ރަސްމީ ފާލަން ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކަސިޑެންޓުގައި އަނިޔާވެ ފަރުވާ އަށް ގެންދިޔަ ފަސް މީހުންގެ ތެރެއިން ތިން މީހުންނަށް އަދިވެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ 09:10 ހާއިރު ކަމަށް މެރިން ޕޮލިހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ވަނީ ހާދިސާއަށްފަހު މަޑުނުކޮށް ފިލާފައެވެ. އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެ އައިޖީއެމްއެޗުން ވަނީ ފަރުވާ ދީފައެވެ.
އެ ހޮސްޕިޓަލުން މިއަދު 'ސަން'އަށް މައުލޫމާތު ދެމުން ބުނީ ލޯންޗު އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެ އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެތެރެއިން ތިން މީހުންނަށް މިހާރު ވެސް އެ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާދެމުންދާ ކަމަށާއި އަނެއް ދެ މީހުންނަށް އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެހި ފިރިހެނެކެވެ. ނަމަވެސް މިހާރު ހޮސްޕިޓަލިގައި ފަރުވާދެމުންދަނީ އޭގެ ތެރެއިން ކޮން ބަަޔަކަށް ކަމެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ މި ބާވަތުގެ އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ދެވަނަ ދުވަހު ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއްޓެން ހިނގާފައެވެ.