ގދ. ފަރެސްމާތޮޑާ ކައިރީ އޮތް ފަޅު ރަށަކުން އިއްޔެ ބަޔަކު ވެލި ނަގަމުން ދަނިކޮށް ފަރެސްމާތޮޑާ ކައުންސިލުން އެ މަސައްކަތް ހުއްޓުވައި، ވެލި ބަސްތާތައް އެ ރަށަށް ހުސްކުރުވައިފިއެވެ.
ފަރެސްމާތޮޑާ ކައުންސިލުން ފޭސްބުކުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވަނީ، ގަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ފަރާތެއް ހުއްޓުވައި، އެ ފަރާތުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވާފައިވާ ކަމަށް ބުނެފައެވެ.
އެ ކައުންސިލުން ވަނީ، ފަޅުރަށްތަކުން ވެލި ނެގުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ހަނދާންކޮށްދީ، ރަށްތައް ހިމާޔަތްކުރުމުގައި އެންމެންގެ އެއްބާރުލުމަށް އެދިފައެވެ.
ކައުންސިލުން ހިއްސާކުރި ވީޑިއޯއިން، ތިން މީހުން ތިބި ދޯންޏަކުން، އެ ދޯންޏަށް ބަރުކޮށްފައިވާ ވެލި ބަސްތާތަކެއް ގޮނޑުދޮށަށް އަޅާ މަންޒަރު ފެނެއެވެ.
އެ ކައުންސިލްގެ ރައީސް މުހައްމަދު ސަބާހު "ސަން"އަށް ވިދާޅުވީ ފަރެސްމާތޮޑާ ކައިރީގައި ތިން ފަޅު ރަށެއް މީގެ ކުރިން އޮންނަ ކަމަށާއި ނަމަވެސް ވެލި ނަގަމުން ނަގަމުން ގޮސް، އޭގެ ތެރެއިން އެއް ރަށް މިހާރު ނެތިގޮސްފައިވާ ކަމަށެވެ. އޭގެ ފަހުން، ޖެހިގެން އޮތް ރަށްތަކުން ގަވައިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.
"އަޅުގަނޑުމެން ވެސް މުސްތަގުބަލުގައި ދަރިންނާ ހަމައަށް ފޯރުކޮށްދޭން ޖެހޭ ރަށްތައް މިއީ، އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ގާނޫނުތައް ނަގަހައްޓަން ވެސް،" އޭނާ ވިދާޅުވިއެވެ.
ސަބާހު ވިދާޅުވީ ވެލި ނަގަން ހުއްދަ ދީފައިވާ ބައެއް ސަރަހައްދުތައް އޮތް ނަމަވެސް، ގާނޫނާ ޚިލާފަށް ވެލި ނަގާތީ އެކަން ނުކުރުމަށް ކުރިން ވެސް އަންގައިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ކައުންސިލުން މޮނިޓާ ކުރަމުންދާކަމާއި، އެ ރަށަށް ނިސްބަތްވާ ދޯންޏަކުން ވެލި ނަގަމުންދާކަން ފާހަގަވީ އެ މަސައްކަތުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަބާހު ވަނީ، އެފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގެ އުއްމީދު އޮތް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައި ވަނީ، ފަޅު ރަށްރަށުގެ ގޮނޑުދޮށުން، ޚާއްސަ ހުއްދައެއް ނެތި ވެލި ނެގުން މަނާކޮށްފައެވެ. އެހެންނަމަވެސް، އެކި ބޭނުންތަކަށް ރަށްރަށުގެ ގޮނޑުދޮށުން ވެލި ނެގުމަކީ ޒަމާނުއްސުރެ ވަރަށް އާންމު ކަމެކެވެ.