"ތިބާއަށް ލިބޭ ބާރާއި ނިއުމަތާއިމެދު ފަޚުރުވެރިވެ އެހެން މީހުންނަށް އިހާނެތިކޮށް ނަހަދާށެވެ. ކޮންމެވެސް ދުވަހަކުން ތިބާއަކީ އާރެއް ބާރެއް ނެތް އިންސާނަކަށްވެސް ވެދާނެއެވެ. ތިބާއަށް ވެރިކަން ދެއްވާ އަނބުރާ ގެންދަވަނީ އެންމެ ފަރާތަކުންނެވެ."
***
ރޮޑްރިގޯ ގެ އަނިޔާވެރި ލަފުޒުތަކުން ޖޯންގެ ހިތް ކުދިކުދިކޮށްލަމުން އެމަނިކުފާނު އެތަނުން ނުކުމެވަޑައިގަތީއެވެ.
ނަމަވެސް، ޖޯންގެ ހިތުގައި އުންމީދުގެ ކުޑަކުޑަ ކަންޏެއް ރޯވިއެވެ. ރޮޑްރިގޯގެ ވާހަކަތަކުން އޭނާއަށް އެނގުނު އެންމެ ބޮޑު ހަގީގަތަކީ ކެތްރީން ދުނިޔޭގައި ހުރިކަމެވެ.
"އަހަރެން މި ޖަލުން ސަލާމަތްވާނަން..." ޖޯން ދަތްކުނޑިވިކާލަމުން އަމިއްލަ ނަފްސަށް ވައުދުވިއެވެ. "ކެތްރީންއަށް ހަގީގަތް ކިޔައިދީ އަހަރެމެންގެ ދަރިފުޅު ހޯދުމަށްޓަކައި އަހަރެން ފުރާނަ ދީގެންވެސް މިތަނުން ފިލާނަން............"
ކަނު ޖަލުގެ ތެރޭގައި ދުވަސްތައް ގުނަމުން ދިޔަ ޖޯންގެ ހިތުގައި އުންމީދުގެ އަލިކަން ދިއްލައިދިނީ އޭނާއަށް ކާނާ ދޭން އަންނަ މެދުއުމުރުގެ ފާރަވެރިޔާ މާކޯއެވެ. އމާކޯއަކީ ރޮޑްރިގޯގެ އަނިޔާވެރިކަމަށް ނަފްރަތުކުރާާ އަދި ޖޯންގެ މައުސޫމްކަން ދަންނަ މީހެކެވެ.
"ޖޯން... މާދަމާ ރޭ ދަންވަރު...." މާކޯ ސިއްރުސިއްރުން ޖޯންގެ ގޮޅީގެ ތަޅުދަނޑި ދައްކާލަމުން މަޑުމަޑުން ބުންޏެވެ. "ރޮޑްރިގޯގެ އަނިޔާވެރިކަމަށް އަހަރެންވެސް ފޫހިވެއްޖެ. އަހަރެން ޖޯން ސަލާމަތްކޮށްދޭނަން. އަދި އަހަރެންވެސް މިތަނުން ފިލާނަން...."
ޖޯންގެ ދެލޯ އުފަލުން ފުރިގެން ދިޔައެވެ.
ޖެހިގެން އައި ރޭގެ ދަންވަރުގެ ހަމަހިމޭންކަމުގެ ތެރޭގައި މާކޯ ސިއްރުން ގޮޅީގެ ދޮރު ހުޅުވާލިއެވެ. ދެމީހުން އަނދިރި ކޮރިޑޯތަކުގެ ތެރެއިން ފިލައިގެން ގަނޑުވަރުގެ ފަހަތުގައިވާ އުސް ފަރުބަދަތަކާ ދިމާލަށް މިސްރާބު ޖެހިއެވެ. އެމީހުންނަށް އެތަނުން ނުކުމެވުނީ ހަމަ ކިރިޔާއެވެ. ބޭރުން ސިފައިންގެ ހަޅޭކުގެ އަޑު އިވެންފެށިއެވެ.
"ޖަލުގެ ފާރަވެރިޔަކު ކުށްވެރިޔަކު ގޮވައިގެން ފިލައިފި..އަވަހަށް އެމީހުން ހޯދަން މަސައްކަތްކުރޭ....."
ދެމީހުން ކިއްލާގެ ބޭރަށް ނުކުމެވުނު ތަނާހެން އިވުނީ ސިފައިންގެ ހަޅޭކުގެ އަޑެވެ. ސިފައިންގެ އަސްތަކުގެ ފިޔަވަޅުގެ އަޑާއެކު އަލިފާން ބައްތިތަކުން މުޅި ސަރަހައްދު އަލިކޮށްލައިފިއެވެ.
ޖޯންއާއި މާކޯ ފަރުބަދަގަނޑުގެ ނުރައްކާތެރި ހިލަތަކުގެ މަތިން ދުވަމުން ދިޔައިރު މިލަ ހަނދުވަރެއް އެމީހުންގެ އެހީތެރިޔަކަށްވެފައިވިއެވެ. ފައިތިލަ ފަޅައިގެން ގޮސް ލޭއަންނަމުން ދިޔަނަމަވެސް، ޖޯންވެސް ދުވުން މަޑެއް ނުކުރެއެވެ. ސިފައިންގެ ތީރުތައް ފަރުބަދައިގެ ހިލަތަކުގައި ޖެހި ތިރިއަށް ވެއްޓެމުން ދިޔައެވެ.
އެމީހުން ހިލަތަކުގެމަތިން އަރާ ފައިބަމުންގޮސް ސަލާމަތުގެ އައްސޭރިއަކަށް ނިކުމެވުނެވެ. އެމީހުން އަނދިރި ހޮހަޅައެއްގެ ތެރެއަށް ދެމިގަތެވެ. ސިފައިން އެމީހުންނާ އަރާހަމަވި ނަމަވެސް، އަނދިރިކަމުގެ ތެރެއިން އެމީހުން ވީނުވީއެއް ނޭނގި ގެއްލުނެވެ. ޖޯން މިނިވަންކަމުގެ ފުރަތަމަ ނޭވާ ފުންކޮށް އެތެރެއަށް ދަމާލިއެވެ.
***
ފަރުބަދަތަކުގެ ނުރައްކާތެރި ކަމާއި ސިފައިންގެ ތީރުތަކުން ސަލާމަތްވެ ޖޯންއާއި މާކޯއަށް ނުކުމެވުނީ ބޯގަސްތަކުން ހިޔާއެޅިފައިވާ ވާދީއަކަށެވެ. ގަދަ ފިންޏާއި ބާރު ވައިރޯޅިތަކުގެ ހަމަލާތަކާއެކުވެސް ޖޯން ފުރާނަ ސަލާމަތްކުރަން ކުރި ހިތްވަރު ބޮޑެވެ. ފަޔަށް ލިބިފައިހުރި ޒަަޚަމްތަކާއެކު އެހިސާބަށް ފޯރުނުކަމާއިމެދު އަމިއްލަ ޟަމީރުވެސް ސާބަސްދިނެވެ. އޭނަގެ ހިތުގައިވި އުންމީދުގެ އަލިކަން ނައްތައިނުލަން ހަށިގަނޑުގައިވި ހުރިހާ ބާރެއް ބޭނުންކުރެވުނީއެވެ.
"މިތާގައި ކުޑަކޮށް އަރާމުކޮށްލާފައި ދާނީ. އަހަރެންގެ ފައިވާންގަނޑުވެސް ހަލާކުވެއްޖެ......."މާކޯ ވޭނުން ފުރިފައިވާ އަޑަކުން ބުނެލިއެވެ.
"ނޫން....އަދި މިތަން ރައްކާތެރިކަމަކަށް ހިތް ނުބުނޭ..އެމީހުން ފަހަތުން އަންނާނެ...އަހަރެމެން ޖެހޭނީ ވީހާވެސް ދުރަށް ދާން.."
"ތިބުނީ ތެދެއް ޖޯން..އެމީހުންގެ އަތުޖެހިއްޖެއްޔާ ވަގުތުން ގަތުލުކުރާނެ...މުސްލިމުންވެސް ރޮޑްރިގޯފަދައިން އަނިޔާވެރިއެއްނުވާނެ..އެމީހުން ގެ ހިމާޔަތް ހޯދާނީ....އެނޫންގޮތަކަށް ސަލާމަތްވުމެއްނެތް..."
އެތައް ދުވަހެއްގެ ދަތުރަށްފަހު، ވަރުބަލިވެ ހަށިގަނޑުން ފެން ހުސްވެ ވެއްޓެން އުޅެނިކޮށް އެމީހުންނަށް މުސްލިމުންގެ ސަހަރާއި ކިއްލާތަކުގެ މޭގަ ފެނުމުން އުފާވެރިކަމާއިއެކު ބިރުވެރިކަމުގެ އިހުސާސްވެސް ކުރެވުނެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. މުސްލިމުންގެ ކިއްލާގެ ބޭރުގައިވާ އަވަށެއްގައި ހުރި ގަހެއްގެ ހިޔަލުގައި މެތިއު އިށީދެލައިގެން އިނެވެ. އޭނާގެ ދެލޯ ވަނީ މާޒީގެ ހަނދާންތަކަށް ގެއްލިފައެވެ.
އެވަގުތު އޭނަގެ ނަޒަރުގައި އަޅައިގަތީ ދުރުން ދެމީހަކު ވަރުބަލިވެގެން ވެއްޓެމުން އަންނަނިކޮށެވެ.
"މިއީ ކޮންބަޔެއްތަ؟އީސާއީންހެން ހީވަނީ...." އޭނަ ތެދުވެގެން އެދިމާލަށް ހިގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ.
ޖޯން ވެލިގަނޑު މައްޗަށް ތިރިވެ އިސްއުފުލައި ބަލައިލި އިރު އޭނައާއި ހަތަރުކަޅިހަމަވިއެވެ. ދިގުވެފައިވާ އިސްތަށިގަނޑާއި ތުނބުޅިއާއެކުވެސް އޭނައަށް ޖޯން ދެނެގަނެވުނީ ލޮލުންނެވެ. އޭނާއަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ.
"ޖޯން........." މެތިއު އުފަލުން ގޮސް ހަޅޭއްލަވައިގަތެވެ. "ޖޯން އަސްލުވެސް ތިޔައީ ތަ؟ ކިހިނެއްވެފައި ތިހިރީ؟"
"މެތިއު..." ޖޯންގެ ތުންފަތް ކުރަކިވެފައިވުމާއެކު އަޑު ބަލިކަށިކަމުން ބުނި އެއްޗެއް ފަހުމްވީ ކިރިޔާއެވެ. "އަހަރެން... އަހަރެން ސަލާމަތްވެއްޖެ..މާކޯ އެހީތެރިވެދިނީ...."
މެތިއު މާކޯއަށް ޝުކުރުއަދާކުރިއެވެ. އަދި ޖޯން ބިންމަތިން ނަގާފައި މޭގައި ޖައްސާލިއެވެ. ދެމީހުންގެ ދެލޮލުންވެސް އުފާވެރިކަމުގެ ކަރުނަ އޮހެމުން ދިޔައެވެ. އޭނަ ޖޯންއާއި މާކޯ ގޮވައިގެން ދިޔައީ އަވަށުގައި ހުރި ކުޑަކުޑަ ގެއަކަށެވެ. ރަގަޅު ކެއުމަކާއެކު ގަހުވައާއި ފެން ދީފައި އެމީހުންގެ ޒަޚަމްތަކުގައި ބޭސްއެޅިއެވެ.
ޖޯން ހަޔަކަށް އެޅި ވަރުޖެހުމާއެކު މެތިއުއާއެކު ފެންޑާގައި ވާހަކަދައްކައިލަން އިށީނެވެ.
"މެތިއު...އެ އަވަށަށް ހަމަލާދިނީ މުސްލިމުންނެއް ނޫން....އީސާއީން...." ޖޯންގެ މޫނުމަތިން ރުޅީގެ އަސަރު ފާޅުވިއެވެ. "އެމީހުން އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ..."
މެތިއު އޭނަގެ ކޮނޑުގައި އަތްޖައްސާލިއެވެ.
"ޖޯން އަހަރެން ކުރިން ވެސް ހިތަށް އެރީ އެހެން..."މުސްލިމުންގެ ތެރޭގައި އުޅެވުމުން އަހަރެންނަށް އެނގުނީ އެމީހުންނަކީ އަނިޔާވެރި ބައެއް ނޫންކަން. އެމީހުންގެ ދީނުގައި އޮންނަނީ އޯގާތެރިކަމާއި އިންސާފު. އެމީހުން ބަރާބަރަށް ނަމާދުކުރޭ..ހަޔާތުގެ މަގުސަދަކީ ކޮބައިކަން ރަގަޅަށް އޮޅުންފިލާފައިވަނީ..އެމީހުންގެ ދިރިއުޅުމުގެ ބޭނުމަކީ އަޅުކަން ކުރުން...ހެއްދެވި ފަރާތް އަންގަވާފައިވާ ހުރިހާކަމަކަށް ތަބާވޭ....ނަހީކުރެއްވި ކަންތައްތަކާއި ދުރުހެލިވެގެން އުޅެނީ..."
ޖޯން ހައިރާންވިއެވެ. މުސްލިމުންނަކީ ހަމަ އެހާ ރަގަޅުބަޔެއްހެއްޔެވެ؟
"މޭރީ ސަލާމަތްވިތަ؟"
"އާނ،" މެތިއު ކިޔައިދިނެވެ. "ހެއްދެވި ފަރާތުގެ ރަހުމަތާއެކު މޭރީ ސަލާމަތުން އެބަހުރި... އޭނާ މިއަދު ވަނީ މުސްލިމުންގެ ރަސްގެފާނު ޣާޒީއާއި ކައިވެނިކޮށް އިސްލާމްދީނަށް ވަދެފައި...މޭރީގެ ނަން ބަދަލުކޮށްފި...ރާނީ ބުތައިނާ..."
ޖޯންއަށް އިތުރު ޙައިރާންކަމެއް ލިބުނުއިރު މެތިއުއަށްޓަކާ އުފާވެސްކުރިއެވެ. މުސްލިމް ރަސްކަލެއްގެ އަންބަކަށްވުމަކީވެސް ފަޚުރެކެވެ.
"މެތިއުއަށް އެނގޭތަ؟ އަހަރެމެންނަށް ލިބުނު ދަރިފުޅުވެސް މަރުވީ...ކެތްރީން އެހެން ރަސްކަލަކާއި ކައިވެނިކޮށްފި..ރޮޑްރިގޯ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށް ދުނިޔޭގައި ހުރުމުގެ އުއްމީދު ކަނޑައިލި..ނަމަވެސް އަހަރެންގެ މަގުސަދަކީ އޭނަގެ ފަރާތުން ބަދަލުހިފުން..އޭނަގެ ސަބަބުން ދަރިފުޅުވެސް މަރުވެގެން ދިޔައީ..އެ ދަރިފުޅުގެ މަރުގެ ބަދަލު ހިފުމަކީ ބައްޕައެއްގެ ވާޖިބެއް..އަހަރެންގެ ހިތުގައިވާ އަލިފާން ނިއްވައިލެވޭނީ އޭނަގެ ފަރާތުން ބަދަލު ހިފުނީމަ..........."
ޖޯންއަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީަ މުސްލިމުންނަކީ ދުޝްމަނުންނޫންކަން އެނގުމާއި އޭނާގެ ދިރިއުޅުން އަލުން އާރާސްތުކުރަން މުސްލިމުންގެ ސަރަހައްދުން ރައްކާތެރިކަން ލިބުމެވެ.
*****
ކްރިސްޓިއަން ޝާހީ ގަނޑުވަރުގެ ބޮޑު މާލަމުގެ ތެރެއެވެ. އުސް ތަޚުތުގައި ރަސްގެފާނު ފާޑިނަންޑް އަދި ރާނީ އިޒަބެލާ ރަނުންވާ ގޮނޑިއެއްގައި އިށީދެވަޑައިގެން ތިއްބެވިއިރު ދަރިކަލުން ރޮޑްރިގޯއާއި ލަޝްކަރުގެ އިސް ޖެނެރަލުން ތިއްބެވިއެވެ.
"މުޅި މި ފަސްގަނޑުން މުސްލިމުންގެ ނަންވެސް ފޮހެލަންޖެހޭ........" އިޒަބެލާގެ ތޫނު އަޑުފުޅުު މާލަމުގެ ތެރޭގައި ގުގުމައިގެން ދިޔައެވެ. "އަހަރެމެންގެ ދީނާއި، އަހަރެމެންގެ ރަސްކަން މުޅި ސަރަހައްދުގައި ގާއިމުކުރަންޖެހޭ. މުސްލިމުންގެ ކިއްލާތައް ސިއްސައިގެންދާވަރުގެ ބޮޑު ހަނގުރާމައަކަށް އަހަރެމެންގެ ލަޝްކަރު ތައްޔާރުކުރޭ...."
ރޮޑްރިގޯ ކުރިއަށް ޖެހިވަޑައިގެން މަންމާފުޅުގެ އަތްޕުޅުގައި ބޮސްދެއްވިއެވެ." އާދެ މަންމާފުޅު. އަޅުގަނޑުމެންގެ ސިފައިން މިތިބީ ހަމަ ތައްޔާރަށް.....މުސްލިމުންގެ އެންމެ ފަހު ކިއްލާވެސް ފައިތިލައިގެ ދަށަށް ގެންނާނަން."
މުޅި ކިއްލާގެ އެންމެން ހަނގުރާމައަށް ތައްޔާރުވަމުން ދިޔައީ މުސްލިމުން ލޭއޮހޮރުވުމެއްގެ ތެރެއަށް ވައްޓާލުމުގެ ނުބައި އަޒުމުގައެވެ.
***
ގަސްތަކުން ފުރިގެންވާ ހިތްގައިމު އަވަށް ބަގީޗާއެއްފަދައެވެ. ގަނޑުވަރުގައި އުޅުމުގެ ފުރުސަތު ދޫކޮށްލާފައި މި އަވަށް މެތިއު ޚިޔާރުކުރީ އެހެންވެކަމުގައި އޭނަވަނީ ޖޯން ގާތު ބުނެފައެވެ. ހަވީރުގެ މަޑު އަވި އެ ސަރަހައްދަށް އެޅެމުން ދިޔައެވެ. މާކޯ އިނީ އޭނާގެ ފައިގައި ހުރި ޒަޚަމްތަކުގައި ބޭސްއެޅުމުގެ ކުރިން މެތިއު ދިން ފެން ކަންވާރަށް ފައިތިލަ ލައިގެންނެވެ. މެތިއުއާއި ޖޯން އެކީގައި ގެއަށް ވަންއިރު މެތިއު އަތުގައި ހުރި ޓުކުރީގައި މޭބިސްކަދުރު ކޯނިތަކެވެ. ގޭގެ ބޭރުގައިވާ ވެޔޮތަކުގައި ހުރި މޭބިސްކަދުރުތައް ދޮންވެ ފައްކާވެފައި ހުރުމުން ބިނދެލީއެވެ.
"މޭވާ ކެއުމުން އަވަހަށް ޒަޚަމްތައް ރަގަޅުވާނެ...އެހެންނޫނަސް މި މޭބިސްކަދުރު ވަރަށް ފޮނި......."
"ޝުކުރިއްޔާ..މާތް ރަސްކަލާނގެ ރަހުމަތް ލައްވާށި....."މާކޯ މޭބިސްކަދުރެއްގައި ރަހަ ބަލައިލިއެވެ. މެތިއު ބިންމަތީގައި އިށީދެ މާކޯގެ ޒަޚަމްތަކުގައި ބޭސްއަޅަންފެށިއެވެ.
"މާކޯ.......ދެކެބަލަ ތަގުދީރުގެ ނިޔާ......" ޖޯން ތުނބުޅީގައި އަތް ހިންގައިލިއެވެ."އަހަރެން ހީކުރީ އެ ރޮޑްރިގޯގެ އަނދިރި ޖަލުގައި މީދާތަކާއެކު މަރުވެގެންދާނީ ކަމަށް.....އެކަމަކު މެތިއު އަހަރެމެންނަށް މި ދެނީ މީރު ކާނާއާއި، ސާފު ފެން. އެ ރޮޑްރިގޯގެ ގަނޑުވަރުގެ ސޫޕަކަށްވުރެ މިތަނުގެ ފެންފޮދުވެސް މާ މީރު....."
ޖޯން ކުޑަކޮށް ހިނިތުންވެލިއެވެ. ނަމަވެސް އޭނާގެ ދެލޮލުން ފެންނަން ހުރީ ފުން ހިތާމައެކެވެ. "މާކޯ...އަހަރެން ސަލާމަތްކޮށްދިނީތީ އަހަރެން އަބަދުވެސް އުފާކުރާނަން. ނަމަވެސް އަހަރެންގެ ހިތަކަށް އަދިވެސް ހަމަޖެހުމެއް ނުލިބޭ....ކެތްރީން... އަދި އަހަރެމެންގެ ދަރިފުޅު...ހީކުރިގޮތަކަށްނޫން އަހަރެމެންގެ ލޯބީގެ ނިމުން އައީ....."
"ކެތްތެރިވޭ. އަޚާ........" މެތިއު ބުނެލިއެވެ. "މާތް ރަސްކަލާނގެ ރޭއްވެވުންތެރިކަން މާ ފުރިހަމަވާނެ. ޖޯން.... ކަލެއަށް މިތަނަށް އާދެވުމަކީވެސް ސަބަބެއް އޮވެގެން ވީކަމެއް..........."
އެވަގުތު އަވަށުގެ މަގުމަތިން އަސްތަކެއްގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ. ކުދިވެލިތައް މައްޗަށް އުފެދިގެން ދިޔަ ދުމުގެ ތެރެއިން މުސްލިމް އަސްވާރުންގެ ގްރޫޕެއް އެ ގޭގެ ދޮރާއްޓާ ދިމާލަށް މަޑުކޮށްލިއެވެ. އެ ގްރޫޕުގެ ކުރީގައި ހުރީ މުސްލިމުންގެ އަސްކަރީ ހެދުމުގައި ކަނޑި ހިފަހައްޓާލައިގެން ހުރި ހައިބަވަންތަކަމުން ފުރިފައިވާ ޒުވާނެކެވެ.
ޖޯންއާއި މާކޯވެސް ސިހިފައި އަވަހަށް އެތެރެއަށް ދާން އުޅެގަތީ ސަލާމަތްވުމަށެވެ. މާކޯ އަވަސްއަވަހަށް ތެދުވާން ހަދައިގެން ފެން ތަށިވެސް އަތުން ދޫވިއެވެ. "މެތިއު..... އެއީ ސިފައިންތަ؟ އަނެއްކާ އަހަރެމެން ހައްޔަރުކުރަން އަންނަނީތަ؟"
"ނޫނޭ..ހަމަޖެހިލައިގެން ތިބޭ.. މިސަރަހައްދުގައި ބިރުވެރިކަމެއް އަނިޔާވެރިކަމެއްނެތް...މިއީ އަމާންތަނެއް..........."މެތިއު ދޮރު ހުޅުވައިލީ ނިކަން ހަމަޖެހިލާފައި ހުރެއެވެ.
އެ އަސްވާރު އަހުން ފައިބައި އޭނާގެ މޫނު ނިވާކޮށްފައިވާ ފޮތިގަނޑު ނައްޓައިލީ ގޭތެރެއަށް ވަދެފައެވެ. އެއާާއެކު ޖޯންގެ ދެލޯ ބޮޑުވެ، މުޅި ޟަމީރަށްވެސް ލޮޅުން އެރިއެވެ. ފަހަތަށް ޖެހިލެވުނީ ސިހިފައެވެ. ކުރިމަތީގައި ހުރީ ލަޝްކަރުގެ ސިފައިންގެ ކޮމާންޑަރެއްކަމަށްވާ ތާރިގުއެވެ.
"ތާ... ތާރިގް........." ޖޯން ހާސްވިއެވެ.
"ތިހާ ބިރުނުގަނޭ ޖޯން..އަހަންނަކީ ﷲ ތައާލާގެ އަޅެއް....އާދައިގެ އިންސާނެއް...ކޮމާންޑަރެއްގެ މަގާމު ލިބުމުން ހިތްތިރިކުރާންވަނީ. އަހަރެން ފެނުމުން އެހެން މީހުން ބިރުން ރޫރޫ އެޅުމަކީ އަހަންނަށް ލިބޭ އުފަލެއްނޫން....އެނގޭތަ؟ބައްޕަގެ ހިމާޔަތުގައި ހުއްޓާ ދެވަނަފަހަރަށް ޖޯންއާއި މި ދިމާވީ..."ތާރިގު ވާހަކަދެއްކީ އެކުވެރިއެއް ފަދައިންނެވެ.
"ތިބުނީ ކީކޭތަ؟"
"ކުރީފަހަރުވެސް ޖޯން ހުރީ ހަމަ މިފަދައިން ބައްޕަގެ ހިމާޔަތުގައެއްނު...."
ޖޯންގެ މޫނަށް ރަތްކުލަވެރިގެން ދިޔައެވެ. ތާރިގުގެ އޯގާތެރިކަމާއި އިންސާނިއްޔަތުކަން ހުރިވަރު އެ ޖުމްލައިން ބުނެދީފިއެވެ. އޭނައާއި ކެތްރީން އެކޮޓަރީގައި ފިލާތިބިކަން އެނގުމުންވެސް ހައްޔަރުނުކޮށް ތާރިގު ދިޔައީކަން ޔަގީންވުމުން ލޯ ކަރުނައިން ތެންމައިލިއެވެ. މުސްލިމުންނާއިމެދު ހިތުގައި އޮތް ނަފްރަތު އެހެން އިހުސާސްތަކަށް ބަދަލުވާން އުޅުނެވެ. އޭނައަށް އިހުސާސްތަކުގެ މައްޗަށް ބާރު ނުފޯރުވިގެން އެއްޗެކޭ ބުަނން އުޅެނިކޮށް އޭނަގެ ފަހަތުގައި ފިލާހުރި މާކޯ ބޯ ދިއްކޮށްލިއެވެ.
"ޖޯން... ތިއީ ރަޙުމަތްތެރިއެއް ނަމަ، އަހަރެމެންނަށް މިއަދު މީރު އެއްޗެއް ކާންލިބޭނެކަން ކަށަވަރު ދޯ.....މުސްލިމުންގެ ޖެނެރަލެއްގެ އެކުވެރިއެއްކަމެއް ނުދެނެހުރިން..."
ތާރިގު ހިނިފުޅުވަޑުވައިލެއްވިއެވެ. "ތިއީ ކޮން ބޭކަލެއްތަ؟"
"މިއީ މާކޯ.." ޖޯން ކިޔައިދިނެވެ. "ރޮޑްރިގޯގެ ޖަލުން އަހަރެން ސަލާމަތްކޮށްދިން ފާރަވެރިޔާ..އޭނާވެސް ރޮޑްރިގޯގެ އަނިޔާވެރިކަމާއިމެދު ފޫހިވެ ހިތުގައި އުފެދުނު ނަފްރަތުގެ ބޮޑުކަމުން އަހަރެންނާއެކު ފިލައިގެން އައީ. އެޖަލުތަކުގައި އަނިޔާވެރިކަން ހައްދު ފަހަނަޅާފައި އޮތީ...ރަސްގެފާނަށްވެސް އެނގިވަޑައިގަންނަވާހެނެއް ހިޔެއްނުވޭ...ރޮޑްރިގޯ އަކީ ތަޚުތުގެ ވާރިސް...އޭނަ ރަސްކަމަށް އަރައިފިއްޔާ އަދި މުސްލިމުންނަށް ބޮޑު މުސީބާތްތައް ޖެހޭނެހެން ހީވޭ....މާކޯ އަހަންނަށް އެހީތެރިވެދިންކަމީ ހަމަ ނަސީބު....ލެއްވި ރަހުމަތެއް...."
ތާރިގު މާކޯގެ އަތުގައި ހިފެހެއްޓެވިއެވެ. "މާކޯ... ތިޔަ ކޮށްދިނީ ހަމަ ވަރަށް ބޮޑު ހެޔޮކަމެއް......މުސްލިމުންގެ ފަސްގަނޑުގައި ތިބާއާއި ޖޯންއަށް އޮތީ އަމާންކަމާއި އުފާވެރިކަން.... ތިޔަ ދެމީހުންނަށް އެއްވެސް ނުރައްކަލެއް ނޯންނާނެ....މިނިވަންކޮށް އުޅެންވީ......"
"އާހް... ތިޔައީ އަޅުގަނޑު އަޑުއަހަން ބޭނުންވި ބަސްފުޅު........" މާކޯ އޭނާގެ ބަނޑުގައި އަތް ކާއްތައިލިއެވެ."ޖަލުގެ ހިކި ރޮށިކޮޅު ކައިކައި އަޅުގަނޑުގެ ގޮހޮރުވެސް ހިނދިފައި އޮތްވާ މަނިކުފާނުގެ ބައްޕާފުޅުގެ އޯގާތެރިކަމުން ކުޑަ ހަކަތައެއް ލިބުނީ....ތިޔަ ބަސްފުޅުތަކުން ހިތާއި ފުރާނައަށް ހަމަޖެހުން ލިބިއްޖެ..."
އެންމެންގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިޔަސް ޖޯންގެ ހިތުގައި އުފެދެމުުން ދިޔަ ސުވާލުކޮށްލެވުނެވެ.
"ތާރިގު......." ޖޯން ޖެހިލުންވެފައި ހުރެ އަހައިލިއެވެ. "މެތިއު ބުނި މޭރީ އިސްލާމް ދީން ޚިޔާރުކުރި ވާހަކަ.......މޭރީގެ ހިތް ބަދަލުވީމަ ވަރަށް ހައިރާންވި...އިސްލާމްދީނަށް މޭރީގެ ހިތް ލެނބުނީ ކިހިނެއްތަ؟"
ނުނިމޭ