އެއިޓީން ތާޓީ 2026: ބިސްބުރު އަތުން ޗެމްޕިއަން ޑީއެސްސީއަށް މޮޅެއް

އެއިޓީން ތާޓީ 2026 ގައި ރޭ ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު ދިވެހި ސިފައިންގެ ކުލަބުގެ ތަރި ސުމައްޔާ-- ފޮޓޯ: ފޮޓޯ މާސްޓާ

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ 2026 ގައި ރޭ ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން އެންމެފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) މޮޅުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު މެޗުން ސިފައިންގެ ކުލަބު މޮޅުވީ ބިސް ބުރު އަތުން 6-2 ގެ ނަތީޖާއަކުންނެވެ.

މި އަހަރުގެ އެއިޓީން ތާޓީގައި ތިން ޓީމެއް ވާދަކުރާއިރު، މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްމަންޓާއެކު އެވެ.

މިއަހަރު ވާދަކުރާ ޓީމުތަކަކީ ޑީއެސްސީ، ކުލަބު ވެމްކޯ އަދި ބިސް ބުރު ސްޕޯޓްސް ކުލަބެވެ. އެއާއެކު މުބާރާތުގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ދެ ލެގު ކުޅުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މި މެޗުގައި ސިފައިންގެ ކުލަބުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސުމައްޔާ މަތުސުޝިމާ ހެޓްރިކެއް ހެދިިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ މައީޝާ އަބްދުލް ހަންނާން، ޝަހުފާ ޝިއުތު އަދި މަރިޔަމް ރިފާއެވެ. ބިސް ބުރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަގްނެސް އަދި އައިޝަތު ޝަޒްފީނެވެ.

އެއިޓީން ތާޓީ 2026 ގައި ރޭ ބިސް ބުރު ސްޕޯޓްސް ކުލަބާ ދިވެހި ސިފައިންގެ ކުލަބު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ސިފައިންގެ ކުލަބު ޖެހިލީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. މުބާރާތުގެ ފުރަތަމަ މެޗުން ސިފައިންގެ ކުލަބު ވަނީ ވެމްކޯ އަތުން 5-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. ދެވަނައިގައި އޮތް ވެމްކޯއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބިސް ބުރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު