ޝާފިޔާ ޝުބާއާ ދިމާލަށް އެނބުރުނެވެ. އެއަށްފަހު، އޭނާ ވާހަކަ ދެއްކިއެވެ. ޝާފިޔާ ބުނެލި އެއްޗަކުން ފަހަރަކު މީހަކަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.
*** ޓްރިގަރ ވާރނިންގ***
"ޝާފިޔާ..." ރަޝީދަށް ޝާފިޔާއަށް ގޮވައިލެވުނެވެ.
"އާނ، އިންޑިއާއަށް ގޮސް ދަރި ވައްޓައިލާނީ." ޝާފިޔާއަށް ވިސްނެނީ އޭނާއާ މެދުގައެވެ. އޭނާގެ އަބުރާ ޢިއްޒަތަށް ހުތުރުވާގޮތަށް، ޝުބާ އެ ކުރި ކަމަކަށް ބުއްދި ގޯސްވާ ހިސާބަށް ހިނގައްޖެއެވެ. އެއް ފާފައިން ލިބެން އުޅޭ ބޭޒާރުން ސަލާމާތްވުމަށްޓަކައި، އަނެއް ފާފަކުރުމަށް ބުނެލި އިރު ވެސް ޝާފިޔާގެ ހިތުގައި ބިރުވެރިކަމެއްނެތެވެ. އަމިއްލަ މީހާގެ ޢިއްޒަތަށް އުނިކަމެއް އަތުވެދާނެތީ އެ އެކަމާ މެދު އިންތިހާއަށް ހާސްވެފައިވާކަމުގެ އަސަރުތައް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ކޮންމެގޮތަކަށް ކަންތައްކޮށްގެން ވެސް އެ ކަން ސިއްރުކުރަން ޝާފިޔާ ހުރީ ބޭނުންވެފައެވެ.
"މަންމާ..." ޝުބާއަށް ޝާފިޔާއަށް ގޮވައިލެވުނު އިރު ވެސް ގިސްލެވެއެވެ. އެއް ފާފަ ކުރެވިއްޖެއެވެ. މައުސޫމް ފުރާނައެއް ޤަތުލުކުރިކަމުގެ ފާފަ ބޮލުގައި އަޅައިކަށް އޭނާ ބޭނުމެއް ނޫނެވެ. ޝުބާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. "އަހަރެން ބޭނުމެއް ނޫން."
"ބޭނުމެއް ނޫނޭ. ޝުބާއަށް އެނގޭތަ ތި ކިޔޭ އެއްޗެއް؟ ބަނޑުގަ ތި އޮށް ދަރި ދުނިޔެއަށް އުފަންކުރީމަ މީހުން ކިޔާނެ އެއްޗަކާ މެދު ވެސް ވިސްނައިލުމެއް ނެތްތަ؟" ޝާފިޔާއަށް ބުނެވުނެވެ. "މީހުން އިނގިލި ދިއްކުރާނީ، އަހަންނާ ދިމާލަށޭ. އަހަރެންގެ ތަރުބިއްޔަކަށް. އަދި އަހަރެންގެ ޢާއިލާއަށް."
"މަންމާ. އަހަރެން ބޭނުމެއް ނޫނޭ އިތުރު ފާފައެއް ކުރާކަށް. ތައުބާވާން ވެސް ބޭނުން. އެއްފާފަ ކުރެވިއްޖެ މިހާރު." ޝުބާއަށް ބުނެވުނެވެ. އޭނާއަށް ހެޔޮ ވިސްނިއްޖެއެވެ. މިއަދު އެންމެ ބޮޑަށް ހަނދާންވަނީ އައިރާއާ ދިމާލަށް ކިޔުނު އެއްޗެހި މަތިންނެވެ. ކުރި މަލާމާތްމަތިންނެވެ. އައިރާއަކީ ބައްޕަ ކަށަވަރު ނުވާ ކުއްޖެކޭ ކިޔާ ކުރިހައި ފަޟީޙަތްމަތިންނެވެ. ޝުބާއަށް އިތުރަށް ރޮވުން ނޫންކަމެއްނުވިއެވެ. ތިމާ އެހެން މީހުންނަށް ކުރާ މަލާމާތުގެ ސަބަބުން، އެމީހެއްގެ ލޮލުން އޮހޮރޭ ކަރުނަތަކުން ތިމާއަށް މާ ބޮޑު އަސަރެއް ނުކުރިޔަސް، އެހުރިހައިކަމަށް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްވެއެވެ. ހީވެސް ނުކުރާ ގޮތްގޮތަށް ތިމާ ކުރާ އެފަދަ ޢަމަލުތަކުގެ ބަދަލު މި ދުނިޔޭގައި ވެސް ތިމާއަށް ލިބޭނެކަން މިއަދު ޝުބާއަށް ޤަބޫލުކޮށްފިއެވެ. އަނިޔާ ލިބިގެންދާ މީހާގެ އިޙްސާސްތަކަށް ޤަދަރުނުކުމުގެ ސަބަބުން، ތިމާއަށް އާޚިރުގައި ބޮޑު ހިތާމައެއް ކުރިމަތިވެދާނެކަން ވެސް މެއެވެ.
"ޝުބާ. ޝުބާ ޖެހޭނީ މިކަން ކުރަން." ޝާފިޔާގެ އަޑު ބާރުވާން ފެށިއެވެ.
"ބައްޕާ... ދޮންބޭ..." ޝުބާއަށް، ބަލައިލެވުނީ ރަޝީދާއި ރިހާމްއަށެވެ. އެ ދެމީހުންގެ ބަހެއް އެ ކަމުގައި ޝުބާ ބޭނުންވިއެވެ. ރިހާމްއަށް ބުނާނެ އެއްޗެއް ނޭނގެއެވެ. އޭނާގެ ސިކުނޑިވަނީ ހުސްކަމެއްގެ ތެރޭގައެވެ. އަދިވެސް ވެގެން މި އުޅޭ ގޮތެއް އޭނާއަކަށް ޤަބޫލެއްނުކުރެވެއެވެ. ޤަބޫލުކުރާނީ ވެސް ކިހިނަކުން ހެއްޔެވެ؟ އޭނާގެ ކޮއްކޮ އެ އިނީ ބަލިވެއެވެ. އެ ވެސް ކައިވެނިން ބޭރުންނެވެ.
"ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، އަހަންނަކަށް އިތުރު ފާފައެއް ކުރުމުގެ ހިތްވަރެއްނުލިބޭނެ. މީ އަހަރެން އައިރާއަށް ކުރި މަލާމާތުގެ ސަބަބުން ވީކަމެއް. ހަޤީޤަތުގައި އޭނަގެ ކުށެއް ނެތް. އަހަރެމެން..." ޝުބާއަށް ވާހަކަ ނިންމައިލެވޭގޮތެއް ނުވިއެވެ. ޝާފިޔާ ހަޅޭއްލަވައިގަނެފައި ޝުބާގެ ވާހަކަ ހުއްޓުވިއެވެ.
"ތީ ކަލޭގެ ވިޔާނުދާކަމުން ވީ ގޮތް." ޝުބާ އެ ބުނި ބަސްތައް ގޮސް ޝާފިޔާގެ ސިކުނޑީގައި ވަކިހިއްޕައިލިއެވެ. އެކަމުގައި އަމިއްލަ ނަފްސަށް ވެރިވި ރުޅިގަނޑު އޭނާއަށް ބޭލުނީ ޝުބާއަށެވެ. އަނެއްކޮޅުން ރިހާމްގެ ހިތަށް ލޮޅުމެއް އައެވެ. އޭނާއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އައިރާއާ މެދު ކަންތައްކުރެވުނު ގޮތް ހަނދާނަށް އައެވެ.
"އެއީ ކާކުކަން ބުނެބަލަ. އޭރުން އެމީހަކު ބުނި ވަރަކަށް ފައިސާ ދީފާނަން. އަދި ބުނި ކޮންމެ ކަމެއް ވެސް ކޮށްދޭނަން. އެ މީހެއްގެ ދެފައި ދޮށަށް ތިރިވެ އާދޭސް ވެސް ކޮށްފާނަން." ރަޝީދު ބުންޏެވެ.
"ބައްޕާ. އޭނަ ބޭނުމެއް ނުވެޔޭ އަހަންނާ އިންނާކަށް. ކޮންމެ އެއްޗެއް ދިނަސް އެ ކަމުގެ ޒިންމާއެއް އޭނަ ނުނަގާނެ. ވާވަރަށް އަހަރެން އާދޭސްކޮށްފީމޭ. އެކަމަކު ވެސް އޭނަގެ ހިތަކަށް އަސަރެއްނުކުރި. އެހެން ނޫނަސް ދެން ހެޔޮ. އަހަރެން ބޭނުމެއް ނޫން އޭނަގެ ވާހަކަ އިތުރަށް ދައްކާކަށް. މިހެންވީ އަހަރެން ކުރި ފާފައިގެ ސަބަބުން. އަހަންނަށް އުޅެވުނު ގޮތަކުން، ދުނިޔަވީ އުފާތަކަށް އިސްކަންދެވުނީމަ. ލޯބީގަ ހުރިހައި އިމެއް ފަހަނައަޅައި ދިޔައީ އަހަރެން. އެހެންވީމަ މިކަމުގެ ޒިންމާ އަހަރެން ނަގާނަން." ޝުބާއަށް ބުނެވުނެވެ. އޭނާ ރުއިން ހުއްޓަން މަސައްކަތްކުރަމުން، ކަރުނަ ފުހެލި ނަމަވެސް، ގިސްލުންތަކަށް ބަދަލެއް ނާދެއެވެ.
ޝާފިޔާއަށް އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް ޝުބާގެ މޫނުމައްޗަށް ހަމަލާއެއް އަމާޒުކޮށްލިއެވެ. ޝުބާއަށް އަނިޔާކުރުމުން ، ރަޝީދު އެންމެފަހުން ޝާފިޔާ ދުރުކުރިއެވެ.
"ކުރި ހުތުރުކަމެއްގެ ސަބަބުން އެހެން މީހުންނޭ ހުރިހާ ލަދެއްގަ ބެދެނީ. ރަށްމެދަށް ވިހެއިމަ މީހުން ކިޔާނެ އެއްޗެއް ވެސް ނޭނގޭތަ؟ އެކަމުގެ ހައްލު މަ މި ކިޔައިދެނީ. ކަލޭއަކީ ގޮތެއް ފޮތެއް ނެތް މީހެއް. މައިންބަފައިންނާ ދޭތެރޭ ނުވިސްނާ....." ޝާފިޔާއަށް އަނގައިން ހުތުރު ބަހެއް ބޭރުކޮށްލެވުނެވެ. "ކަލޭ މަށަށް މަންމަ ކިޔަންޏާ ޖެހޭނީ ތި ދަރި ވައްޓައިލަން. އަޑު އިވިއްޖެ!"
"ޝާފިޔާ، ހަމަޖެހިބަލަ. ދެން އެއީ ނުވާކަމަކަށް ވާނެތަ؟ ވިސްނަބަލަ. ތިހެން އުޅުނަކަސް މި މައްސަލައަކަށް ހައްލެއްނުލިބޭނެ." ތަންކޮޅެއް ބާރަށް ރަޝީދަށް ބުނެވުނެވެ. ޝާފިޔާ މިހާރު އިން ފަހަނައަޅައި ދަނީއެވެ. އޭނާ ޝާފިޔާ މައިތިރިކުރަން މަސައްކަތްކުރިއެވެ. އައިރާއާ މެދު ކަންތައްކުރެވުނު ގޮތުން ރަޝީދު ވެސް ދެރަވިއެވެ. އައިރާގެ ބޮލުގައި އެމީހުން އެޅުވީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެކެވެ. އެކަމުގެ ހިތި ރަހަ މިއަދު ހަމަ ރަނގަޅަށް ވެސް އޭނާގެ ކަރުބުޑުގައި ލައިފިއެވެ.
ޝާފިޔާ ދަތްކުނޑި ވިކައިލައިފައި ގޮސް އެތަނުން ނުކުމެއްޖެއެވެ. ކޮޓަރީގެ ދޮރު ބަންލާފައި ޖެހިގޮތުން މުޅި ގެއަށް ވެސް ގުޑުން އަރައިގެން ދިޔައެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އެ ކޮޓަރީގެ ދޮރު ޖެހީ އަދި އިހުނަށްވުރެ ބާރަށެވެ. ގޮސް އެނދުގައި އިށީނުމަށް ފަހު، ދެ އަތުގެ ތެރޭގައި އެނދުގެ ބެޑްޝީޓު ބޮނޑިކޮށްލެވުނެވެ.
ޝުބާގެ ސަބަބުން ގޭތެރެއަށް ހީވީ ހިތާމައިގެ ސިލްސިލާއެއް އައިހެންނެވެ. ގޭތެރޭގެ އުފާވެރިކަން ހިނގައްޖެއެވެ. ހަލަބޮލިކަން ކެނޑި މަޑުމައިތިރިވެއްޖެއެވެ.
އެކަން އެނގުނުތާ ތިން ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ޝާފިޔާ ޝުބާއާ އަނގައިންނެއްނުބުނެއެވެ. އޭނާ ހުރި އޭނާގެ ގޮތުގައެވެ. ޝުބާއާ ވާހަކަ ދައްކާނީ ޝުބާ އޭނާ ބުނާ ގޮތާ އެބަސްވުމުން ކަމުގައި ޝާފިޔާ އޮތީ ގޭގެ ހުރިހައި އެންމެނަށް ވެސް އަންގާފައެވެ.
*****
"އައިރާ..." އޭނާގެ ކައިރީގައި އޮށޯވެލައިގެން، އެ މޭމަތީގައި އަތް ބާއްވައިލައިގެން އޮތް އައިރާއަށް ޒަހްރާން ގޮވައިލިއެވެ. އައިރާ ލޯ މަރައިލައިގެން އޮވެ "ހޫމް" އެއް ލައްވައިލިއެވެ.
"ބޭބީ..." ޒަހްރާން ދެވަނަ ފަހަރަށް ގޮވައިލި އިރު އެ އަޑުގައި ބުނެދޭން ނޭނގޭ އަސަރެއް ވެއެވެ. ޖަޒުބާތެއް ވެއެވެ. އޭނާ ބޭނުންވަނީ އައިރާގެ ފުރިހަމަ ސަމާލުކަންކަން ފަހުމްވި އައިރާ ލޯ ހުޅުވައިލުމަށް ފަހު، ޒަހްރާނާ ދިމާލަށް ބަލައިލިއެވެ.
"ކިހިނެއްވީ؟" އޭނަ ޒަހްރާންގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. އެ އަތުގައި ހިފަހައްޓައިލި ޒަހްރާން އައިރާގެ އަތަށް ބޮސް ދިނެވެ. "ބުނެބަލަ، ކިހިނެއްވީ؟"
ޒަހްރާން އޭނާ ގާތު ކޮންމެ ވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭކަން އައިރާއަށް އެނގުނެވެ. ކުޑަކޮށް ނުތަނަވަސްވީ އެ މޫނުމަތީގައިވި ކުކަވަރުތައް ދިރާސާކޮށްލަން އޭނާ ނުކުޅެދުމުންނެވެ.
"ފަހުން..." ޒަހްރާން ބުންޏެވެ.
"އުހުމް. ބުނޭ ދެން. ރެން ވެގެން އުޅޭ ގޮތެއް ނުބުނަންޏާ، އަހަރެން ވެސް ހުންނާނީ އަބަދު ސްޓެރެސްގަ. ވިސްނޭނީ އަބަދު. ސޯ ޓެލް މީ..." އައިރާގެ ވާހަކައިން، ޒަހްރާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. އޭނާއަށް ކުޑަކޮށް ހީނލެވުނެވެ.
"ކިހިނެއްވީ؟" އައިރާއަށް އަހައިލެވުނެވެ.
"އަދި އެއްފަހަރު އަހަންނަށް ގޮވާލަބަ." ޒަހްރާން ބުނެލިއެވެ.
"ރެން...." އައިރާ ތަކުރާރުކޮށްލިއެވެ. ގޭގައި އެންމެން ވެސް ޒަހްރާނަށް ނިސްބަތްކޮށް ކިޔަނީ ރެންއެވެ. ވުމާއެކު، އޭނާއަށް ވެސް މިހާރު އެގޮތަށް ކިޔަން އާދަވާން ފަށައިފިއެވެ.
"ދެން ކޮންމެހެން ވާހަކަ އޮޅުވަން ހަދާނެ ކަމެއް ނެތް. ބުނޭ ކިހިނެއްވީ؟" އައިރާ އަހައިލިއެވެ.
"އަހަރެމެން ދަރިއަކު ހޯދަން ޕްލޭންކުރާނީ ކޮންއިރަކުންތަ؟" ޒަހްރާން އައިރާގެ އަތުގައި އަނެއްކާ ވެސް ބޮސްދިނެވެ. އައިރާއަށް ބުނާނެ އެއްޗެއް ނޭނގި އޮވެވުނެވެ.
އައިރާގެ މޫނަށް ޒަހްރާން ބަލައިލިއިރު، އެ މޫނުމަތިން ފެނުނު ހުސްކަމެއްގެ ސަބަބުން، އޭނާ ކަންބޮޑުވިއެވެ. ޒަހްރާން ހީކުރީ އެ ވާހަކަތަކުގެ ސަބަބުން އައިރާއަށް ނުތަނަވަސްކަމެއް ލިބުނީކަމަށެވެ. އައިރާ އަދި ދަރިއަކު ހޯދަން ތައްޔާރު ނޫނީކަމަށެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އާނއެކެވެ. މާޒީގެ ހިތިކަމުގެ ސަބަބުން އެއީ ވެދާނެކަމަށްކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ.
"ސޮރީ ބޭބީ. އައި ނޯ އިޓްސް ޓޫ ސޫން... އެނގޭ... އަހަރެން.. އައެމް ސޯ ސޮ...." ޒަހްރާންގެ ވާހަކަ މެދުކަނޑައިލީ އައިރާއެވެ.
"ކޮންކަމަކަށްތަ ސޮރީ ތި ބުނަނީ. އަހަރެން އެއްޗެއް ބުނެފިންތަ؟ ރެން ރެޑީއިއްޔާ އަހަރެން ވެސް ރެޑީއޭ..." އައިރާއަށް ވެސް ބުނެވުނެވެ. އޭނާ ޒަހްރާންގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ.
"ހަމަ އަސްލުވެސްތަ؟ ވީ ކެން ވެއިޓް އޭ..." ޒަހްރާން ބުންނެވެ.
"އައި އެމް ޝުއަރ، ރެންއަށް އިތުބާރުކުރަމޭ..." އައިރާ ބުންޏެވެ.
""ތެންކިއު ބޭބީ. ތެންކިއު ސޯ މަޗް." ޒަހްރާން ޝުކުރު އަދާކޮށްލިއެވެ. "އެކަމަކު، އޭގެ ކުރިން ވާނެ ޑޮކްޓަރަށް ދައްކައިލާ ޗެކަޕެއް ހަދައިލަން."
ކުރީ ފަހަރު އައިރާގެ ދަރިފުޅު ބައިގެން ދިޔައީތީ އާ، އެ ފަހަރު ކަންތައްތައް ވީގޮތުން އައިރާގެ ސިއްޙަތާ މެދު ޒަހްރާންކުޑަކޮށް ކަންބޮޑުވިއެވެ. ނަފްސާނީ ގޮތުން އައިރާ ތައްޔާރު ވިޔަސް، އެކަމަށްޓަކައި ޖިސްމާނީގޮތުން ހަށިގަނޑުހުރީ ސިއްޙަތު ރަނގަޅަށްކަން ޔަޤީންކުރަން އޭނާ ބޭނުންވެއެވެ. މާބަނޑުދުވަސްވަރަކީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ދުވަސްކޮޅެކެވެ. ވީއިރު، އަންހެނަކު ދަރިއަކު ހޯދުމަށްޓަކަކައި ވިސްނާއިރު، އެކަމަށް ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން ތައްޔާރުވުމަކީ މުހިންމުކަމެކެވެ. ކޮންމެކަމެއް ވެސް ކުރަން ޒަހްރާން ބޭނުންވަނީ ޑޮކްޓަރުންގެ ލަފަޔާ އިރުޝާދުގެ މަތިންނެވެ.
އައިރާ ވެސް އެ ގޮތާ ޤަބޫލުވިއެވެ. ޒަހްރާން އޭނާގެ ވިސްނުން ހާމަކުރުމުން، ޒަހްރާނާ މެދު އޭނާގެ ހިތުގައި އޮތް ލޯބި އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނާއާ މެދު އެހާ ބޮޑަށް ވިސްނާ ފިރިއަކު ލިބުނުކަމީ މިއަދު އޭނާ، ﷲ އަށް، ޝުކުރުވެރިވާކަމެކެވެ.
(ނުނިމޭ)