ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގެ ތާވަލުގެ ދެވަނައަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.
ތާވަލުގެ ދެވަނަ މަގާމަށް ނިއު ޖެހިލީ ރޭ ޤައުމީ ފުޓްބޯޅަ ދަނޑުގައި ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 6-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޓީސީ އާއި، ނިއު ރެޑިއަންޓުގެ އިތުރުން ބުރު ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އޮޑި ސްޕޯޓްސް ކުލަބު އަދި ކެޔޮދޫއެވެ.
ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
މި މެޗުގައި ނިއު ރޭޑިއަންޓުގެ މުޙައްމަދު އިޒާން އަލީ ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ ޒާކި މުޖުތަބާ ޒާހިރު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިސްމާޢީލް ރާއިފް ވާފިރެވެ.

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ އެފްއޭއެމް
މި މެޗުގައި ޓީސީން ޖެހި ފުރަތަމަ ލަނޑު ޕެނަލްޓީއަކުން މާއިޝް މުޙައްމަދު ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ޖަހައިދިނީ ރާއިން ހިޝާމެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައަށް ނިއު ރޭޑިއަންޓް ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބުުނުއިރު، ތިންވަނައިގައި އޮތް މާޒިޔާއަށް ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗުން ބަލިވި ޓީސީ އޮތީ ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކެޔޮދޫ އާއި މާޒިޔާއެވެ. މި މެޗު ކާމިޔާބުކޮށްގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު މާޒިޔާއަށް އެބައޮތެވެ.