ޕީއެންސީ އެތެރޭގެ އިންތިޚާބު: "ތަރުހީބު ވަރަށް ބޮޑު"

ވެރިކަންކުރާ ޕީއެންސީގެ އެެތެރޭގެ އިންތިޚާބު ކުރިއަށްދަނީ --- ފޮޓޯ: ޕީއެންސީ

ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބު ކުރިއަށްދާއިރު އިންތިޚާބަށް އޮތް ތަރުހީބު ވަރަށް ބޮޑު ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދުގެ ހެނދުނު 09:00ގައެވެ.

ޕީއެންސީގެ ސެކްރެޓްރީ ޖެނެރަލް މޫސާ ފަތުހީ "ސަން"އަށް ވިދާޅުވީ ޕީއެންސީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް ވާދަވެރިކަމާއެކު ވަރަށް ފޯރީގައި ކަމަށެވެ. މި އިންތިޚާބަކީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްކަމުން އިންތިޚާބުގެ ހުރިހައި ކަމެއްގައި ވެސް ހަރަކާތްތެރި ވަނީ ޕާޓީގެ މެމްބަރުން ކަމަށާއި އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވެރިކަންކުރާ ޕީއެންސީގެ އެެތެރޭގެ އިންތިޚާބު ކުރިއަށްދަނީ --- ފޮޓޯ: ޕީއެންސީ

ފަތުހީ ވަނީ އިންތިޚާބުގެ ތަރުހީބު ވެސް ވަރަށް ބޮޑު ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަދުގެ ހެނދުނު ބަރާބަރު 9:00ގައި ހުރިހާ ވޯޓު ފޮށިތަކެއްގައި ވޯޓުލުން ފަށާފައިވާ ކަމަށާއި މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ މީހުން ވޯޓުލާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އިންތިޚާބުގެ ތަރުހީބު ހަމަ ވަރަށްވެސް ބޮޑޭ އަޅުގަނޑަށް ދެންނެވޭނީ. މިހާރު ވެސް ހަމަ ވަރަށް ގިނަ އަދަދެއްގެ މީހުން އެބައުޅޭ. ޓާން އައުޓް ވަރަށް ހައިކޮށް މި އުޅެނީ." އެސްޖީ ވިދާޅުވިއެވެ.

ފަތުހީ ވިދާޅުވީ މި އިންތިޚާބުގައި 40،000 އެއްހައި މީހުން ވޯޓުލާނެ ކަމަށެވެ.

ވެރިކަންކުރާ ޕީއެންސީގެ އެެތެރޭގެ އިންތިޚާބު ކުރިއަށްދަނީ --- ފޮޓޯ: ޕީއެންސީ

ޕީއެންސީން ބާއްވާ ދާއިރާތަކުގެ އިންތިޚާބުގައި އެކިއެކި މަގާމުތަކަށް 2،500 އަށްވުރެ ގިނަ މީހުން އިންތިޚާބުކުރާނެ ކަމަށާއި މިއީ ޕާޓީގެ ސިޔާސަތުތައް ފެތުރުމަށް އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތައް ކަަމަށް އެ ޕާޓީއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އިންތިޚާބަކީ ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ކުރިން ބާއްވާ އެންމެ މުހިންމު އެތެރޭގެ އިންތިޚާބެވެ.

މި އިންތިޚާބަށްފަހު، ޕީއެންސީގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ވެރިކަން ކުރާ ޕީއެންސީއެވެ. އެގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު 74،048އަށް އަރާ ކަމަށް އީސީގެ ދަފުތަރުން ދައްކައެވެ.

comment ކޮމެންޓް