ބުރަ މަސައްކަތުން ބާނާ ކަންނެލިކޮޅު ކިރަން ދަތިވެ ކިޔުގައި ތިބެން ޖެހި، ނުއަގުގައި ކަންނެލިކޮޅު ކިރަން ޖެހޭތީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންމެ މަސްވެރި މޫސުމެއްގައި ވެސް ކަންނެލި މަސްވެރިން މާޔޫސްވެ ބުރަ މަސައްކަތުން ބާނާ ކަންނެލިކޮޅު ކިރަން ދަތިވެ ކިޔުގައި ތިބެން ޖެހުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އެގޮތުން މިއަދު އެވްރެޖް ކަންނެލި ކިލޯއެއްގެ އަގު 35 ރުފިޔާއަށް ހެދުމަކީ އެންމެހާ ކަންނެލި މަސްވެރިންނަށާއި އާއިލާ ތަކަށް ލިބުނު ބޮޑު ނިކަމެތި ކަމެއް ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.
ހަމައެއާއެކު މަސްވެރިކަން ކުރުމަށް ކަނޑުގައި ހޭދަކުރާ ދުވަހައްވުރެ ގިނަ ދުވަސް ކަންނެލި ކިރުމަށާއި އައިސް ހޯދުމަށް ހޭދަ ކުރުމަކީ ކަންނެލި މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވެ، އެތަށް ގެއްލުންތަކެއް ކުރިމަތި ކުރުވާ ކަމެއް ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.
ވަކިން ޚާއްސަކޮށް ކިޔުގައި ގިނަ ދުވަސް ވުމުގެ ސަބަބުން ކަންނެލި ނުގަނެ 'ރިޖެކްޓްވާ' މިންވަރު އިތުރުވެ، އަދި ކަންނެލީގެ އަގަށް ބަދަލު ގެނެސް، ނުއަގުގައި ކަންނެލިކޮޅު ކިރާލަން ޖެހުމަކީ މިއަދުގެ ހާލަތުކަން އެ ޔޫނިއަންއިން ފާހަގަކުރިއެވެ.
އެ ޔޫނިއަންއިން ބުނި ގޮތުގައި މި ހުރިހާ ކަމަކަށް އޮތް ހަމައެކަނި ހައްލަކީ ސަރުކާރުގެ ރިޔާސީ މެނިފެސްޓޯއާ އެއްގޮތަށް މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމެވެ.
ބޮޑު ކަންނެލި މަސްވެރިން މައިގަނޑު ގޮތެއްގައި އެދެނީ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުމަށާއި، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށެވެ.
ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން އައި ކަމަށެވެ. އަދި ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ، މާލެއަށް ވަންނަ ނެރު ކައިރީ މަސްވެރިން ވަނީ އޭރު އިހުތިޖާޖު ވެސް ކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން މަސްވެރިކަމާއި އެންވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ ވެސް ބީކޭއެމްޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކަންނެލި މަސްވެރިންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ވަނީ ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭ ގޮތް ވެސް މިހާރު ހަދައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަސްވެރިކަން ދަށްވެ، މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ފާއިތުވި މަސްތަކުގައި ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު މަސްވެރިންނަށް ދޫކުރީ 78 މިލިއަން ރުފިޔާ ކަމަށްވާއިރު، މެއި މަހު އެ އަދަދު ވަނީ 31.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިދިޔަ ޖޫން މަހު އެ އަދަދު އިތުރަށް ދަށްވެ، 11.3 މިލިއަން ރުފިޔާއަށް ވަނީ ވެއްޓިފައެވެ.