އަހަރެއް ފަހުން ރީތި ގުޑުގުޑާ ދޫނިތައް އަނެއްކާވެސް ފުނަދުއަށް

ފުނަދުއަށް އައިސް އުޅޭ ގުޑުގުޑާ ދޫނިތަކެއް: އާންމު ގޮތެއްގައި މި ދޫނިތައް ފުނަދުއަށް އަންނަނީ ޖުލައި މަހު --- ފޮޓޯ: ތަންނި ފޮޓޯގްރަފީ

އަހަރެއް ފަހުން ގުޑުގުޑާ ދޫނި (ފްލެމިންގޯ) އައިނެއް ށ. ފުނަދުއަށް އަނެއްކާވެސް އަތުވެއްޖެއެވެ.

މީގެ އަހަރެއް ކުރިންވެސް ހަމަ މި ދުވަސްވަރު ފުނަދުއަށް ގުޑުގުޑާ ދޫނި އައިނެއް އައިސް، އެ ރަށުގެ ދަށްފަޅު ފަޅުފިލުވައިދީފައިވެއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާދިލް 'ސަން'އަށް މިރޭ ވިދާޅުވީ، ފުނަދުއަށް ގުޑުގުޑާ ދޫނިތައް އައިސް އުޅޭތާ ދެތިން ދުވަސް ވެއްޖެ ކަމަށެވެ. ޢާދިލް ވިދާޅުވީ، ގުޑުގުޑާ ދޫނިތައް އާންމުކޮށް އަންނަނީ ޖޫން ޖުލައި މޫސުމާ ދިމާކޮށް ކަމަށެވެ.

ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެއް ކަމަށް ވާތީ، އެ ތަކެއްޗަށް އާންމުން އަނިޔާކުރޭތޯ ކައުންސިލުން ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް މީހަކު އެ އެއްޗިއްސަށް ގޯނާކޮށް ހަދައި ނޫޅޭނެ މިކޮޅަކު،" އޭނާ ވިދާޅުވިއެވެ.

މި ގުޑުގުޑާ ދޫނިތައް ފުނަދޫގައި އުޅޭ މަންޒަރު ފެންނަ ހިތްގައިމު ފޮޓޯތަކެއް ނަގައި ފޭސްބުކަށް ދޫކޮށްލީ މިދިޔަ އަހަރުވެސް އެފަދަ ފޮޓޯތަކެއް ހިއްސާކުރި ފޮޓޯގްރާފަރު މުޙައްމަދު ތަސްނީމް (ތަންނި)އެވެ. އޭނާ 'ސަން'އަށް މިދިޔަ އަހަރު ބުނީ 2021ވަނަ އަހަރު ގުޑުގުޑާ ދޫނިތައް ފުރަތަމަ ފުނަދުއަށް ހިޖުރަކޮށް، ގާތްގަނޑަކަށް ތިން މަސް ވަންދެން ތިބި ކަމަށާއި، ނަމަވެސް މިފަހުން އެހާ ގިނަ ދުވަސް ވަންދެން އެއް ރަށެއްގައި ދޫނިތައް ނުތިބޭ ކަމަށެވެ.

އިރުވައި މޫސުމާއެކު 2021 ވަނަ އަހަރު ރާއްޖެ އައި ގުޑުގުޑާ ދޫނި އައިނެއް ރާއްޖޭގެ ސަމާލުކަން ހޯދިއެވެ. މި ދޫނިތައް ފެންކަމަށް އެންމެ މަޝްހޫރީ ކުޅުދުއްފުއްޓާއި ފުނަދޫންނެވެ. ފާހަގަކުރެވޭ ގޮތުގައި ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ.

މޫސުމީގޮތުން ފެންނަ މިފަދަ ދޫނިތަކަށް ގޯނާ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދު ވެސް އިލްތިމާސް ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް