗަށް ވައްޓައިލުމުން މަރުވެ ޙަރަކާތެއް ނެތް ހަށިގަނޑަކަށް ވެއެވެ. ފީވެ ހޮއި ހެދިފައިވާ ކަދުރުރުކުގެ ބުޑުތަކެއް ފަދައިންނެވެ. އެބައިމީހުންގެ މައްޗަށް އެ ވައި، އަށް ދުވަހަށް ދެމިގެން ދިޔައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވާ ފަދައިންނެވެ. ﴿سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ﴾‏ ‎(الحاقة: ٧) މާނައީ: "އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ ޤައުމުގެ މީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ." حُسُومًاއަކީ ފުލުފުލުން އައުމެވެ. މާތް ﷲ އެބައިމީހުން ނެތިކޮށްލެއްވީ އެކަލާނގެ އެންމެ އާދައިގެ އެއް ބާރު ކަމުގައި ވާ، ފަނާކޮށްލަނިވި ވައިންނެވެ.

comment ކޮމެންޓް