ޝިންޖިއާންގެ ޝައުގުވެރި ސަގާފަތާއި ތާރީޚު ޒަމާނީ ޕާކުތަކާއި ދާރުލްއާސާރުތަކުން، ރާއްޖެއަށް ނުވާންވީ ކީއްވެ؟

ޝިންޖިއާންގައި އަޅުގަނޑު ހޭދަކުރި ދިހަ ދުވަހުގެ ތެރޭގައި ހިތްގައިމު އެތައް ތަޖުރިބާއެއް ކުރެވުނެވެ. އެއިން ކޮންމެ ތަޖުރިބާއެއްގެ ވީޑިއޯއާއި ފޮޓޯ ނަގައި ރައްކާކުރީމެވެ. އަޅުގަނޑަށް ފެނުނު ކަންކަމުގެ ތެރެއިން، އެންމެ ބޮޑަށް ބަލައިގަނެވުނު އެއް ކަމަކީ އެ ސަރަހައްދުގެ މީހުންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތެވެ.

ޝިންޖިއާންގެ އިގްތިޞާދީ ކުރިއެރުމާއި، ހަލަބޮލި މަގުތަކާއި، ހިތްގައިމު ބަގީޗާތަކުގެ ވާހަކަ އެއްފަރާތްކުރުމުން، ހިތަށް ތަކުރާރުކޮށް އަންނަނީ އެންމެ ސުވާލެކެވެ. ދުނިޔެ މިހާ ބާރުމިނުގައި ކުރިއަރަމުންދާއިރު، އެތައް ހާސް އަހަރެއްވީ އަމިއްލަވަންތަކަން މުޖުތަމައަކުން ދަމަހައްޓާނީ ކިހިނެއް ހެއްޔެވެ؟

ޝިންޖިއާންއިން މި ސުވާލަށް ދީފައިވަނީ ވަރަށް ފުރިހަމަ ޖަވާބެކެވެ. މިއީ ޗައިނާގެ ބޯޑަރުން ބޭރަށް، އަޅުގަނޑުމެންގެ މި ރާއްޖެ ކަހަލަ ގައުމުތަކަށް ވެސް ލިބޭ ވަރަށް ބޮޑު ފިލާވަޅެކެވެ.

ތާރީޚު ކިޔައިދެނީ އަމިއްލައަށް ވާހަކަދައްކާ މި ބިނާތަކުން

އަޅުގަނޑު ޒިޔާރަތްކުރި ކޮންމެ ތާރީޚީ ބިނާއަކުން ވެސް ފެނުނީ ތަފާތު މަންޒަރެކެވެ. ތުރުޕާންގައި ހުރި "ކަރޭޒް" ވަޅުތަކަކީ ތާރީޚުގެ މޫތައް ގޮސްފައިވާ ފުންމިނުގެ ހެއްކެކެވެ. މީގެ 2،000 އަހަރު ކުރިން ބިނާކޮށްފައިވާ މި ބިމުއަޑީގެ ފެންވިއުގައަކީ، ދުރުގައި ހުރި ޓިއަންޝަން ފަރުބަދަތަކުން ފެން ގެނެސް، ދުނިޔޭގެ އެންމެ ހަނަފަސް ސަހަރާގެ ބިމުގައި ދިރުން އާލާކުރި އިންޖިނިއަރިންގްގެ ވަރުގަދަ މަސައްކަތެކެވެ.

ކަރާޒް ވަޅެއް -- ސަން ފޮޓޯ

އެ ތަނުގައި ހުރި މިއުޒިއަމްގައި، މި ވިއުގައާ ބެހޭ އެކަޑެމިކް ދިރާސާތަކާއި ތަފުސީލީ މައުލޫމާތުތައް ވަރަށް ފުރިހަމައަށް ފެންނަން ހުއްޓެވެ. ބިމުގެ އަޑިއަށް ފައިބައިގެން އެއިން ވިއުގައެއްގެ ތެރޭގައި ހިނގާލުމުން އިހުސާސްވީ އޭރު މި ތަނުގައި އުޅުނު މީހުންގެ ހިކުމަތްތެރިކަމާއި، ދިރިހުރުމަށް ޓަކައި ކުރި ހިތްވަރެވެ. އަދި އެންމެ މުހިންމު ކަމަކީ، މި ތަން މިހާރު ވެސް އެގޮތުގައި ރައްކާތެރިކޮށްފައި އޮތުމެވެ.

"ޖިއާއޯހޭ" ރުއިންސްއިން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. މިއީ އިމާރާތްތައް މައްޗަށް ބިނާކުރުމުގެ ބަދަލުގައި ބިމުގެ އަޑިއަށް ކޮނެގެން ހަދާފައިވާ ދުނިޔޭގެ ހަމައެކަނި ސިޓީއެވެ. ވައިގެ އަސަރުންނާއި ވާރޭގެ ސަބަބުން މިހާރު އެތަނުގެ އަސްލު ސިފަ ވަރަށް ބޮޑަށް ގެއްލިފައިވީ ނަމަވެސް، އެތަން ބަލަހައްޓާ ފަރުވާތެރިކަމުން އެ ގަދީމީ ސިޓީގެ ހައިބަތު މިއަދު ވެސް އިހުސާސްކުރެވެއެވެ.

ޖިއާއޯހޭ ރުއިންސް: މި ސިޓީގެ އެންމެ މަތީގައި، ނުވަތަ ގްރައުންޑް ލެވެލްގައި ހުންނައިރު ގެތައް ފެންނަ ގޮތް. މިއީ ބިމު އަޑިއަށް ކޮނެގެން ހަދައިފައި އޮތް ސިޓީއެއް -- ސަން ފޮޓޯ

ޔޮޓްކާން އެންޝިއަންޓް ސިޓީ: ހިތުން ނުފިލާނެ ތަޖުރިބާ

ތަރިކައިގެ އެކި އަސާރީ ބިނާތަކުން ފެނުނު މަންޒަރުތައް ފުރިހަމަ ނަމަވެސް ނަމަވެސް އެންމެ ޝައުގުވެރި ތަޖުރިބާއެއް ކުރެވުނު އެއް ތަނަކީ ހެޓިއަން ސިޓީގައި ހުންނަ "ޔޮޓްކާން އެންޝިއަންޓް ސިޓީ" އެވެ. މިއީ ތާރީޚީ ލިޔުންތަކަށް ބަލައިގެން، ގަދީމީ ސިޓީއެއް އަލުން ދިރުވާފައިވާ "ލިވިންގް ކަލްޗަރަލް ކޮމްޕްލެކްސް" އެކެވެ.

އެންޝިއަންޓް ސިޓީ އޮފް ޔޮޓްކާން: މި ތަނަށް ވަނުމާއެކު އެންމެ ފުރަތަމަ އޮންނަ މަރުހަބާ ކިޔުމުގެ އައިޓަމްގެ ތެރެއިން -- ސަން ފޮޓޯ

އެ ތަނުގެ ތެރޭގައި ހިނގާއިރު އިހުސާސްވަނީ މީގެ އެތައް ހާސް އަހަރު ކުރީގެ މަގުތަކެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. ތާރީޚީ ހާދިސާތައް ދައްކުވައިދޭ ތަމްސީލުތަކާއި، ކުޅަދާނަ ނެށުންތެރިންގެ ނެށުންތަކާއި، އެއިރު އެ ސިޓީގެ ވެރިކަން އޮތް ގޮތް ދައްކުވައިދިން އެކި ކުރު ތަމްސީލްތަކުން އިހުސާސްކުރެވުނީ މާޒީގެ ތެރެއަށް ވަދެވުނު ހެންނެވެ.

އެއީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫނެވެ. މިއީ ކުޑަކުއްޖަކު އަޖައިބުކޮށްލާ ފަދަ، އަދި އިލްމުވެރިއަކަށް ވެސް ފައިދާކުރަނިވި ގޮތަކަށް ފަރުމާކޮށްފައިވާ ތަނެކެވެ.

އެންޝިއަންޓް ސިޓީ އޮފް ޔޮޓްކާން: ސަގާފީ ނެށުމެއްގެ ތެރެއިން --

ރާއްޖެއަށް އޮތް ފިލާވަޅު: ދިވެހިން ކުރަންވީ ކަމަކީ ކޮބާ؟

ދިވެހިރާއްޖެއަކީ ސަގާފަތް މުއްސަނދި ގައުމެކެވެ. ފޯކްލޯގެ ވާހަކަތަކުން މުއްސަނދި ގައުމެކެވެ. ރަންނަމާރީގެ ވާހަކައިން އިސްލާމްދީން ގަބޫލުކުރި ގޮތުގެ ވާހަކައެވެ. ޕޯޗުގީޒުންގެ ކިބައިން ގައުމު ސަލާމަތްކުރުމަށް މުހައްމަދު ތަކުރުފާނުގެ ޖިހާދު ފަދަ ހާދިސާތަކެވެ. އަޅުގަނޑުމެންގެ ފޯކްލޯރާއި، ފޫޅުދިގުހަންޑި ފަދަ ވާހަކަތަކަކީ މިއަދު ވެސް ދިރިހުރި ވާހަކަތަކެކެވެ. ކޮންމެ އަތޮޅެއްގައި، ކޮންމެ ރަށެއްގައި އަމިއްލަވަންތަ ގޮތްތައް އެބަހުއްޓެވެ. ކޮންމެ އަތޮޅަކަށް ނުވަތަ ރަށަކަށް ޚާއްސަ ކާނާއާއި، މަސައްކަތްތަކާއި، ވާހަކަތައް އެބަހުއްޓެވެ.

ނަމަވެސް މިއަދު ދިވެއްސަކު މި ވާހަކަތައް ތަޖުރިބާކޮށްލަން ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ރާއްޖޭގެ އަސްލު ދެނެގަންނަން ބޭނުންވާ ފަތުރުވެރިއަކަށް މިކަންކަން ފެންނަން އޮތީ ކޮންތާކުން ހެއްޔެވެ؟ ގިނަ ފަހަރަށް މި ސުވާލުގެ ޖަވާބަކީ 'އެއްވެސް ތަނެއް ނެތް' ކަމެވެ.

ޝިންޖިއަންގްގައި ކޮންމެ ސިޓީއެއްގައި އަމިއްލަ މިއުޒިއަމްތައް ހުރެއެވެ. އެތަނުގެ "އިންޓެންޖިބަލް ކަލްޗަރަލް ހެރިޓޭޖް މިއުޒިއަމް" އަކީ އަޅުގަނޑަށް އެންމެ ފާހަގަކުރެވުނު އެއް ތަނެވެ. އެތަނުގައި ހުރީ ހަމައެކަނި އާސާރީ ތަކެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި މިއުޒިކާއި، މިއުޒިކު އާލަތްތަކާއި، ކައި އުޅޭ ކާނާއާއި އެ ތައްޔާރުކުރާ ގޮތް ފަދަ މާނަވީ ކަންކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ.

ޝިންޖިއާން އިންޓެންޖިބަލް ކަލްޗަރަލް މިއުޒިއަމް: އެ ސަރަހައްދުގެ މީހުންގެ ކެއުމުގައި ހިމެނޭ ތަކެތި ދައްކަން ބަހައްޓައިފައި ހުރި އަސްލާ އެއްގޮތް މޮޑެލްތަކެއް -- ސަން ފޮޓޯ

އެތަނުގައި ހުރި ކާނާގެ މޮޑެލްތައް ފެނިފައި، އެއީ އަސްލު އެއްޗެއް ނޫންކަން އެނގުނީ ވެސް އަތްލުމުންނެވެ. އެހާވެސް ފުރިހަމައެވެ. އެކި އާދަކާދަތަކާއި، ޚާއްސަ ދުވަސްތައް ފާހަގަކުރުމުގައި އެކި ސަގާފީ ދަރިކޮޅުތަކުގެ މީހުން ކަންކުރާ ގޮތް ވީޑިއޯއާއި ލިޔުމުން ދައްކުވައިދީފައި ހުއްޓެވެ.

ރާއްޖޭގައިވެސް މިފަދަ ނިޒާމެއް ބިނާކުރަން އެބަޖެހެއެވެ. ހަމައެކަނި މާލޭގައި ހުންނަ ދާރުލްއާސާރަކުން މިކަން ނުވާނެއެވެ. ކޮންމެ އަތޮޅެއްގައި، އެ އަތޮޅެއްގެ އަމިއްލަ ވަންތަކަން ދައްކުވައިދޭ ސަގާފީ މަރުކަޒުތައް ހުންނަންޖެހެއެވެ.

ޝިންޖިއާން އިންޓެންޖިބަލް ކަލްޗަރަލް މިއުޒިއަމް: އެ ސަރަހައްދުގެ މީހުންގެ ސަގާފީ ލަވައާއި މިއުޒިކްގައި ބޭނުންކުރާ ތަކެތި ދައްކައިލަން ބަހައްޓައިފައި -- ސަން ފޮޓޯ

އައްޑޫގެ ތާރީޚު އައްޑޫ މީހުންގެ އަޑުން ކިޔައިދޭންޖެހެއެވެ. ބ. އަތޮޅުގެ ފަންނުވެރިކަން ދައްކުވައިދޭ "ލިވިންގް މިއުޒިއަމް" ތައް ހުންނަންޖެހެއެވެ. މިއީ ހަމައެކަނި ސަގާފަތް ރައްކާތެރިކުރުމަށް ކުރެވޭ ކަމެއް ނޫނެވެ. ހުނަރުވެރި ފަންނާނުންނާއި، ނެށުންތެރިންނާއި، ކުރެހުންތެރިންނާއި، ވާހަކަދައްކުންތެރިންނަށާއި، ސަގާފީ މަސައްކަތްތައް ކުރާ މީހުންނަށް އުފެދޭނެ އިގްތިސާދީ ފުރުސަތުތަކެވެ.

ޝިންޖިއާންއިން ދަސްވި އެންމެ ބޮޑު ފިލާވަޅަކީ، އަމިއްލަ މާޒީ ދަންނަ ބަޔަކު ބިމުން އުފުރާލުމަކީ ފަސޭހަ ކަމެއް ނޫން ކަމެވެ. ސަގާފީ ތަރިކައަށް ކުރާ އިންވެސްޓްމަންޓަކީ އިސްރާފެއް ނޫނެވެ. އެއީ ޒަމާނަށް އަންނަ ބަދަލުތަކުގެ ތެރޭގައި ވެސް، އަމިއްލަވަންތަކަން ހިފެހެއްޓުމަށް އޮތް ހަމައެކަނި މަގުކަމެވެ.

ޝިންޖިއާން އިންޓެންޖިބަލް ކަލްޗަރަލް މިއުޒިއަމް: އެ ސަރަހައްދުގެ މީހުންގެ ސަގާފީ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކުރާ ގޮތް ފެންނަ ސްޓޭޝަނެއް. މި ފަދަ ބައިވަރު ސްޓޭޝަންތައް ހުރޭ. އަދި މަސައްކަތް ފެންނަ ވީޑިއޯ ވެސް ދައްކާ -- ސަން ފޮޓޯ

ރާއްޖެއިންވެސް އަމިއްލަވަންތަކަން ކުރިއަރުވާނަމަ މި މަގު އިޚްތިޔާރު ކުރަން އެބަޖެހެއެވެ. ސަގާފަތާއި އާދަކާދައާއި ފޯކްލޯގެ ވާހަކަތަކަކީ ހަމައެކަނި ދުވަސްވީ މީހުންގެ ހަނދާނުގައި ރައްކާކޮށްފައި ހުންނަ އެއްޗެއްގެ ބަދަލުގައި، އެ ވާހަކަތައް ލިޔުމަށް ރެކޯޑުކޮށް، ޒަމާނީ ގޮތްގޮތަށް ފޯރުކޮށްދޭން ޖެހެއެވެ.

ޒަމާނީ އޮއިވަރާއެކު، އަވަސް ދުވެލީގައި ކަންކަން ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި ފަހަތަށް ސޮއްސައިލައިފި ނަމަ، އަމިއްލަ ސަގާފަތް ބީވުމުގެ ބިރު އިހުސާސްވާއިރު، މިއީ މި ފަދަ ވަސީލަތްތައް ބިނާކުރަން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގައި ވެސް މަސައްކަތް ފަށައި އަވަސްކުރަންވީ ވަގުތެވެ.

comment ކޮމެންޓް