ޓެކްސް ނޫން އާމްދަނީ 4.7 ބިލިއަނުގައި، މިދިޔަ އަހަރަށްވުރެ 136 މިލިއަންގެ ދަށްވުމެއް

ވަޒިރުންގެ މަޖިލިސް: ޓެކްސް ނޫން އާމްދަނީ 4.7 ބިލިއަނުގައި، މިދިޔަ އަހަރަށްވުރެ 136 މިލިއަންގެ ދަށްވުމެއް -- ފޮޓޯ. ރައީސް އޮފީސް

ދައުލަތަށް ޓެކްސް ނޫން އާމްދަނީ ލިބުނު މިންވަރު، މިދިޔަ އަހަރަށް ވުރެ 136 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، މި މަހުގެ ދެވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބިފައިވާ އާމްދަނީ، ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ހާމަކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ޓެކްސް ނޫން އާމްދަނީއަށް ދައުލަތަށް ލިބިފައި ވަނީ 4.72 ބިލިއަން ރުފިޔާއެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީއަށް 4.85 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ސަރުކާރުގެ ބަޖެޓުގައި ލަފާކޮށްފައިވަނީ، މި އަހަރު ޓެކްސް ނޫން އާމްދަނީއަށް 8.70 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ ހަ މަސް ތެރޭގައި އެ އަދަދުގެ 54 ޕަސެންޓް ވަނީ ހޯދައިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން، މިދިޔަ އަހަރަށްވުރެ މަދުން އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރޭގައި އެކިއެކި ޚިދުމަތުން ނަގާ ފައިސާ ހިމެނެއެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ކޯޓާ ފީއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރު ހުރި އަދަދު ކަމަށްވާ، 170 މިލިއަން ރުފިޔާއިން 152 މިލިއަނަށް ދަށްވެފައެވެ. އަދި އެހެނިހެން ފީތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ބަޔަށް ލިބުނު އާމްދަނީ ވަނީ 874 މިލިއަން ރުފިޔާއިން 351 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. ނަމަވެސް އެއީ ކޮން ފީތަކެއްކަން ތަފާސްހިސާބުން ސާފެއްނުވެއެވެ.

މީގެ އިތުުރުން، ދައުލަތުގެ ކުންފުނިތަކުގެ ޑިވިޑެންޑް މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 411 މިލިއަން ރުފިޔާގައި ނަމަވެސް މި އަހަރު އެ އަދަދު ވަނީ 340 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

https://s3.sun.mv/224472

ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީ މިހާރު 22.4 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، ސަރުކާރުން ވަނީ މި އަހަރު 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޖުމްލަ ޚަރަދުގެ 87 އިންސައްތަ ޚަރަދުކޮށްފައިވަނީ ދުވަހުން ދުވަހަށް ހިނގާ ރިކަރަންޓް ޚަރަދުތަކަށެވެ.

comment ކޮމެންޓް