ފިޝަރީސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޔާސީންގެ މައްޗަށް، އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތުހުމަތުވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވަނީ ޔާސީނަށް ތުހުމަތުވާ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް "ސަން"އަށް ވިދާޅުވެފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލުކުރުމުން ބުނީ، ފުލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ފިޝަރީސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ޔާސީން އައްޔަންކޮށްފައިވަނީ ޖަނަވަރީ 21، 2024ގައެވެ.
ފިޝަރީސް މިނިސްޓްރީގެ ވެބްސައިޓުގައި، ޑެޕިއުޓީ މިނިސްޓަރުންގެ ނަންތަކުގެ ތެރޭގައި މިހާރު ވެސް ޔާސީންގެ ނަން ހިމަނައިފައިވެއެވެ. އެ ވެބްސައިޓުން ދައްކާ ގޮތުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 25އަށް އަރައެވެ.