އެންތްރޮޕިކުން އެ ކުންފުނީގެ އޭއައި ޗެޓްބޮޓް "ކްލޯޑް"ގެ އަޑުން ވާހަކަދެއްކޭ ފީޗާ (ވޮއިސް މޯޑް) އަޕްޑޭޓްކޮށް، އެ ފީޗަރަށް އޯޕަސް އަދި ސޮނެޓް މޮޑެލްތަކުގެ އެހީތެރިކަން އިތުރުކޮށްފިއެވެ. މީގެ ކުރިން ހަމައެކަނި ހައިކޫ މޮޑެލްގެ މައްޗަށް ބިނާވެފައި އޮތް މި ފީޗަރަށް ގެނައި އަޕްޑޭޓާއެކު، އަޑުން މުއާމަލާތްކުރަމުން ދާއިރު ގުޅުވާލެވޭ އެހެން ޚިދުމަތްތަކާއެކު މަސައްކަތް ކުރެވޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.
އެންތްރޮޕިކްގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، އަޑުން ވާހަކަދައްކަން ފެށުމާއެކު އޮޓޮމެޓިކުން ފެށޭނީ ބޭނުންކުރާ ފަރާތުން އެންމެ ފަހުން ލިޔެގެން ކުރި ޗެޓުގައި ބޭނުންކުރި ކްލޯޑް މޮޑެލުންނެވެ. އަދި ވާހަކަދައްކަމުން ދާއިރު، އެމީހަކު ނަގާފައިވާ އެކައުންޓުގެ ޕްލޭނަށް ބަލައި އޯޕަސް، ސޮނެޓް އަދި ހައިކޫ މޮޑެލްތަކުގެ ދެމެދުގައި ފަސޭހައިން ބަދަލުކޮށްލެވޭނެއެވެ.
ކުރިން ބޭނުންކުރި ހައިކޫ މޮޑެލްއަކީ އަވަސް ޖަވާބުތަކަށް އިސްކަންދޭ މޮޑެލްއަކަށްވީ ނަމަވެސް، އޯޕަސް އަދި ސޮނެޓް މޮޑެލް އިތުރުވުމާއެކު ދިގު މަޝްވަރާތައް ކުރުމާއި ހުށަހެޅުންތައް (ޕްރެޒެންޓޭޝަން) ރިވިއުކުރުން ފަދަ ބުރަ މަސައްކަތްތައް ވެސް މިހާރު އަޑުން މުއާމަލާތްކޮށްގެން ކުރެވޭނެއެވެ.
މި އަޕްޑޭޓުގެ އެންމެ ބޮޑު އެއް ބަދަލަކީ އެހެން ޚިދުމަތްތައް ގުޅުވާލައިގެން ބޭނުންކުރެވުމެވެ. އެގޮތުން އަޑުން ވާހަކަދައްކަމުން ދާއިރު ލިޔުމަށް ބަދަލުނުވެ ޖީމެއިލް، ގޫގްލް ކަލަންޑަރު، ގޫގްލް ޑޮކްސް، ސްލެކް އަދި އިންޓަނެޓުން މައުލޫމާތު ހޯދުން ފަދަ ކަންކަން ކުރެވޭނެއެވެ. މީގެއިތުރުން އަޑުން ވާހަކަދެއްކުމާއި ލިޔުމާ ދެމެދު ބަދަލުވާއިރު ދެކެވޭ ވާހަކައިގެ މައުޟޫޢު ނުވަތަ މާހައުލު (ކޮންޓެކްސްޓް) ގެއްލިގެންނެއް ނުދާނެއެވެ. ހިލޭ ބޭނުންކުރާ ފަރާތްތަކަށް އެއް ޚިދުމަތް ގުޅުވާލެވޭއިރު، ފައިސާ ދައްކައިގެން ބޭނުންކުރާ ފަރާތްތަކަށް އިތުރު ޚިދުމަތްތައް ގުޅުވާލެވޭނެއެވެ.
މި ފީޗާ މިހާރު ޓެސްޓު ކުރުމުގެ އުސޫލުން ކްލޯޑް މޮބައިލް އެޕްލިކޭޝަން (އެންޑްރޮއިޑް އަދި އައިއޯއެސް)، ކޮމްޕިއުޓަރު އެޕްލިކޭޝަން އަދި ވެބްސައިޓުގައި ހުރިހާ އެކައުންޓުތަކަށް ވަނީ ދޫކޮށްލާފައެވެ. މި އަޕްޑޭޓް އައިސްފައިވަނީ އޯޕަންއޭއައި އިން ޗެޓްޖީޕީޓީގެ ވޮއިސް މޯޑް އަޕްގްރޭޑް ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އަޑުން މުއާމަލާތްކުރާ އެސިސްޓެންޓްތަކުގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އަޑުން ވާހަކަދައްކާ ފީޗާ ފުރަތަމަ ތައާރަފްކުރީ މިދިޔަ އަހަރު ހަމައެކަނި ހައިކޫ މޮޑެލްއާއެކުގައެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު އެންތްރޮޕިކުން ވަނީ އިނގިރޭސި ބަހުގެ އިތުރުން ފަރަންސޭސި، ޖަރުމަނު، ހިންދީ، އިންޑޮނޭޝިއަން، އިޓާލިއަން، ޖަޕާނީ، ކޮރިއަން، ޕޯޗުގީޒް އަދި ސްޕެނިޝް ބަހުން ވާހަކަދެއްކުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.
އިތުރު ފީޗާތަކުގެ ގޮތުގައި އަމިއްލައަށް އަޑުއަހާ މޯޑާއި، ފިތަކަށް އޮބާލައިގެން ވާހަކަދައްކާ މޯޑު ހިމެނެއެވެ. އަމިއްލައަށް އަޑުއަހާ މޯޑުގައި ވާހަކައިގެ ވަގުތުކޮޅެއް ފަހުން އަމިއްލައަށް ޖަވާބުދޭއިރު، ފިތަށް އޮބާލައިގެން ވާހަކަދައްކާ މޯޑުން އޭއައި އިން އަޑުއަހާނެ ވަގުތު ބޭނުންކުރާ ފަރާތަށް ކޮންޓްރޯލް ކުރެވޭނެއެވެ.
ރައްކާތެރިކަމަށް ބަލާއިރު، އެހެން މީހުންގެ އަޑު ކޮޕީކުރުން ހުއްޓުވުމަށްޓަކައި އަމިއްލަ އަޑު ހެދުމުގެ ބަދަލުގައި ލިބެނީ ކުރިން ތައްޔާރުކޮށްފައިވާ އަޑުތަކެކެވެ. އަދި މި ފީޗާ ވެސް އާންމުކޮށް ލިޔެގެން ކުރާ މުއާމަލާތްތަކެކޭ އެއްފަދައިން ރައްކާތެރިކަމުގެ ހަމަތަކަށް ތަބާވެއެވެ.
އަޑުން ދެކެވޭ ވާހަކަތައް އޮޓޮމެޓިކުން ލިޔުމުގެ ގޮތުގައި ޗެޓް ހިސްޓްރީގައި ރައްކާކުރެވޭނެއެވެ. މިއީ ހަމައެކަނި އަޑު ލިޔުމަށް ބަދަލުކުރާ ވަސީލަތެއްގެ ބަދަލުގައި، ދެފަރާތުން ސީދާ ވާހަކަދައްކައިގެން މުއާމަލާތު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ފީޗަރެކެވެ.