އެމްބާޕޭގެ އަނިޔާ ސީރިއަސްއެއް ނޫން، ބަދަލުކުރީ ރިސްކު ނުނަގަންވެގެން

ފީފާ ވޯލްޑް ކަޕު 2026 ގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އެމްބާޕޭ ދަނޑުމަތީގައި އިށީނދެލައިގެން--

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލްގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި މޮރޮކޯ މެޗުގައި އޭނާ ބަދަލުކުރީ އިތުރު ރިސްކެއް ނަގަން ބޭނުންނުވާތީ ކަމަށް ފްރާންސް ޓީމުން ބުނެފިއެވެ.

މޮރޮކޯ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް ދަތުރުކުރި މެޗުގެ 77 ވަނަ މިނެޓުގައި، ކަނާތު ފަޔަށް ތަދެއްވެގެން އެމްބާޕޭ ވަނީ ދަނޑުމަތީގައި އޮށޯވެ، ބަދަލަކަށް އެދިފައެވެ. އަދި އޭނާ ދަނޑުން ބޭލުމަށްފަހު ބެންޗުގައި އިންއިރު ކަނާތު ފަޔަށް އައިސް އަޅާފައި ހުރުމުން ގިނަ ބަޔަކު ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ނަމަވެސް މެޗުން ފްރާންސް މޮޅުވުމާއެކު އޭނާ ވަނީ ޓީމާއެކު ދަނޑުމަތީގައި އުފާފާޅުކޮށް ފުންމާ ހަދާފައެވެ.

މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ 27 އަހަރުގެ އެމްބާޕޭ ބުނީ، އޭނާ ބަދަލުކުރަން އެދުނީ ކަށިމައްޗަށް ތަދެއް އެރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ހާލު މުޅިން ރަނގަޅު ކަމަށެވެ.

އަނިޔާއާ ގުޅިގެން ފަޔަށް އައިސް އަޅައިގެން އެމްބާޕޭ ބެންޗުގައި--

މި މެޗުގައި އެމްބާޕޭ ވަނީ ފްރާންސްގެ ފުރަތަމަ ލަނޑު ޖަހައި، ދެވަނަ ލަނޑު ޖެހުމަށް އުސްމާން ޑެމްބެލޭއަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. ނަމަވެސް އެމްބާޕޭ ވަނީ މި މެޗުގައި ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ.

މެޗުގައި ޖެހި ގޯލާއެކު އެމްބާޕޭ ވަނީ މި ފަހަރުގެ މުބާރާތުގެ ރަން ބޫޓުގެ ރޭހުގައި އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއްވަރަށް އަށް ގޯލު ހަމަކޮށްފައެވެ.

އަންނަ އަންގާރަ ދުވަހު ޑަލަސްގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ ސްޕެއިން ނުވަތަ ބެލްޖިއަމްއާއެވެ.

އެމްބާޕޭ ބުނީ ސެމީއަށް ދިއުމުން އުފާވާ ކަމަށާއި، ނަމަވެސް ކުރިއަށްއޮތް މެޗުތައް މާ އުނދަގޫވާނެކަން އެނގޭތީ، މާދަމާ ކުޅޭ މެޗު ބަލައި، ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ.

comment ކޮމެންޓް