ސްޓްރޯކަކީ ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ހޮޅިއެއް ބެދުމުގެ ސަބަބުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ކުއްލިއަކަށް ދިމާވާ، ފުރާނައަށް ނުރައްކާވާ ސިއްހީ ބޮޑު މައްސަލައެކެވެ. އުމުރުން ދުވަސްވުމާއި އާއިލާގައި ސްޓްރޯކް ޖެހިފައިވާ މީހުން ތިބުމަކީ މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވާ ކަންކަމެވެ. އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކުރާ ގޮތުގައި، އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ 10 އަހަރަކުން ސްޓްރޯކް ޖެހުމުގެ ނުރައްކާ ދެގުނައަށް އިތުރުވެގެންދެއެވެ. މީގެ އިތުރުން، މައިންބަފައިން ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށް ސްޓްރޯކް ޖެހިފައިވާނަމަ، އެ ނުރައްކާ އިތުރު 30 އިންސައްތައަށް ބޮޑުވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.
މިއީ އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ ކަންކަމަށް ނުވިޔަސް، ދިރިއުޅުމުގެ އާދަތަކަށް ގެންނަ ބަދަލުތަކުން މި ނުރައްކާ ވަރަށް ބޮޑަށް ކުޑަކުރެވިދާނެއެވެ. ހާވާޑް ހެލްތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މަލިކާ މާޝަލް ބުނި ގޮތުގައި، ސްޓްރޯކަށް މަގުފަހިކުރުވާ ކަންކަން ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ ކޮންމެ މީހަކަށްމެ ކުރެވިދާނެ ކަމެކެވެ. މައުލޫމާތު ލިބިފައި ހުރުމަކީ މިކަމުގައި އޮތް އެންމެ ބޮޑު ބާރެވެ.
ސްޓްރޯކްގެ ނުރައްކާ ކުޑަކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމެވެ. ހާވާޑް ހެލްތުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ސްޓްރޯކް ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ މީހުންނަކީ ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ކޮންޓްރޯލް ނުކުރެވި ހުންނަ މީހުންނެވެ. އާންމު ގޮތެއްގައި ލޭގެ ޕްރެޝަރު 120/80 މިލިމީޓާސް އޮފް މާކިއުރީ (އެމްއެމްއެޗްޖީ) އަށްވުރެ ދަށުގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހެއެވެ. މިކަން ހާސިލުކުރުމަށްޓަކައި ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން ވަރަށް މުހިންމެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުން ލަފާދޭ ގޮތުގައި، ދުވާލެއްގެ މައްޗަށް ބޭނުންކުރާ ސޯޑިއަމްގެ މިންވަރު 1،500 މިލިގްރާމް (ގާތްގަނޑަކަށް ސައިސަމުސަލެއްގެ ދެބައިކުޅަ އެއްބައި) އަށް މަދުކުރުމުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. ޖާމާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އެންމެ ހަފުތާއެއް ވަންދެން ލޮނު މަދު ކާނާ ކެއި މީހުންގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި މީހުންގެ ލޭގެ ޕްރެޝަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ހަތަރު ނުވަތަ ފަސް ތަށި ތާޒާ މޭވާއާއި ތަރުކާރީ ކެއުމާއި، ހަފުތާއަކު ދެތިން ފަހަރު މަސް ކެއުމަކީވެސް ނާރުތަކުގެ ސިއްހަތަށް ނުހަނު ފައިދާހުރި ކަމެކެވެ.
ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމާއި ކަސްރަތުކުރުމަކީ ސްޓްރޯކުން ރައްކާތެރިވުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ. އާދަޔާޚިލާފަށް ފަލަވުމަކީ ލޭގެ ޕްރެޝަރު މަތިވުމާއި ހަކުރުބަލި ފަދަ ނުރައްކާތަކަށް ހަށިގަނޑު ހުށަހެޅޭ ކަމެކެވެ. ބަރުދަން އިތުރު މީހެއް ނަމަ، އެންމެ 10 ޕައުންޑު ލުއިކޮށްލުމުންވެސް ސްޓްރޯކްގެ ނުރައްކާ ކުޑަވެގެންދާކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ. ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަށްވުރެ ބޮޑަށް، އުނަގަނޑުގެ ފުޅާމިން ހުންނަ ނިސްބަތަކީ ސިއްހީ ނުރައްކާތައް ދެނެގަތުމަށް އޮތް މާ ރަނގަޅު މިންގަނޑެއްކަމަށް ގިނަ ތަޖުރިބާކާރުން އެއްބަސްވެއެވެ.
ބަރުދަން ލުއިކުރުމަށްޓަކައި ހަފުތާއަކު މަދުވެގެން ފަސް ދުވަހު، ދުވާލަކު 30 މިނެޓު ވަންދެން މެދު މިންވަރެއްގެ ކަސްރަތުކުރުމަށް އަމާޒު ހިފާށެވެ. ބަރުދަން ލުއިކުރަން ބޭނުންވާނަމަ، ހަފުތާއެއްގެ މައްޗަށް 250 މިނެޓު ކަސްރަތުކުރުމަށް އެމެރިކަން ކޮލެޖް އޮފް ސްޕޯޓްސް މެޑިސިންއިން ލަފާދެއެވެ. ކޮންމެ ދުވަހަކު ހެނދުނު ހިނގާލަން ދިއުމާއި، ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުން ފަދަ ކުދި ބަދަލުތަކުންވެސް ބޮޑު ތަފާތެއް ފެންނާނެއެވެ. ވަގުތު ނެތްނަމަ، ދުވާލުގެ އެކި ވަގުތުތަކަށް ބަހާލައިގެން 10 ނުވަތަ 15 މިނެޓުގެ ކުރު ކަސްރަތުތަކެއް ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ޖިމެއްގައި ކަސްރަތު ކުރަނީ --
ދުންފަތުގެ އިސްތިއުމާލުކުރުމާއި ބަނގުރާ ބުއިން ފަދަ ނުރަނގަޅު އާދަތަކާ ދުރަށް ދިއުމަކީ ސިކުނޑީގެ ނާރުތަކުގެ ސިއްހަތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ލޭ އޮލަވެ، ލޭހޮޅިތަކުގައި ސަރުބީ ޖަމާވުން އަވަސްކުރުވައެވެ. މިއީ ލޭގަނޑުވުމަށް މަގުފަހިކުރުވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކުރުމެކޭ އެއްފަދައިން ސްޓްރޯކްގެ ނުރައްކާ ކުޑަކުރުމަށް ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލެވެ. ގިނަ މީހުންނަށް ދުންފަތާ ދުރަށް ދިއުމަށް އެތައް ފަހަރަކު މަސައްކަތްކުރަން ޖެހުނު ނަމަވެސް، ކޮންމެ މަސައްކަތަކީވެސް ކާމިޔާބީއާ ދިމާއަށް އެޅޭ ފިޔަވަޅެކެވެ. މިކަމުގައި އެހީތެރިކަން ބޭނުންވާނަމަ ޑޮކްޓަރުންގެ ލަފާ ހޯދައި، ނިކޮޓިން ޕެޗް ފަދަ ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ، ބަނގުރާ ބުއިމަކީ ލޭގެ ޕްރެޝަރު މަތިކުރުވާ ކަމަކަށް ވާއިރު، މިފަދަ އާދަތައް ހުއްޓާލުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން މުހިންމު ކަމެކެވެ.
ބައެއް ކަހަލަ ބަލިތަކަކީ ސްޓްރޯކްގެ ނުރައްކާ އެތައް ގުނައަކަށް އިތުރުކުރާ ކަންކަމެވެ. އޭގެ ތެރޭގައި "އޭޓްރިއަލް ފިބްރިލޭޝަން" (އޭއެފް) ނުވަތަ ހިތުގެ ވިންދު ނުބައިކޮށް ޖެހުން ހިމެނެއެވެ. ޔޫއެސް ކާޑިއޮލޮޖީ ރިވިއުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، މި މައްސަލަ ހުންނަ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް ފަސް ގުނަ ބޮޑެވެ. ސަބަބަކީ ހިތުގެ ތެރޭގައި ލޭ ގަނޑުވެ، އެ ގަނޑުލޭކޮޅު ސިކުނޑިއަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވުމެވެ. މޭތެޅުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައިގެން ޓެސްޓުތައް ހެދުން މުހިންމެވެ. ބޭސް ބޭނުންކޮށްގެން ނުވަތަ ކުޑަ އޮޕަރޭޝަނެއް މެދުވެރިކޮށް މި މައްސަލައަށް ފަރުވާ ހޯދިދާނެއެވެ.
ހަމައެއާއެކު، ހަކުރުބަލި ހުންނަ މީހުންގެ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ދިގު މުއްދަތެއްގައި ލޭހޮޅިތަކަށް ގެއްލުންވެއެވެ. މީގެ ސަބަބުން ލޭހޮޅިތަކުގެ އެތެރޭގައި ލޭގަނޑުވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އެހެންކަމުން، ޑޮކްޓަރުގެ ލަފާގެ މަތިން ގަވާއިދުން ބޭސް ބޭނުންކޮށްގެންނާއި ކެއުމަށް ބަދަލު ގެނެސްގެން މި ބަލިތައް ކޮންޓްރޯލްކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ސްޓްރޯކެއް ޖެހިއްޖެނަމަ އެކަން އަވަހަށް ދެނެގަތުމަކީ ލިބޭ ގެއްލުން ކުޑަކުރުމަށް އޮތް އެންމެ މުހިންމު ކަމެވެ. ގިނަ ފަހަރަށް މީހުންނަށް މިކަމުގެ އަލާމާތްތައް ފެނުމުން އެއީ އާދައިގެ ކަމެއްކަމަށް ހީކޮށް ފަރުވާކުޑަކޮށްލެވެއެވެ. ނޭޝަނަލް ސްޓްރޯކް އެސޯސިއޭޝަނުން ވަނީ މީހުންނަށް ފަސޭހައިން ހަނދާންބެހެއްޓުމަށްޓަކައި ފާސްޓްގެ ނަމުގައި ފޯމިއުލާއެއް ތައާރަފުކޮށްފައެވެ.

ހެލްތް ސްކްރީން ޕްރޮގްރާމެއްގެ ތެރެއިން: ރާއްޖޭގައި ވެސް ހަކުރު ބަލި ޖެހިފައިވާ މީހުން ގިނަ-- ފޮޓޯ: ދަމާސް
މީގެ މާނައަށް ބަލާއިރު "އެފް" ނުވަތަ "ފޭސް" އަކީ މޫނުގެ އެއްފަޅި އައްސިވުން ނުވަތަ ތިރިއަށް އެލުމެވެ. އަދި "އޭ" ނުވަތަ "އާމް" އަކީ އަތުގެ ބާރު ދެރަވުން ނުވަތަ އަތް ނުއުފުލުމެވެ. އަދި "އެސް" ނުވަތަ "ސްޕީޗް" ގެ މާނައަކީ ވާހަކަދައްކަން އުނދަގޫވުން ނުވަތަ އަޑު އޮޅުމެވެ. އަދި "ޓީ" ނުވަތަ "ޓައިމް" ގެ މާނައަކީ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ވަގުތު ނަގާނުލައި ވަގުތުން އެމްބިއުލާންސަށް ގުޅުމެވެ. މީގެ އިތުރުން ހަށިގަނޑުގެ އެއްފަޅި އައްސިވުމާއި، ކުއްލިއަކަށް ލޮލަށް ނުފެނުމާއި، އާދަޔާޚިލާފަށް ބޮލުގައި ރިއްސުމާއި، ހިނގަން އުނދަގޫވުމަކީވެސް ސްޓްރޯކްގެ އަލާމާތްތަކެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ އަމިއްލައަށް ރަނގަޅުވާނެކަމަށް ބަލައި މަޑުކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.
ސިކުނޑީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ދިރިއުޅުމުގެ އާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މުހިންމު ކަމެކެވެ. ކެއުމަށް ގެންނަ ކުދި ބަދަލުތަކާއި، ކަސްރަތުކުރުމާއި، ގަވާއިދުން ޑޮކްޓަރަށް ދައްކައިގެން ސިއްހީ ހާލަތު ދެނެގަތުމަކީ އަމިއްލަ ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭނެ އެންމެ މުހިންމު އިންވެސްޓްމަންޓެވެ. މިއަދު ފަށާ ކުޑަ މަސައްކަތަކުން މާދަމާ ދިމާވެދާނެ ބޮޑު ނުރައްކާއަކުން ސަލާމަތްވެވިދާނެއެވެ. އެހެންކަމުން، އަމިއްލަ ސިއްހަތާ ގުޅޭގޮތުން ޑޮކްޓަރާ މަޝްވަރާކޮށް، ސްޓްރޯކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ޕްލޭނެއް އެކުލަވާލުމަކީ ލަސްނުކޮށް މިއަދު ކުރަންޖެހޭ ކަމެކެވެ.