މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ އަނިޔާވެރި އިޒްރޭލް ފިޔަވައި ހުރިހާ ގައުމަކާ އެކުގައި ވެސް ގާތް ގުޅުން ބޭއްވުން ކަމަށާއި، އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީ މި ގައުމުގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު "ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީ" އެއް ތަންފީޒުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، "މޯލްޑިވްސް ފަސްޓް ޕޮލިސީ" ގެ ދަށުން ދުނިޔޭގެ ހުރިހާ ގައުމަކާ އެކު ޚާރިޖީ ގުޅުން ބޭއްވޭނެ ކަމަށެވެ.
ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ގަތުލުކުރަމުންދާ އިޒްރޭލާ އެކު އެފަދަ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓްގައި އެތެރެވުން މަނާކޮށްފައިވާކަން ރައީސް ތަކުރާރު ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ފަހަރުމަތިން އައި ވެރިކަންތަކުގައި ތަފާތު ޚާރިޖީ ސިޔާސަތުތައް ގެންގުޅެފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީން ވެރިކަން ކުރި ކޮންމެ ފަހަރަކު ވެސް ގެންގުޅެފައިވަނީ އިޒްރޭލަށް ތާއީދުކުރާ ސިޔާސަތެއް ކަމަށާއި، އެއީ މިއަދު ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްޑީޕީން މި ގައުމުގައި ވެރިކަން ކުރި ހަމަ ކޮންމެ ފަހަރަކު ވެސް 'ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީ' އެއް މިތާ ތަންފީޒުކޮށްފައިވޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ވެރިކަންތަކުގައި އަރަބި އިސްލާމީ ގައުމުތަކާ ދުރަށް ޖެހިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގެ ޚާރިޖީ މިނިވަންކަން އެހެން ބައެއްގެ އަތްދަށަށް ދިޔަ ދުވަސްތަކެއް ވެސް ފެނިގެން ގޮސްފައިވާ ކަމަށާއި، އެއީ ގައުމަށް ހެޔޮ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިން ލޯބިކުރަނީ ސުލްހައާއި އަމާންކަމަށް ކަމަށާއި، ހަނގުރާމަތަކާއި އަނިޔާވެރިކަމަކީ ދިވެހިން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ދިވެހީންގެ ރާއްޖެ ކަމަށާއި، މި ގައުމުގައި އަބަދުވެސް އިސްކުރަން ޖެހޭނީ ދިވެހިންގެ މަސްލަހަތު ކަމަށެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ އިޒްރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާ އެކު ގާތް ގުޅުމެއް ބޭއްވުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.