ޒަމާނީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ފީޗާސްތަކާއެކު ސޮނީގެ މަޝްހޫރު ސައިބާ-ޝޮޓް ކޮމްޕެކްޓް ކެމެރާ ލައިނަޕަށް އިތުރުކުރި އެންމެ ފަހުގެ މޮޑެލް "ސޮނީ އާރުއެކްސް10 ވީ" ދުނިޔޭގެ ބާޒާރަށް ނެރެފިއެވެ.
ފަސްވަނަ ޖީލުގެ މި ކެމެރާގައި ހިމަނާފައިވާ ޚާއްޞަ އޭއައި ޕްރޮސެސިން ޔުނިޓުގެ އެހީގައި އިންސާނުންނާއި، ޖަނަވާރުން، ދޫނިސޫފާސޫފި، ސައިކަލް، ކާރު އަދި ބޯޓުފަހަރު ފަދަ ތަކެތި މާ ފަސޭހައިން ދެނެގަނެ، އޮޓޯއިން ފޯކަސްކޮށް ޓްރެކްކުރުމުގެ ފާހަގަކޮށްލެވޭ ޤާބިލުކަން ލިބިގެންވެއެވެ. މީގެ އިތުރުން މި ކެމެރާގައި ބޭނުންކޮށްފައި ވަނީ 24-600 އެމްއެމް ގެ ފޯކަލް ރޭންޖެއް އެކުލެވޭ ޒައިސް ވެރިއޯ-ސޮނާ ޓީ އެސްޓަރިސްކް ލެންސެކެވެ.
މި ކެމެރާގެ ސެންސަރަށް ބަލާއިރު، 20.1 މެގަޕިކްސެލްގެ އެކްސްމޯ އާރް.އެސް ސީ.އެމް.އޯ.އެސް ސެންސަރަކާއެކު، ސޮނީގެ އަމިއްލަ ބަޔޮންޒް އެކްސްއާރް އިމޭޖް ޕްރޮސެސަރެއް ވަނީ ހަރުކޮށްފައެވެ. އަދި ބްލެކްއައުޓްވުމެއް ނެތް ގޮތަށް ސިކުންތަކު 30 ފްރޭމްގެ ބާރުމިނުގައި މެދުކެނޑުމެއްނެތި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް މި ކެމެރާ ފަހިކޮށްދެއެވެ.
ވީޑިއޯގްރަފީއަށް ބަލާއިރު، 4ކޭ ކޮލިޓީގައި ސިކުންތަކު 120 ފްރޭމްގެ ރޭޓުން ވީޑިއޯ ރެކޯޑްކުރެވޭއިރު، 5 އެކްސް ސްލޯ-މޯޝަން ޕްލޭބެކް ސަޕޯޓްކުރެއެވެ. މީގެ އިތުރުން 10-ބިޓް 4:2:2 ރެކޯޑިންއާއި، އެކްޓިވް މޯޑް އިމޭޖް ސްޓެބިލައިޒޭޝަން ފަދަ ޕްރޮފެޝަނަލް ފީޗާތައް ހިމެނެއެވެ. ކެމެރާގައި 3.68 މިލިއަން ޑޮޓްގެ އިލެކްޓްރޯނިކް ވިއުފައިންޑަރަކާއި 3.0 އިންޗީގެ ޓިލްޓިންގް އެލްސީޑީ ޓަޗްސްކްރީނެއް ވަނީ ހަރުކޮށްފައެވެ.
ކަނެކްޓިވިޓީގެ ގޮތުން ވައިފައި 6 އާއި ބްލޫޓޫތު 5.0 ގެ އިތުރުން ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް ހިމެނޭއިރު، ސޮނީގެ ކްރިއޭޓާސް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިލްތައް ޓްރާންސްފާކޮށް ރިމޯޓްކޮށް ކެމެރާ ކޮންޓްރޯލް ކުރެވެއެވެ. މި ކެމެރާގައި ބޭނުންކުރާ އެންޕީ-އެފްޒެޑް100 ބެޓެރިން އެއްފަހަރު ޗާޖުކޮށްގެން 630 އެއްހާ ފޮޓޯ ނެގޭނެ ކަމަށް ސޮނީއިން ހާމަކުރެއެވެ.

މިކެމެރާގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮޓޯފޯކަސް ކުރުމުގެ ޒަމާނީ ނިޒާމެއް ހިމަނާފައިވޭ ----
ސޮނީގެ އާރުއެކްސް10 ސީރީޒްގެ ކެމެރާތަކަކީ ގިނަ ބޭނުންތަކަކަށް އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ، އަދި ޚާއްޞަކޮށް ދުރުގައި ހުންނަ މަންޒަރުތައް ކައިރިކޮށްގެން ނެގުމަށް ޒޫމްކުރުމުގެ ޤާބިލުކަން ބޮޑު ކެމެރާތަކެއްގެ ގޮތުގައި ފޮޓޯގްރާފަރުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސީރީޒްއެކެވެ.
މީގެ ކުރިން މި ސީރީޒްގައި ނެރެފައިވާ މޮޑެލްތަކާ ޚިލާފަށް، އަލަށް ތަޢާރަފުކުރި ފަސްވަނަ ޖީލުގެ މި ކެމެރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮޓޯފޯކަސް ކުރުމުގެ ޒަމާނީ ނިޒާމެއް ހިމަނާފައިވުމަކީ، ކޮމްޕެކްޓް ކެމެރާތަކަށް އައިސްފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިއީ ސޮނީގެ ޕްރޮފެޝަނަލް އަދި އަގުބޮޑު 'އަލްފާ' ސީރީޒްގެ ކެމެރާތަކުގައި ބޭނުންކުރާ ފަދަ ޒަމާނީ ފީޗާތައް، އާންމުކޮށް ބޭނުންކުރާ ކެމެރާތަކަށް ގެނައުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު މުހިންމު ބަދަލެކެވެ.
ޔޫރަޕްގެ ބާޒާރުގައި މި ކެމެރާގެ އަގު އުޅެނީ 2،499 ޔޫރޯގައެވެ.