ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތައް ދެނެގަތުމަށް 2030ގައި ބޯހިމެނުން ކުރިއަށްގެންދާނީ އާންމުކޮށް އެ މަސައްކަތް ކުރާ ގޮތުގެ އިތުރުން، އިދާރީ ދަފުތަރުތައް ވެސް ހިމަނައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްގީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމަޢަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އާބާދީއާ ގުޅުންހުރި ޞައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތު ރަށު ފެންވަރުގައި އަދާހަމަކުރެވޭނޭ ފަދަ ގޮތަކަށް އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށްގެން ނިންމުންތައް ނިންމުން އިތުރުކޮށް، ހިންގުމުގެ ޚަރަދު ކުޑަކޮށް، ދައުލަތުގެ ކުރުންތެރިކަން މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް މީހެއް ބާކީނުވާނޭކަން ކަށަވަރު ކުރުމަށް ގެނެވޭ ގާނޫނީ އިޞްލާޙުތަކުން ބާރު ލިބިގެން، އަދި ޝާމިލު މަގުޗާޓެއްގެ އެހީގައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވަން ގަސްދުކުރައްވަނީ، އިދާރީ ދަފުތަރުތަކާއި، ބޯހިމެނުމުގައި މިހާތަނަށް ގެންގުޅެމުންދިޔަ އުސްލޫބުތައް އެކުލަވާލައިގެން ގާއިމުކުރެވޭ ހައިބްރިޑް އުސޫލަކުން ކަމަށެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ނުވަތަ އިންވެސްޓްކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެގޮތުން، ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ މި ދަނޑިވަޅުގައި، ގައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށް ވެސް ތައްޔާރުވާންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުން: ރައީސް ވަނީ، ޒުވާނުންނަށް އިންވެސްޓް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް
މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާ ކުރިމަތިލާންޖެހޭ ޢުމުރު ފަސްކުރުމަށް މަސައްކަތްކުރުމުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ، އެހީ ބޭނުންވާ މީހުންނަށް އަޅާލުން ނުވަތަ ކެއާ އިކޮނޮމީގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެފަދަ ވުނަކުރުމުން، ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ކަށަވަރުކޮށްދީ، އިޖުތިމާޢީ އެއްބާރުލުން ފޯރުކޮށްދީ، ޢާއިލާތަކަށް ލުއިތައް ފޯރުކޮށްދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަކޮށް އަންހެނުންނާއި އަންހެންކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިލްތިޒާމު ލުއިކޮށްދެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެފަދަ ގޮތަކަށް، މީހުންނަށް އަޅައިލުމުގެ ޚިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުޞަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނެ ކަމަށެވެ.

ކުޑަކުއްޖަކާއި ބޮޑު މީހަކު: ރާއްޖޭގެ ބޯހިމެނުން 2030ގައި އޮންނާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނޫން ކަމަށެވެ. އެއީ، ގައުމެއްގެ ޒުވާނުންގެ ފުރިހަމަ ގާބިލިއްޔަތު ބޭނުންކުރުމަށް ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށްވެސް ބަރޯސާވާ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ މިއަދު ވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިގާލީ މަރުޙަލާއެއްގައެވެ. އަދި މޯލްޑިވްސް 2.0 މަސައްކަތުގެ ތެރެއިން ޢާންމު ޚިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލް ބިނާރު ތަރައްގީކޮށް، ހަރުދަނާ ޑިޖިޓަލް އިގުތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ހާމަކުރެއްވިއެވެ.
އެ މަނިކުފާނު ވަނީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުންކަމުގައި ވާހިނދު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހުމިއްޔަތުދޭ ކަމެއް ކަމުގައި ސިފަކުރައްވައިފައެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމެނުމުގެ މަސައްކަތް ކުރީ 2022ގައެވެ. އެ ބޯހިމެނުމުން ދެއްކި ގޮތުން އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި ބިދޭސީންގެ އާބާދީ އެއް ލައްކައަށް އަރައެވެ.
ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނައިރު، ނިސްބަތުން ކުޑަކުދިންނާއި ޒުވާނުން އާބާދީގައި މަދުވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ރާއްޖޭގެ އާބާދީއަށް އަންނާނެ ބަދަލުތައް ލަފާކޮށް ސްޓެޓިސްޓިކްސްއިން ބިއުރޯއިން ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުން ރާއްޖޭގައި އެވަރެޖުކޮށް އަންހެނުން ކުދިން ހޯދާ މިންވަރު 2022ގައި ހުރީ ވަރަށް ބޮޑަށް ދަށަށް ގޮސް، 1.7 ގައެވެ. އަދި މުސްތަގުބަލުގައި މިހާރަށްވުރެ ދަށަށް ގޮސް، 2026ގައި 1.5އަށް ދަށްވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އާބާދީގައި ޒުވާނުން މަދުވެ، އުމުރުން ދުވަސްވީ މީހުން އިތުރުވުން ގައުމުގެ އުފެއްދުންތެރިކަން ދަށްވެ، އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.